Remo ge Street Dancer las kuree Varun aai Natasha ge kaiveneege sababun
image
ނަތާޝާ އާއި ވަރުން--
0 ކޮމެންޓް
 

ރޭމޯގެ ސްޓްރީޓް ޑާންސާ ލަސްކުރީ ވަރުން އާއި ނަތާޝާގެ ކައިވެނީގެ ސަބަބުން

ބޮލީވުޑުގެ މަޝްހޫރު އެކްޓަރު ވަރުން ދަވަން އާއި އޭނާގެ ލޯބިވެރިޔާ އަދި ޑިޒައިނަރު ނަތާޝާ ދަލާލްގެ ކައިވެންޏަކީ މިހާރު ބޮލީވުޑުން އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ އެއް ކައިވެންޏެވެ. އެ އިންތިޒާރަށް ނިމުމެއް އަންނަން އޮތީ މިއަހަރުގެ ފަހުކޮޅެވެ. ވަރުންގެ ބައްޕަ ޑޭވިޑް ދަވަން ވެސް ވަނީ ދަރިފުޅު ކައިވެނި ކުރަން އުޅޭކަން މީޑިއާތަކަށް ކަށަވަރުކޮށްދީފަ އެވެ.
އުމުރުން 32 އަހަރުގެ ވަރުން މިވަގުތު އުޅެމުން އަންނަނީ އޭނާގެ ކުރިއަށް އޮތް ފިލްމު "ސްޓްރީޓް ޑާންސާ ތްރީޑީ" ގެ މަސައްކަތުގައި ވަރަށް ބޮޑަށް އަވަދިނެތި އެވެ. އެ ފިލްމަކީ މިއަހަރުގެ ނޮވެމްބަރުގައި އަޅުވާ ގޮތަށް ނިންމި ފިލްމެއް ނަމަވެސް މިހާރު ވަނީ އަންނަ އަހަރަށް ފަސްކުރެވިފަ އެވެ.

އެކަމުގެ މައުލޫމާތު އެނގޭ މީހަކު އިންޑިއާގެ ނޫހަކަށް ބުނީ، އެ ފިލްމު އަންނަ އަހަރަށް ފަސް ކުރަން ޖެހުނީ، މިއަހަރުގެ ޑިސެމްބަރުގައި ވަރުންނާއި ނަތާޝާ ކައިވެނި ކުރުމަށް ތައްޔާރުވަމުން އަންނާތީ ކަމަށެވެ. އެގޮތުން ފިލްމު ފަސް ކޮށްދިނުމަށް ވަރުން، ރޭމޯ ކައިރީ އެދުނު ކަމަށް ވެސް އެމީހާ ބުނެ އެވެ.

ނެށުމަށް ހާއްސަ ކުރެވިފައިވާ އެފިލްމުގައި ވަރުންއާއެކު ޝްރައްދާ ކަޕޫރާއި ނޯރާ ފަތޭހީގެ އިތުރުން ޕްރަބޫ ދޭވާ ފެންނާނެއެވެ. އެ ތަރިންނަކީ ނެށުމަށް މޮޅު ތަރިންތަކެކެވެ.

ނަތާޝާ އާއި ވަރުންނަކީ ކުޑައިރުގެ ގާތް ދެ ރަހުމަތްތެރިން ވެސް މެއެވެ. އެ ދެމީހުން އަތުގުޅުވާލައިގެން އެތައް ފަހަރަކު އާއްމުންގެ ތެރެއަށް ނިކުމެފައިވާއިރު އެދެމީހުން ވަނީ ބޮލީވުޑުގެ ޕާޓީތަކާއި ޗުއްޓީ ދަތުރުތަކަށް ވެސް އެކުގައި ގޮސްފައެވެ.

"މެއިން ތޭރާ ހީރޯ" އާއި "ދިލްވާލޭ" ފަދަ ކާމިޔާބު ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ ވަރުން އެންމެ ފަހުން ފެނިފައި ވަނީ މިއަހަރު ނެރުނު ފިލްމު "ކަލަންކް" އިންނެވެ. ސްޓްރީޓް ޑާންސާގައި ވަރުން މިހާރު މަސައްކަތް ކުރަމުން އަންނައިރު މިދިޔަ އަހަރު ބޮލީވުޑަށް ތައާރަފުވި ސާރާ އަލީ ހާނާއެކު 1995 ވަނަ އަހަރު ނެރުނު ފިލްމު، "ކޫލީ ނަމްބަރު އެކެއް" ގެ ރިމޭކުގައި މަސައްކަތް ކުރަން ވެސް ވަރުންނަށް ވަނީ ހުށަހަޅާފަ އެވެ.
ހިޔާލު