Velidhoo aai Alifushi sihhee marukazu hospital akah badhalu kuranee
image
މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ރާއްޖެއެމްވީ
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ވެލިދޫ އަދި އަލިފުށި ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރަނީ

ނ. ވެލިދޫ އާއި ރ. އަލިފުށީ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް އަޅަން ޖެހޭ އިމާރަތް ޑިޒައިންކޮށް ބިލް އޮފް ކުއެންޓިޓީ (ބީއޯކިއު) ތައްޔާރުކޮށްދިނުމަށް ބަޔަކާ ހަވާލުކޮށްފި އެވެ.
ހެލްތު މިނިސްޓްރީ ގައި މިއަދު އޮތް ރަސްމިއްޔާތުގައި ނ. ވެލިދޫ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަޝްރޫއު ހަވާލުކޮށްފައި ވަނީ އިޕޮކް އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓެޑާ އެވެ.

އެ މަޝްރޫއުގެ އަގަކީ 96،000 ރުފިޔާ އެވެ. އެމަޝްރޫއު ނިންމަން އެ ކުންފުންޏަށް 25 ދުވަހުގެ މުއްދަތެއް ދީފައިވާއިރު، ރ. އަލިފުށީ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލު ކުރުމަށް އަޅަން ޖެހޭ އިމާރަތް ޑިޒައިން ކުރުމާއި، އެ އިމާރާތުގެ އާކިޓެކްޗަރަލް އަދި ސްޓްރަކްޗަރަލް ސާވިސަސް ކުރެހުންތަކާއި ބީއޯކިއު ތައްޔާރު ކުރުމަށް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ އެވެ.

އެމަޝްރޫއުގައި ހެލްތު މިނިސްޓްރީގެ ފަރާތުން މިނިސްޓަރު އަބްދުﷲ އަމީން ސޮއި ކުރައްވާފައިވާއިރު އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީޕް އޮޕަރޭޓިން އޮފިސަ ޝާހިދު ހުސައިން މޫސާ އެވެ.

އެ މަޝްރޫއުގެ އަގަކީ ދެލައްކަ ތިރީސް ހަތް ހާސް ރުފިޔާ އެވެ. އަދި އެ މަޝްރޫއު ނިންމުމަށް އެމްޓީސީސީ އަށް ވަނީ 28 ދުވަސް ދީފަ އެވެ.

އެދެ ރަށުގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރެވުމުން އެ ރަށްރަށުގައި ދަރަޖަ އެކެއްގެ ހޮސްޕިޓަލުތައް ގާއިމުކުރެވިގެންދާނެ އެވެ.

އެގޮތުން ކުޑަކުދިންގެ ބަލިތަކަށް ހާއްސަ ހިދުމަތްތަކާއި އަންހެނުންގެ ހާއްސަ ޑޮކްޓަރުންގެ ޚިދުމަތާއި، އެތެރެ ހަށީގެ ޑޮކްޓަރުންނާއި ހޭނައްތާ ޑޮކްޓަރުން އަދި އޮޕަރޭޝަން ޑޮކްޓަރުންގެ ހިދުމަތް ވެސް އެ ހޮސްޕިޓަލުތަކުން ލިބިގެން ދާނެ ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން ހަތަރު އެނދުގެ ޑަޔަލިސިސް ހިދުމަތާއި، އަލްޓްރާ ސައުންޑް ސްކޭންގެ ހިދުމަތާއި، އެކްސްރޭ، ދަތުގެ ހާއްސަ ފަރުވާ އާއި ލޭބާ ރޫމް ފަދަ ހިދުމަތްތައް ފެށިގެންދާނެ ކަމަށް ވެސް ހެލްތު މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ހިޔާލު