ސައުދީ އަރަބިއްޔާގެ ދެކުނުގައި އޮންނަ އަބްހާ އެއާޕޯޓަށް ހޫތީ ހަނގުރާމަވެރިން ދިން ހަމަލާއެއްގައި އެކަކު މަރުވެ، ހަތް މީހަކު ޒަހަމްވެއްޖެ އެވެ.
ހޫތީ ހަނގުރާމަވެރިން ޔަމަނާއި ސައުދީ އަރަބިއްޔާ ގުޅޭ ބޯޑަރު ހުރަސްކޮށް، ބޯޑަރު ސަރަހައްދުގެ 20 ތަނެއްގެ ކޮންޓްރޯލް ނެގިކަން އިއުލާން ކުރީ މިމަހުގެ ކުރީކޮޅެވެ.
ހޫތީން ހިންގާ އަލް މަސީރާ ޓީވީން ބުނީ ސައުދީ އަރަބިއްޔާގެ ދެކުނުގައި އޮންނަ އަބްހާ އަދި ޖިޒާން އެއާޕޯޓަށް ޑްރޯން ހަމަލާތަކެއް އިއްޔެ ދީފައިވާ ކަމަށެވެ.
ސައުދީ ޕްރެސް އޭޖެންސީން ވެސް ބުނީ ހޫތީން ހަނގުރާމަވެރިން އަބްހާ އިންޓަނޭޝަނަލް އެއާޕޯޓަށް ދިން ހަމަލާއެއްގައި ސީރިއާގެ ރައްޔިތަކުން މަރުވެ، އާއްމުންގެ ހަތް މީހަކު ޒަހަމްވެފައިވާ ކަމަށެވެ.
ސައުދީ ސަރުކާރުން ހިންގާ އަލް އަރަބިޔާ ޓީވީން ބުނީ އެ ޑްރޯން ހަމަލާ އަމާޒު ކުރީ އަބްހާ އެއާޕޯޓުގައި ހުންނަ ކާރު ޕާކު ކުރާ ސަރަހައްދަކަށް ކަމަށެވެ.
މިމަހުގެ ކުރީކޮޅު ވެސް ހޫތީން ވަނީ އެ އެއާޕޯޓަށް މިސައިލް ހަމަލާއެއް ދީފަ އެވެ. އެ އެއާޕޯޓަކީ ޔަމަނުގެ ބޯޑަރާއި 200 ކިލޯމީޓަރު އުތުރުން އޮންނަ އެއާޕޯޓެކެވެ. އެފަހަރު ދިން ހަމަލާގައި 26 މީހަކު ޒަހަމްވި އެވެ.
ޔަމަނުގެ އިންތިހާބީ ސަރުކާރާ ދެކޮޅަށް ހޫތީން ހަނގުރާމަ ކުރާތީ އެމީހުންނާ ދެކޮޅަށް ސައުދީން އިސް ނަގައިގެން ވަނީ ބޮޑު އަސްކަރީ ކޯލިޝަނެއް ހަދާފަ އެވެ. ރާއްޖެ އަކީ ވެސް އެ ކޯލިޝަނުގެ މެމްބަރު ގައުމެކެވެ.
ޔަމަނުގެ ދާހިލީ ހަނގުރާމަ ފެށުނީ 2014 ވަނަ އަހަރު އެވެ. ޔަމަނުގެ އިންތިހާބުން ސުންނީ މުސްލިމުންނަށް ކާމިޔާބު ލިބުމުން، ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިހަށް ވަފާތެރި ހޫތީން މަސައްކަތެ ފެށީ ބަގާވާތެއް ކުރާށެވެ.
އެ ބަގާވާތުގެ ތެރޭގައި ހަނގުރާމަވެރިން ނިކުމެ، ވެރިރަށް ސަނާގެ ބޮޑު ބައެއް ހިފި އެވެ. އެއަށްފަހު ޔަމަނުގައި ދެ ސަރަހައްދެއްގައި ވެރިކަން ކުރަމުން އައީ ދެ ސަރުކާރަކުންނެވެ.
ސައުދީން އިސް ނަގައިގެން އުފެއްދި ކޯލިޝަނުން ޔަމަނުގެ ހަނގުރާމައިގެ ތެރެއަށް ވަނީ 2015 ވަނަ އަހަރު އެވެ. އެ ކޯލިޝަނުގެ މަސައްކަތަކީ އިންތިހާބީ ރައީސް އަބްދު ރައްބު މަންސޫރު ހާދީއާ ޔަމަނުގެ ފުރިހަމަ ކޮންޓްރޯލް ހޯދަ ދިނުމެވެ.
ހޫތީންނަކީ ޝިއައީންގެ ތެރޭގައި ހިމެނޭ "ޒައިދީ" ގަބޫލު ކުރުންތައް ގަބޫލުކުރާ ބައެކެވެ. ޔަމަނުގެ އާބާދީގެ 75 އިންސައްތަ އަކީ ސުންނީންނެވެ. އަދި 25 އިންސައްތަ އަކީ ޒައިދީ ޝިއައީންނެވެ.
އެ ހަނގުރާމައަށް ފަސް އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، މުސްލިމް ގައުމުތަކުގެ ތެރެއިން މިހާރު ދުނިޔޭގައި އެންމެ ހާލުގައި މީހުން އުޅެމުންދާ އެއް ގައުމަކީ ޔަމަނެވެ.
އެގޮތުން އާއްމުންގެ އެތައް ހާސް ބަޔަކު ވަނީ މަރުވެފަ އެވެ. އަދި އެތައް މިލިއަން ބަޔަކު ބަނޑަށް ޖެހި، ގެދޮރު ގެއްލިފައިވާއިރު، އޭގެ ތެރޭގައި 85،000 އަށް ވުރެ ގިނަ ކުޑަ ކުދިން ހިމެނެ އެވެ.