Mimeehun midhakkaa vaahakain meehaku heehee halaaku vedhaane!
image
އިދިކޮޅު ޕީޕީއެމްގެ ރައީސް، އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ޕީޕީއެމްގެ ސަރުކާރުގެ ދުވަސްވަރު އެސަރުކާރުގެ ބައެއް އިސްވެރިން--
12 ކޮމެންޓް
 

މިމީހުން މިދައްކާ ވާހަކައިން މީހަކު ހީހީ ހަލާކުވެދާނެ!

ރާއްޖޭގެ ޖަލުތަކުގައި ޤައިދީންނަށް އަނިޔާ ކުރުމުގެ ސަގާފަތް އިޔާދަވާން ފަށާފައިވާ ކަމަށް އިދިކޮޅު ޕީޕީއެމުން ބުނުމުން ނުހޭން ހުންނަ މީހާއަށް ހެވޭނެ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު މާފުށީ ޖަލުގައި ހިނގާދިޔަ ހަމަނުޖެހުމާ ގުޅިގެން ޕީޕީއެމުން ނެރުނު ނޫސް ބަޔާނެއްގައި ބެނެފައި ވަނީ، ޒަމާންތަކެއް ވަންދެން ޖަލުތަކުގައި އަނިޔާ ކުރުމުގެ ސަޤާފަތް ހުއްޓުވުމަށް ކުރީގެ ސަރުކާރުތަކުން ކުރި ބުރަ މަސައްކަތުން ޖަލުތަކުގައި އަނިޔާ ކުރުމުގެ ސަގާފަތް ވަނީ އެއްކޮށް ހުއްޓުވާފައި ކަމަށެވެ.

ޕީޕީއެމުން އެގޮތަށް ބުނިއިރު، ޖަލު ބަލަހައްޓާ ފަރާތްތަކުގެ އިހުމާލުން ފަސް އަހަރުގެ ދައުރު ނިމުނުތާ އަދި އަށް މަސް ދުވަސް ނުވާ ޕީޕީއެމް ސަރުކާރުގެ ދުވަސްވަރު، މަރުގެ ހާދިސާތަކެއް ހިނގާފައިވާ ކަމަށް ވަރަށް ގިނަ ފަރާތްތަކުން ތުހުމަތު ކޮށްފައި ވެއެވެ. އޭގެ ތެރޭގައި ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު މަހްލޫފް ހިމެނެ އެވެ.

މޭޑޭ މުޒާހަރާއާ ގުޅިގެން ޖަލަށް ހުކުމްކޮށް، ޖަލުގައި ހުއްޓާ މަރުވި އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލަކީ ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ދުވަސްވަރު ހިނގާފައިވާ ހާދިސާއެކެވެ. އަބްދުﷲ ރަޝީދު މަރުވެފައި ވަނީ ބައެއްގެ އިހުމާލުން ކަމަށް އެޗްއާރުސީއެމްގެ ތަހުގީގު ރިޕޯޓުން ވަނީ އެނގިފަ އެވެ. އަދި އެކަމުގައި އިހުމާލި ފަރާތްތަކަމާ މެދު ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގައި ވެސް ވަނީ އެދިފަ އެވެ.

މޭޑޭގެ މުޒާހަރާ އާއި ގުޅިގެން ޖަލުގައި ދުވަސްތަކެއް ހޭދަކުރި އިބްރާހިމް ރަޝީދަށް ވަނީ ހަމުގެ ބައްޔެއް ޖެހިފަ އެވެ. އޭނާ މިހާރު ހުރީ ވަރަށް ނިކަމެތި ހާލުގަ އެވެ.

މިއީ އަދި ދެމީހެއްގެ ވާހަކަ އެވެ. ނިމިދިޔަ ރައީސް ޔާމީންގެ ސަރުކާރުން ޖަލުގައި އަނިޔާ ކުރާ ވާހަކަ އާއި ޖަލު ބަންދުގައި ތިބޭ މީހުންނަށް ބޭސްފަރުވާ ނުދޭ މައްސަލަކީ ތާއަބަދު ދެކެވޭ ވާހަކަ އެވެ.

