Resort hadhan dhookuri Innafushi hihkaakah nufashaa, emasaikaiy vanee madujahsaafai: Tourism Ministry
image
ބ. އިންނަފުށި--
މާއިދާ މުހައްމަދު ރަޝާދު
0 ކޮމެންޓް
 

ރިސޯޓު ހަދަން ދޫކުރި އިންނަފުށި ހިއްކާކަށް ނުފަށާ، މަސައްކަތް ވަނީ މަޑުޖައްސާފައި

ބ. އިންނަފުށިީ ގައި ރިސޯޓު ތަރައްގީ ކުރުމަށް ދޫކޮށްފައި އޮންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާއިރު ރިސޯޓު ތަރައްގީ ކުރަން އެތަން އަދި ހިއްކާފައި ނުވާ ކަމަށާއި މިހާރު އެމަސައްކަތް ހުއްޓުވާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
ތިމާވެށީގެ ގޮތުން ހާއްސަ ސިފަތަކެއް ލިބިފައިވާ ބ. އަތޮޅަކީ ބަޔޯސްފިޔާ ރިޒާވް އެކެވެ. އެހެންވެ ތިމާވެށި ހަލާކުކޮށް އެތަނުގައި ރިސޯޓު ތަރައްގީ ކުރުމާއި ދެކޮޅަށް ގިނަ ބަޔަކު އަޑު އުފުލަމުން ދަނިކޮށް މިއަދު ޓޫރިޒަމް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަލީ ވަހީދު ވިދާޅުވީ، އެރަށުގައި ރިސޯޓު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް އަދި ނުފަށާ ކަމަށެވެ.

އެރަށުގައި ރިސޯޓު ތަރައްގީ ކުރަން ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން، 2017 ވަނަ އަހަރުގެ އޮގަސްޓު ހަތެއްގައި ދޫކޮށްފައި ވަނީ ސީމާކް ޕްރައިވެޓް ލިމިޓެޑަށެވެ. އެގޮތުން އެރަށުގެ ކޮންސްޓްރަކްޝަން ޕީރިއަޑު މިއަހަރުގެ އޮގަސްޓު ހަތެއްގައި ހަމަވާއިރު އެމުއްދަތު އިތުރުކޮށްދޭން އެދުނު ނަމަވެސް މުއްދަތު އިތުރު ނުކޮށްދޭން ނިންމާފައިވާ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، މަސައްކަތް މަޑު ޖައްސާލުމަށް ފަހު އެކަމަށް ސަރުކާރުން ހައްލު ހޯއްދަވައި ދެއްވާނެ ކަމަށާއި އެއްވެސް މީހަކު މަގު މަތި ނުކުރާނެ ކަމަށެވެ. އަދި ވިދާޅުވީ، އެގޮތަށް މަޑު ޖައްސާލުމަށް އަންގާ އެންގުމުގައި ގެއްލޭ މުއްދަތު އިތުރަށް ދޭނެ ކަމަށެވެ.

އިންނަފުށި ކުއްޔަށް ދޫކޮށްފައިވާ ކުންފުނިން އެރަށުގެ އިކުއިޒިޝަން ކޮސްޓުގެ ގޮތުގައި މީރާ އަށް 1.4 މިލިއަން ރުފިޔާ މިހާރު ދައްކާފައިވާކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ، އެއީ އެމްއެމްޕީއާރުސީއާ ގުޅުން ހުރި ރަށެއް ނޫން ކަމަށާއި އެރަށް ދޫކުރެވިފައި ވަނީ ޕްރޮޕޯސަލް ހުށަހެޅުމާއި ބެހޭ ގަވައިދުގެ ދަށުން ކަމަށެވެ.

މިނިސްޓަރު ވަނީ ތިމާވެއްޓަށް ގެއްލުންވާނެ ގޮތަކަށް އެއްވެސް ޕްރޮޖެކްޓެއް ކުރިއަށް ނުގެންދާނެ ކަމަށާއި އަދި ކުރީ ސަރުކާރުން އެފަދަ ގޮތަކަށް ޕްރޮޖެކްޓެއް ކުރިއަށް ގެންދަން ހަވާލުކޮށްފައިވާ ނަމަ އެކަން ވެސް ހުއްޓުވާނެ ކަމަށް ވިދާޅުވެފަ އެވެ.

ޔުނެސްކޯ ބަޔޮސްފިއާ ރިޒާވް ސަރަހައްދަކީ ހިމާޔަތް ކުރެވިފައިވާ ސަރަހައްދަކަށް ވާއިރު އިންނަފުށި އޮންނަނީ އެސަރައްދުގަ އެވެ. ރާއްޖޭގައި އޮތް އެންމެ ތަފާތު އެއް އަތޮޅުގެ ގޮތުގައި އެ އަތޮޅު ސިފަ ކުރައްވާ މިނިސްޓަރު ވިދާޅުވީ އެ ސަރަހައްދު ރާއްޖޭގެ ނެޗުރަލް ރިޒާވެއްގެ ގޮތުގައި ބޭއްވުމަށް މަސައްކަތް ކުރާ ކަމަށެވެ.
ހިޔާލު