India ga filaigen ulhey Dhivehi kuh verin anburaa Raajje genevey ebbasvun Majilihun avas kuranee
image
ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދި ނަޝީދު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ސާޔާ އަހްމަދު
0 ކޮމެންޓް
 

އިންޑިއާގައި ފިލައިގެން އުޅޭ ދިވެހި ކުށްވެރިން ރާއްޖެ ގެނެވޭ އެއްބަސްވުން މަޖިލިހުން އަވަސްކުރަނީ

ދިވެހި ކުށްވެރިން އިންޑިއާގައި ފިލައިގެން އުޅޭ ނަމަ އަނބުރާ ރާއްޖެ ގެނައުމަށް އިންޑިއާގެ އެހީތެރިކަން ލިބޭ ގޮތަށް އޮތް ދެގައުމުގެ އެއްބަސްވުން ދިހަ ދުވަސް ތެރޭ ރައްޔިތުންގެ މަޖިލިހުގެ ތަޅުމަށް ފޮނުވަން ކޮމިޓީން ފާސްކޮށްފި އެވެ.
ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީ ބަދަލު ކުރުމަށް އިންޑިއާ އާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މައްސަލައަކީ 18 ވަނަ މަޖިލިހަށް ހުށަހެޅުމުން ފާސްނުކޮށް، ލަސްކޮށްފައި އޮތް މައްސަލަ އެކެވެ.

އެހެންކަމުން 19 ވަނަ މަޖިލިހުގައި ސަރުކާރުން އެދިފައި ވަނީ އެ މައްސަލައަކީ "އާޖަންޓް" މައްސަލައެއް ކަމަށް ބަލާ، ވީ އެންމެ އަވަހަކަށް ފާސްކޮށް ނިންމުމަށެވެ.

އިންޑިއާގައި ފިލައިގެން އުޅޭ ދިވެހި ކުށްވެރިން ރާއްޖެ ގެނެވޭނެ ގޮތަށް އޮތް އެ އެއްބަސްވުމުގެ މަސައްކަތް އަވަސް ކުރުމަށް އެދިފައިވާއިރު، ބޮޑެތި ކުށްތަކެއްގެ ތުހުމަތު ކުރެވޭ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު މިވަގުތު ހުންނެވީ ބޭސް ފަރުވާ އަށް އިންޑިއާގަ އެވެ.

ޖޫން 14 ގައި އިންޑިއާ އަށް ވަޑައިގެންނެވި އަދީބު ފަރުވާ ކުރައްވަނީ ގްލޮކޯމާ ނަމަކަށް ކިޔާ ލޮލުގެ ބައްޔަކަށެވެ. އަދީބު އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައި އޮތީ ޖޫން 26 ގައެވެ.

އަދީބު ބޭހަށް ފޮނުވުމަށް ކުއްލިއަކަށް ސަރުކާރުން ނިންމުމުން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރި އެވެ. އެގޮތުން އޭނާ އެނބުރި ރާއްޖެ ވަޑައިނުގަންނަވާނެ ކަމުގެ ޝަކުވާ ބޮޑުވި އެވެ. އެއާއެކު އަދީބާއެކު ފުލުހުންނާއި ކަރެކްޝަންސްގެ އޮފިސަރުން އިންޑިއާ އަށް ވަޑައިގެންނެވި އެވެ.

މަޖިލިހުގެ ސަލާމަތީ އަދި ހާރިޖީ ކަންތައްތަކާ ބެހޭ ކޮމިޓީން މިއަދު މެންދުރު ބޭއްވި ބައްދަލުވުމުގައި ނިންމާފައި ވަނީ އެއްބަސްވުމުގެ މައްސަލަ 10 ދުވަސް ތެރޭ ނިންމުމަށް ކުޑަ ކޮމިޓީއަކަށް ފޮނުވުމަށެވެ.

ކުޑަ ކޮމިޓީގެ މެމްބަރުންނަކީ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހްމަދު ހައިތަމް އާއި، ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމާއި، މަރަދޫ ދާއިރާގެ މެމްބަރު އަދި ކޮމިޓީގެ މުގައްރިރު އިބްރާހިމް ޝަރީފެވެ.

ކޮމިޓީގެ ބައްދަލުވުމުގައި އެއްބަސްވުމުގައި ހިމެނޭ ބައެއް ކަންކަން ފާހަގަކުރައްވާ ޝަރީފު ވިދާޅުވީ އެއީ ކުށްވެރިން ބަދަލު ކުރުމާއި، ފިލައިގެންދާ ކުށްވެރިން އަނބުރާ ފޮނުވުމާއި، އެފަދަ ކުށްވެރިންގެ މުދާ އެގައުމެއްގައި ހުރި ނަމަ އަތުލުމުގެ ކަންކަން ހިމެނޭ އެއްބަސްވުމެއް ކަމަށެވެ.

"މިސާލަކަށް އިހައް ދުވަހަކު އަޅުގަނޑުމެން މި ފޮނުވީ ނޫންތޯ ބޭހަށް ބޭފުޅަކު،" ކުރީގެ ނައިބު ރައީސް އަދީބަށް ނިސްބަތް ކުރައްވާ ޝަރީފު ވިދާޅުވި އެވެ.

ޝަރީފު ވިދާޅުވީ އެ އެއްބަސްވުމުގައި ވަނީ ޓެރަރިސްޓު އަމަލުތަކާއި، ގާނޫނާ ހިލާފު ބޮޑެތި މާލީ މައްސަލަތަކުގައި އެއް ގައުމުން އަނެއް ގައުމަށް އެހީތެރިވުމުގެ ވާހަކަ ކަމަށެވެ.

އެއްބަސްވުމުގެ މައްސަލަ މަޖިލިހަށް ފޮނުވާފައި ވަނީ އެޓާނީ ޖެނެރަލާއި، ޕްރޮސެކިއުޓާ ޖެނެރަލު ގާނޫނީ ލަފަ އާއި ރައީސް އޮފީހުން ކުރި ދިރާސާ ކަރުދާހަކާ އެކުގަ އެވެ.

"ޑިޔު ޕްރޮސެސް ފޮލޯ ކުރާނެ. ހައްގުތައް ހިމާޔަތް ކުރުމާއެކު. މިތާ ކޯޓަކުން ނެރޭ އަމުރެއް އިންޑިއާގައި ލާޒިމްވާނެ ތަންފީޒު ކުރަން،" އެއްބަސްވުމާ ބެހޭ ގޮތުން ޝަރީފު ވިދާޅުވި އެވެ.

ކޮމިޓީން މިއަދި ނިންމީ ތިން މެމްބަރުންގެ ކުޑަ ކޮމިޓީން އެ އެއްބަސްވުމުގެ މައްސަލަ އެންމެ ގިނަ ދުވަސް ވެގެން 10 ދުވަސް ތެރޭގައި ދިރާސާ ކުރުމަށްފަހު މަޖިލިހުގެ ރަޅުމަށް ރިޕޯޓު ފޮނުވާށެވެ.
ހިޔާލު