ނަމަވެސް ޕީޕީއެމުން ބުނަމުން ދަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، މިވީ ހަތް މަސް ދުވަހުގެ ތެރޭގައި ޖަލުތައް ބެލެހެއްޓުގެ ޕްރޮފެޝަނަލް ތަމްރީންތައް ލިބިފައިވާ އެތައް ބަޔަކު ވަޒީފާ އިން ވަކިކޮށް އެމަގާމުތަކަށް ސިޔާސީ އެކްޓިވިސްޓުން ލައިގެން ޖަލުތަކުގެ ހާލަތު މިހާރު 2003 ވަނަ އަހަރު މާފުށީ ޖަލުގައި އަނިޔާކޮށް މަރާލި އީވާން ނަސީމް މަރާލިއިރު، އޮތް ހާލަތަށް ބަދަލުވާން ފަށާފައިވާ ކަމަށެވެ.

ޕީޕީއެމަށް ނޭނގުނު ކަމަކީ ޒަމާންތަކެއް ވަންދެން ޖަލުތަކުގައި އަނިޔާ ކުރުމުގެ ދިގު ސަޤާފަތް ހުއްޓުމަކަށް އައިސްފައި ނުވާ ކަމެވެ. އެބުނާ އީވާން ނަސީމަށް އަނިޔާކޮށް މަރާލީ ވެސް ތިޔަ ޕީޕީއެމްގެ ކުރީގެ ވެރިންގެ ރަން 30 އަހަރުގެ ވެރިކަމުގަ އެވެ. އޭގެ ފަހުން، އާ ގާނޫނު އަސާސީ އެއް އެކުލަވާލައި، ޑިމޮކްރެޓިކް އުސޫލުން ބޭއްވި ފުރަތަމަ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް، ފުރަތަމަ ޑިމޮކްރެޓިކް ވެރިޔާ، ކުރީގެ ރައީސް ނަޝީދުގެ ސަރުކާރު ބަޣާވާތަކުން އެންމެ ތިން އަހަރުގެ ތެރޭގައި ވައްޓާލީ ވެސް ހަމަ ތިޔަ ވިދާޅުވާ ވެރިން ނޫންތޯ އެވެ.

މުޅި ނިޒާމު ގަޑުބަޑުކޮށް، ހުރިހާ ބާރުތަކެއް މުށު ތެރެއަށް ލައިގެން ހިންގި އެވެރިކަން ނިންމައި، ރައީސް ނަޝީދުގެ ސަރުކާރުން ކަންކަން ރަނގަޅު ކުރަމުން ދަނިކޮށް، ވެރިކަން ވައްޓާލުމުގައި އުޅުއްވީ ވެސް ހަމަތިޔަ ބަޣާވާތުގެ ލީޑަރުން ނެވެ. ޖަލު ކީއްކުރަން ތޯއެވެ. މުޅި ޖުޑީޝަރީ އިސްލާހު ކުރަން އެމްޑީޕީން ކުރަން ފެށި މަސައްކަތް އޭރު ނުކުރެވުނީ ވެސް ހަމަ ތިޔަ ބައިގަނޑުގެ ސަބަބުންނެވެ.

ރައީސް ނަޝީދުގެ ސަރުކާރުން، ރެޑް ވޭވް ސަލީމް ގޭގައި ޑްރަގް ބޮޑު ނެޓްވޯކެއް ހިންގަމުން ދަނިކޮށް، އަތުލައިގަނެ، އެ މީހުންގެ މައްޗަށް ޖަލަށް ހުކުމް ކުރުމުން، ބަޣާވާތައްފަހު، މިނިވަން ވެގެން ދިޔަ ގޮތް ހަދާން ނެތޭހާ ދުވަހެއް ނުވެ އެވެ. ޖަލުގައި ތިބި އެ ނެޓްވޯކުގެ މީހުން ބަލާ، ޖަލަށް ވަޑައިގެންނެވީ ވެސް ޕީޕީއެމަށް ނިސްބަތްވާ މަޖިލިސް މެމްބަރުން ނޫންތޯ އެވެ. އެފަދަ ބޮޑެތި ޑްރަގް ނެޓްވޯކްތަކާއި ގޭންގްތަކާއި ގުޅުން އޮންނަނީ ކޮން ބައެއްކަން ދިވެހި ކޮންމެ ރައްޔިތަކަށް އެނގޭ ވަރަށް އުމަރު ނަސީރު ވަނީ ކިޔާދީފަ އެވެ.

