މާފުށީ ޖަލު ބަލާފާސް ކުރުމުގެ އޮޕަރޭޝަން ވަރަށް އަމާންކަމާއެކު ނިންމާލެވުނު ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ. އެކަމަކު ބަލާފާސްކުރި ތަންތަނުން ވަނީ ޖަލުގައި ހުރެގެން ނުވާނެ ބައެއް ތަކެތި ފެނިފަ އެވެ.
ހޯމް މިނިސްޓްރީން މިއަދު ބުނެފައިވަނީ މާފުށީ ޖަލުގައި މިދިޔަ ބުރާސްފަތި ދުވަހު އުފެދުނު ހަމަނުޖެހުންތަކުގެ ތެރޭގައި ރިމާންޑް މީހުން ބަންދުކުރާ ޔުނިޓުގެ ސެކިއުރިޓީ ކެމެރާތައް ތަޅާލާފައި ވާތީ އާއި އެ ޔުނިޓުގައި ޖަލުގެ ސަލާމަތަށް ނުރައްކާވެދާނެ ފަދަ ތަކެތި ގެންގުޅޭ ކަމަށް ބެލެވޭތީ އެ ޔުނިޓު ބަލާ ފާސްކުރާނެ ކަމަށެވެ.
އެތަން ބަލާ ފާސްކޮށްފައިވަނީ މިނިސްޓްރީގެ އިރުޝާދާ އެއް ގޮތަށް ކޮމިޝަނާ އޮފް ޕްރިޒަންސް އާއި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕްރިޒަންސްގެ އިތުރުން އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސްގެ ހާޒިރުގައި ފުރިހަމަ އަށް ވީޑިއޯ އަދި އޯޑިއޯ ރިކޯޑް ކުރެވިގެންނެވެ.
އޭގެ އިތުރުން މިނިސްޓްރީގެ އެ އޮޕަރޭޝަން ގާތުން ބެލުމުގެ ފުރުސަތު ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބޭނުންވާނަމަ އެފުރުސަތު ވެސް ހޯމް މިނިސްޓްރީން ވަނީ ފަހިކޮށްދީފައެވެ.
ބުރާސްފަތި ދުވަހު ޖަލުގައި ހިނގާދިޔަ ހާދިސާއާއެކު ސިއްރުކުރުމުގެ ސަގާފަތް ދޫކޮށްލައި، ދެފުށް ފެންނަ އުސޫލަކުން މައުލޫމާތު ހާމަކޮށް ގާނޫނާ އެއް ގޮތްވާގޮތުގެ މަތިން އެންމެހައި ކަންކަން ކުރިއަށް ގެންދިއުމަކީ ހޯމް މިނިސްޓްރީގެ ސިޔާސަތު ކަމަށާއި އެހެން ކަމުން ނަފުރަތު އުފެދޭނެ މައުލޫމާތު މި ދަނޑިވަޅުގައި ނުފެތުރުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.