Jalu hama nujehumuge thahugeegu haamakan bodu gothehggai kuriyah gendhiyumah govaalaifi
image
ގައިދީންތަކެއް-- ފޮޓޯ: މިހާރު
0 ކޮމެންޓް
 

މާފުށި ޖަލުގައި ހިނގި ހަމަނުޖެހުމުގެ ތަހުގީގު ހާމަކަންބޮޑު ގޮތެއްގައި ކުރިއަށް ގެންދިއުމަށް ގޮވާލައިފި

މިދިޔަ ބުރާސްފަތި ދުވަހު މާފުށީ ޖަލުގައި ހިނގާދިޔަ ހަމަނުޖެހުން ތަހުގީގު ކުރަމުންދާއިރު ހާމަކަން ބޮޑު ގޮތެއްގައި އެކަން ކުރިއަށް ގެންދިއުމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ގޮވާލައިފިއެވެ.
މާފުށީ ޖަލުގައި ހިނގާދިޔަ ކަންކަން ކުށްވެރިކޮށް އެޖަމިއްޔާއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތަށް މާފުށީ ޖަލުގައި އެކަންތައް ހިނގި ކަމަށްވާނަމަ އެއީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާއި، ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކުގެ މުއާހާދާތަކުގައިވެސް ކުށްވެރި ކޮށްފައިވާ ކަންތައްތައް ކަމަށެވެ.

އެހެންކަމުން މި އަނިޔާވެރި އަމަލުތަކުގެ ސަބަބުން ޒަހަމްވެފައިވާ ފަރާތްތަކަށް ސިއްހީ ފަރުވާ ފޯރުކޮށްދިނުމާއި ހިނގާދިޔަ އެ ކަންތައް ތަހުގީގުކޮށް މިކަމުގައި ކުށްވެރިވާ ފަރާތްތަކާމެދު ފިޔަވަޅުއެޅުމާއި އަނިޔާ ލިބުނު ފަރާތްތަކަށް އިންސާފު ހޯދާދިނުމުގެ މަސައްކަތް ހާމަކަމާއެކު ދައުލަތުގެ ހުރިހާ ކަމާބެހޭ ހުރިހާ ފަރާތްތަކުން ގެންދިއުމަށް މިހާރުން މިހާރަށް ގޮވާލައި ކަމަށް ޓްރާންސްޕޭރަންސީގެ ބަޔާނުގައި ވަނީ ބުނެފައެވެ.

މީގެއިތުރުން މާޒީގައި ހިންގާފައިވާ އަނިޔާގެ އަމަލުތައް ބަލާ އެކަންކަމުގެ ޝިކާރައަކަށްވެފައިވާ ފަރާތްތަކަށް އިންސާފު ލިބިދޭންޖެހޭކަމަށް ގަބޫލުކުރާ ކަމަށާއި އެހެންކަމުން މާޒީގައި ހިންގާފައިވާ ކަންކަން ލަސްނުކޮށް ބެލުމަށްވެސް އެޖަމިއްޔާގެ ބަޔާނުގައި ވަނީ ބާރު އަޅާފައެވެ. އަދި ހަމައެއާއެކު މިފަދަ ކަންކަން ބެލުމަށް ގާނޫނުން ބާރުދީފައިވާ ހިއުމަން ރައިޓްސް ކޮމިޝަން އިހުމާލުވެފައިވާ މިންވަރު ބެލުމާއި އެ ކޮމިޝަން ޖަވާބުދާރީ ކުރުވުމަށް ވެސް އެ ބަޔާނުގައި ވަނީ ބާރުއަޅާފައެވެ. ހަމައެއާއެކު މިކަމުގެ ތަހުގީގު، ހާމަކަމާއެކު، އާންމުންނަށް އިނގޭނެހެން ކުރިއަށް ގެންދިއުމަށްވެސް ޓްރާންސްޕޭރަންސީގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

ޓްރާންސްޕޭރަންސީގެ ބަޔާނުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ޖަލުތަކަކީ ޒަމާނުއްސުރެ، ލާއިންސާނީ އަނިޔާ އާންމުވެ، އެފަދަ އަނިޔާތަކުގެ ޝިކާރައަކަށްވެފައިވާ ފަރާތްތަކަށް މިއަދާ ހަމައަށްވެސް އިންސާފު ނުލިބި، އެފަދަ ދަށު ދަރަޖައިގެ އަމަލުތައް ހިންގި ފަރާތްތައް އަދާހަމައަށްވެސް ގާނޫނުގެ ކުރިމައްޗަށް ހާޒިރުކުރެވިފައި ނުވާ ގައުމެއް ކަމަށެވެ.

"އެކަމުގެ ނަތީޖާއަކީ މިނިވަންކަން ގެއްލޭގޮތަށް ދައުލަތުގެ ބެލުމުގައި ބައިތިއްބާފައި ތިބޭ ފަރާތްތަކަށް ލިބެންޖެހޭ ހިމާޔަތާ ރައްކާތެރިކަން ނުލިބި، އެ ފަދަ އަނިޔާވެރި އަމަލުތައް ހިންގާފައިވާ ފަރާތްތައް، އެފަދަ މުއައްސަސާތަކުގައި އަދިވެސް ހަރަކާތްތެރިވަމުން ދިއުން،" އެޖަމިއްޔާގެ ބަޔާނުގައި ވަނީ ބުނެފައެވެ.

ހަމަމިއާއެކު، މުޖުތަމައުއިންނާއި، ސިޔާސީ ފަރާތްތަކުން، ޖަލުތަކުގެ ކަންކަން ރަނގަޅުކުރުމަކީ ކުރަން ނުޖެހޭކަމެއްގެ ގޮތުގައި ޒަމާނުއްސުރެ ދެކެމުން އައުމާއި، ކުށެއް ސާބިތުވެ ނުވަތަ ތުހުމަތުކުރެވިގެން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ފަރާތްތަކަކީ އިންސާނީ ކަރާމާތާއި ގަދަރު ނެތް، އިންސާނިއްޔަތުކަމުގެ ނަޒަރުން އެބަޔަކާ ދޭތެރޭ ވިސްނަން ނުޖެހޭ ބައެއްގެ ގޮތުގައި ދުށުމަކީ އެފަދަ ލާއިންސާނީ އަނިޔާތައް ޖަލުތަކުގައި އާންމުވުމުގެ މުހިންމު އެއް ސަބަބެއް ކަމަށްވެސް ޓްރާންސްޕޭރަންސީގެ ބަޔާނުގައި ބުނެފައިވެއެވެ.
ހިޔާލު