އެ ޑްރަގް ނެޓްވޯކްގެ ލީޑަރު ޖަލުގައި ހުއްޓައި ރާއްޖޭން ބޭރަށް ފޮނުވާލީ ވެސް ހަމަ ޕީޕީއެމް ސަރުކާރުން ނޫންތޯ އެވެ.

އެހެންވީމައި މިއަދު ޖަލުގެ ހާލަތު އިތުރަށް ގޯސް ކުރަން ކޮންމެހެން ޕީޕީއެމުން މަސައްކަތް ކުރާނެ ކަމެއް ނެތެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އާއި އެމަނިކުފާނުގެ ސަރުކާރުން ވަރަށް ވިސްނުންތެރި ކަމާއެކު ކަންކަން ރާވައި ކުރަން ޖެހޭ ކަންކަމާއި އަޅަންޖެހޭ ފިޔަވަޅުތައް ދަނީ އަޅަމުންނެވެ. ކޮންމެހެން ޖަލުގައި ތިބި މީހުންނަށް ގުޅައިގެން ޖަލު ހަލަބޮލި ކުރަން ނޫޅުއްވާށެވެ.

ޕީޕީއެމްގެ ސަރުކާރުން، ސަރުކާރުގެ އޮފީސްތަކާއި ދައުލަތުގެ އިދާރާތަކަށް އަދި ސަރުކާރުގެ ކުންފުނިތަކަށް އައްޔަން ކޮށްފައި ވަނީ، އިލްމީ، ގާބިލް އަދި ތަމްރީނާއި ތަޖުރިބާ ލިބިފައިވާ ބޭފުޅުން ކަމަށްވާނަމަ އެބަ ސުވާލު އުދެފެ އެވެ. ރަނގަޅަށް ފަންކްޝަން ކުރި ސަރުކާރުގެ އަދި ދައުލަތުގެ އިދާރާއެއް ދައްކަ ބަލާށެވެ. ފުރަތަމަ ރައީސް ޔާމީން އޮފީހަށް ވަޑައިގަންނަވާ ގަޑި އާއި އަނބުރާ ގެއަށް ވަޑައިގަންނަވާ ގަޑި އާއި ދެން ކުރައްވަނީ ކީއްކަން ދިވެހި ރައްޔިތުންނަކަށް ނޯޅެއެވެ. އެގޮތުން، ޑިގް ކުޅުއްވުމުގައި އިންނަވަނިކޮށް، ބަޔަކު މީހުން ރޭވުންތަކެއް ރާވައި ރިޔާސީ ލޯންޗުކޮޅުގައި ވެސް ބޮމެއް ގޮއްވާލާ، ބަޑި ގުދަނުގައި ހުރި ބަޑިތައް ކަނޑު އަޑިން ނަގަން ޖެހުނު އިރުވެސް ވެރިޔާ އަށް ރޭކާއެއް ނުލި ނޫންތޯ އެވެ. ރައީސް ޔާމީންގެ ވެރިކަމުގެ ހިންގާފައިވާ ޖަރީމާތުގެ ވާހަކަ އެއީ މިހެން ހަމަ ހުރެލާފައި ދެއްކޭ ވާހަކައަކަށްވުރެ މާބޮޑެތި ވާހަކަތަކެކެވެ. ލައްކަ ޖަރީމާ ހިންގައިފި އެވެ.

