Viheumuge thereyga loluge fenun gellunu meehaa India ah furaifi
image
މިލްނާ--
މާއިދާ މުހައްމަދު ރަޝާދު
0 ކޮމެންޓް
 

ވިހެއުމުގެ ތެރޭގައި ލޮލުގެ ފެނުން ގެއްލުނު މީހާ އިންޑިއާ އަށް ފުރައިފި

މިދިޔަ މަހުގެ 25 ވަނަ ދުވަހު ގދ. ތިނަދޫގެ އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ދުވަސް ނުފުރާ އެއްމާބަނޑު ދެކުދިން ވިހެއުމުގެ ތެރޭގައި ލޮލުގެ ފެނުން ގެއްލި ހާލު ސީރިއަސްވި އަންހެން މީހާ އިތުރު ފަރުވާ އަށް އިންޑިއާ އަށް ފުރައިފި އެވެ.
ތިނަދޫ އަށް ނިސްބަތްވާ އުމުރުން 32 އަހަރުގެ މިލްނާ މުހައްމަދު، މިދިޔަ ހުކުރު ދުވަހުގެ ހެނދުނު އިންޑިއާ އަށް ފުރާފައި ވަނީ އޭނާގެ ފިރިމީހާ އާއި މަންމަ އަދި ދޮން ބައްޕައާއެކު ކަމަށް އެއާއިލާގެ މީހަކު ސީއެންއެމް އަށް މައުލޫމާތު ދިނެވެ.

އޭނާ ބުނީ މިލްނާގެ ހާލު ކުރިއާ އަޅާބަލާއިރު ކުޑަކޮށް ރަނގަޅު ކަމަށާއި އެކަމަކު ލޮލުގެ ފެނުން އަދި ވެސް އެއްކޮށް ރަނގަޅު ނޫން ކަމަށެވެ. އެކަމަކު މާދަމާ ލޮލުގެ ޑޮކްޓަރަކަށް ދައްކާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

މިލްނާގެ ފިރިމީހާ މުހައްމަދު އަތީފް ކުރިން ސީއެންއެ މްއަށް ބުނީ އެމީހުން ދިރި އުޅެނީ އޭނާގެ އުފަން ރަށް ގދ. ގައްދޫގައި ކަމަށާއި، ވިހެއުމަށް ތިނަދޫ އަށް ދިޔައީ މޭ 25 ގައި ކަމަށެވެ. ބަނޑަށް ހަތް މަހުގައި މިލްނާގެ ބަނޑުގައި ރިއްސާތީ ތިނަދޫއަށް ދިޔައިރު ފުރަތަމަ ދަރިފުޅު ވިހެއިއިރު ހާލު ރަނގަޅު ނަމަވެސް، އޭނާގެ ހާލު ސީރިއަސްވީ ދެވަނަ ދަރިފުޅު ވިހެއުމުގެ ތެރޭގަ އެވެ.

އެމީހުންނަށް ލިބުނު އެއްމާބަނޑު ދެ ފިރިހެން ކުދިންނަށް ވެސް ވިހޭއިރު ނޭވާލުމުގެ މައްސަލަތަކެއް ފުރަތަމަ ދިމާވި އެވެ. އެކަމަކު މިހާރު އެކުދިންގެ ހާލު ރަނގަޅެވެ.

"ވިހޭ ގަޑީގައި ވެސް އަންހެނުން ބުނި ލޮލަށް ނުފެންނަ ވާހަކަ. އެކަމަކު މިމަހުގެ (މޭ) 26 ވަނަ ދުވަހު މާލެ ގެނައީ ލޭފައިބާތީވެ، މާލެ ގެނައި އިރު ދެ ކުދިން ވެސް އުޅުނު ނޭވާލާން އުނދަގޫވާތީ، އެކަމަކު މިހާރު އެކުދިންގެ ހާލު ވެސް ރަނގަޅު، އަންހެނުންގެ ލޭ ފޭބުމުގެ މައްސަލަ ވެސް ރަނގަޅު،" ރިޒޯޓެއްގައި ވަޒީފާ އަދާ ކުރާ އަތީފް ބުންޏެވެ.

އަތީފް ވަނީ އޭނާގެ އަންހެނުންގެ އެއް ލޮލަށް މިހާރު ނުފެންނަ ކަމަށާއި އަނެއް ލޯ ވެސް ފުސްވެފައިވާ ކަމަށް ބުނެފަ އެވެ. އަދި ޓެސްޓުތައް ހެދުމުން ލޯފުސް ވަނީ ކިޑްނީގައި މައްސަލަތަކެއް އުޅޭތީކަން އެނގިފައިވާ ކަމަށް އޭނާ ބުންޏެވެ.

އެކަމަކު ވިހެއުމުގެ ކުރިން ހެދި އެއްވެސް ޓެސްޓެއްގައި އެއްވެސް މައްސަލައެއް ނެތް ކަމަށް ވެސް އޭނާ ބުނެފައި ވެއެވެ. ކުދިންގެ މަންމަ އަށް އިންޑިއާގައި މިހާރު ފަރުވާ ދެމުންދާތީ ކުދިން ބަލަމުން އަންނަނީ އެކުދިންގެ ބައްޕަގެ ފަރާތު ދައްތައިންނެވެ.

އާއިލާއަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް:

ޑޮލަރު އެކައުންޓް ނަމްބަރު: 7710518395101 - މުހައްމަދު އަތީފް
ރުފިޔާ އެކައުންޓް ނަމްބަރު: 7730000210011 - މުހައްމަދު އަތީފް
ފޯނު ނަމްބަރު: 7885577 - މުހައްމަދު އަތީފް (ފިރިމީހާ)
ހިޔާލު