ޖަރިމާތައް ހިންގަމުން، ދައުލަތުގެ މުދަލާއި ފައިސާ ލޫޓުވަމުން، ގޮސް މުޅި ސަރުކާރު ފަލީހަތްވީ ހަމަ އެކަނި ދިވެހި ރައްޔިތުންގެ ކުރިމަތީގަ އެކަންޏެއް ނޫނެވެ. މުޅި ދުނިޔެ އަށް ނޫންތޯ އެވެ.

ވަޒީފާތަކަށް އައްޔަން ކުރި ބޭފުޅުންގެ ގާބިލް ކަމުން، ފަސް އަހަރުގެ ދައުރު ނިމުނުއިރު، ތިން ނައިބު ރައީސުން ހަމަޖައްސަން ޖެހުނު ނޫންތޯ އެވެ. ޑިފެންސް މިނިސްޓަރު ކަމާއި ހޯމް މިނިސްޓަރު، ދެން ކިޔާނެ ކަމެއް ނެތެވެ، ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ވެސް ފަސް ބޭފުޅުން އައްޔަން ކުރަން ޖެހުނު ނޫންތޯ އެވެ.

ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް، އުފައްދާފައިވާ، އެމްއެމްޕީއާރުސީ ކިޔާ ކުންފުނި ހަވާލުކުރި މީހުން ދިޔައީ، ވެރިޔާއަށާއި ދެންތިބި ކުދި ވެރިންނަށް ވެސް ބައި އަޅަމުން މުޅި ދައުލަތް ލޫޓުވަމުން ނޫންތޯ އެވެ. ރައްޔިތުންނަށް ކަރަންޓާއި ފެނާއި ނަރުދަމާ ގާއިމުކޮށްދޭން އުފެއްދި ފެނަކައިގެ ވެރިން ދިޔައީ ފާތުން މެޑަމަށާއި ދެންތިބި ކުދި ވެރިންނަށް ބައި އަޅައިގެން ދައުލަތުގެ ފައިސާ އަށް ހިޔާނާތް ވަމުންނޫންތޯ އެވެ. އެސްޓީއޯ، އެމްޕީއެލް، މިފްކޯ މިހެންގޮސް ކިޔާނެ ކަމެއް ނެތެވެ، މޯލްޑިސްވް ގޭސްގެ ލާރިގަނޑުން ވެސް މެޑަމް ފާތުންގެ މަންމާފުޅުގެ ހަނދާނުގައި އެޅީ މިސްކިތެއް ނޫންތޯ އެވެ.

އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު، ދައުލަތުގެ ތިޖޫރީ އޮތީ ވަގަށް ނަގާފަ އެވެ. ދައުލަތުގެ ސަލާމަތީ ބާރުގެ ފޫވެއްޓި، ބަޑި ގުދަނުގެ ތަޅުދަނޑި ވެސް ވަނީ ވަގަށް ނަގާފަ އެވެ. އަދުލްއިންސާފުގެ ވާހަކަ ދައްކަން ހެޔޮނުވާނެ އެވެ. ޖުޑީޝަރީއެކޭ، ޓޫރިޒަމް މިނިސްޓްރީން ޓޫރިޒަމް އިތުރަށް ފުޅާކުރުމަށްޓަކައި، ރިސޯޓެއް ހުޅުވަން ދޫކުރާ ފަޅު ރަށަކަށް އިއުލާން ކުރާ "ބިޑް" އެކޭ ތަފާތެއް ނެތެވެ. ބޮޑު އަގު ހުށަހަޅާ ފަރާތް ބުނާ ގޮތަށް ހުކުމް ޖަހާ ދިނުމުގައި އަވަދިނެތި އެވެ.

މިފަދަ އަށް އޮތް ގައުމެއް ރަނގަޅު ކުރަން ލައްކަ ދުވަސް ނަގާނެ އެވެ. ނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ދައުރު ނިމުމުގެ ކުރިން އެފަދަ ގިނަ ކަންކަމަށް ހައްލެއް ލިބިގެން ދާނެ ކަމާމެދު ރައްޔިތުން ޝައްކެއް ނުއުފައްދަ އެވެ. ރައްޔިތުން ތިބީ ޔަގީން ކަމާއެކުގަ އެވެ. އޭގެ އެއް ސަބަބަކީ، ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ރައްޔިތުން "ބޯކޮށް" ދިން ވޯޓެވެ. އަނެއް ސަބަބަކީ ޖެހިގެން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ރައްޔިތުންގެ "ބޯކޮށް" ދިން ވޯޓެވެ.
ހިޔާލު

ދެރަ

މާބޮޑަށް އެއްކޮޅަށް ބުރަވެފައިވާ ނޫހެއް. މީ ނޫސްވެރި ކަމެއްނޫން.

ހަމަ

ފުރިހަމަލިޢުމެއް

ކިނބޫ ނިއުސް

ހިނިއަންނަނީ ފުރަގަސްފަރާތަށާއި ކުރިމަތިފަރާތަށް ޕެޕަސްޕްރޭ ޖަހާތީ، ލިޔުންތެރިޔާ ހިނިއަންނަނީ ކިހާވަރެއް ދީގެންބާ؟؟؟

އައިސް

އަދި މާހެއްވައޭ ކުރި ކަމެއް ނެތި ދައުލަތުގެ ރިޒާވް ދައްވަމުން ދާތީ...

އައިސް

އަދި ހީހީ ހަލާކު ވަނީ ނާސްތާ އެކޭ މިކިޔާ ހަޑި މިރަށް ފުށުގަ އެންމެ ޕެކެޓް ގަނޑެއް މާލޭގަ މޮޅު ކޮއްތު......

ސަކީނާގެ އަމާ

އަދި މާހިނި އާދޭ ނާގާބިލު މީހުން ކޮސް ތަޅަތަޅާ ތިބި ބަޔަކު ފަޑިޔާރުން ނާ ޖަދަލު ކުރާތީ.......

އައިސް

އަދި މާހިނި އާދޭ ހާޖަރާގެ ލުތުފީ 19 ދިވެހިންގެ ގާތިލު މިހާރު ލަންކާގަ ދިވެހި އެމްބަސީގަ ދިރި އުޅޭތީ...އަދި މާހިނި އާދޭ ސިމްބޮލިކު ޝަރީކު ކޮއްފަ މަރުވީމަ ބުއްދާ އާ ޔޫރަޕިއަން ޔޫނިއަނުން ސަލާމަތް ކުރާނެ ކަމަށް ތެޅޭތީ.......

އައިސް

ދުނިޔޭގެ ހަތަރު ބިތުގަ ތެޅިފަ އަދުލު އިންސާފޭ ގޮވަމުން އައިސް 6 ދުވަސް ވީ ކުއްޖަކު ގެއްލި އަދި އެވެސް ޖެންޑާގަ އެ ނޫނަސް ޖަލުގެ ހަމަނުޖެހުމާ.ކަދުރޭ ގޮވާފަ މިފަހަރު ގައިމު މިރަށު.227 ގެއަށް ލިބުނީ 70 ޕެކެޓް މިޖެހުނީ ކޮންތާކުތޯ ނޫހެއްގަ ނުލިއުނަސް އަހަރެމެން ދުލުހިފާ ނުދަމާ މިތިބީ ހޭލާ ވާގޮތް ފެނޭ ސަރުކާރުގެ ފޭލިއަރ އަހަރެމެން ގޮވާނަން ހުރިހާ މާލަމެއްގަ ހެޔޮ ކޮމެންޓް ނުޖެހިޔަސް .........

މަރީ

ފުރިހަމަ ލިޔުމެއް. އައްސަރިބަހާ ސާބަސް.

ހާމް

ކަނު ގޮލައެއް ލިޔެފައި އޮތް ލިޔުމެއް. ޙަަހަހާ

ހާމް

ކަނު ގޮލައެއް ލިޔެފައި އޮތް ލިޔުމެއް. ޙަަހަހާ

މަހާ

ހީހީ ހަލާކު މިވަނީ ސީއެންއެމް މިނިވަން ކަމުން، ތީ އެމްޑީޕީގެ ޕުރޮބެގެންޑާ ތަށް ފަތުރާ މެސިނެއް