Vaahaka: Dhin Ufaa Loabin
image
ފުނަމާ
1 ކޮމެންޓް
 

ވާހަކަ: ދިން އުފާ ލޯބިން

16ވަނަ ބައި
އެކުވެރިޔާގެ ހާލަތައްޓަކައި ޝަރީފު ހަމްދަރުދީވިއެވެ. ވިސްނަމުންގެންދިޔައީ އެކަމުގައި ހެދެން އޮތް ގޮތަކާއިމެދުގައެވެ.
"މައުލޫމާތެއް ލިބެން އޮތްތޯ ބަލަންޖެހޭނީ.. ތިއީ ހާދަހައި ކުރީގެ ކަމެކޭދޯ.. ފަސޭހައެއް ނުވާނެ.. ތަންކޮޅެއް އެތެރެއެތެރެއިން މަސައްކަތްކޮށްލާނަން.. ލިބެން އޮތް މައުލޫމަތަކަށް ދޯ އަހަރުމެންގެ މަސައްކަތް ބަރޯސާކުރެވޭނީ.." ޝަރީފުއަށް ވިސްނުނުގޮތް ބުނެލިއެވެ.

***

ފެންވަރައިގެން ނިކުމެ، ކުރުޝޯޓަކާއި ހުދު ޓީޝާޓެއް ލައިގެން ނިޝާނާ އިށީނީ އެނދުގެ ފައިލާކޮޅުގައެވެ. ކޮޓަރިތެރެއަށް ވަރަށް ރަގަޅަށް ބަލައިލިއެވެ. ހިނިތުންވުމެއް ފެނުނީ، ހަތަރުފާރުގެ އެތެރެ، ތަރުތީބުކަމުންނެވެ. މީގެ ދުވަސްކޮޅެއްކުރީން އެތަން އޮންނަގޮތް ނިޝާނާއަށް ސިފަކުރެވުނެވެ. މާނޭވާއެއް ލެވުނީ އޭނާގެ ކަންކަން ހުރިގޮތް ތަސްވީރު ކުރެވުނީތީއެވެ. ޝަރީފުގެ ބުރަ މަސައްކަތުން މުޅި ގޭތެރެ ތަރުތީބުކޮށްލީ އެއްދުވަހު އޮފީހަށް ނުގޮސް ހުރެގެންނެވެ. އޭގެފަހުން، ކޮންމެ ދުވަހަކު އެއްފަހަރު ގޭތެރެ ކުނިކަހައި މޮޕްކުރުމަކީ ނިޝާނާއަށް ހަވާލުކުރެވުނު މަސައްކަތެކެވެ.
ބޮލުމެދަށް ހުޅިއެއް ޖަހާލަމުން ނިޝާނާތެދުވިއެވެ. ކުނިކަހައި ސާފުކޮށް، ކާއެއްޗެއް ތައްޔާރުކޮށްލުމަށެވެ.

***

"ޝެނީން ތިބުނާގޮތުންވިއްޔާ ނިމާގެ އަމިއްލަ ނަންވެސް މިހާރު ބޭނުންކުރާނެހެން މަށަކަށް ހިޔެއްނުވޭ.. އަހަރެންވެސް ބައެއް އެއްޗެހި އޮޅުންފިލުވާލަން ބޭނުން.. އެކަމަކު މިހާރު ތިވީގޮތުން ޝެނީންއާއި ވާހަކަދައްކަން އަހަންނަށް ފަސޭހައެއްނުވާނެ.." މާޔޫސްކަމާއެކު ޝަރީފު ބުނެލިއެވެ. މައާފަށްއެދި ޔަނާލްގެ ދެއަތް އެވަގުތުވެސް އުފުލާލިއެވެ.

"ހަގީގަތުގައި އަހަރެން ވަރަށް އުފާވެއްޖެ ޔަނާލް ތިވާހަކަ ދެއްކީމައި.. ޔަނާލްގެ މިޒާޖު އަހަރެންނަށް ވުރެން، ވަކި ރަގަޅަށް އަންޑަރސްޓޭންޑްވާނެ އެހެންމީހަކު ހުންނާނެހެން ހިޔެއްނުވޭ.. އެހެންވީމައި ތިކަން ސިއްރުކުރުމުގައި ކަންކަން އޮންނާނީ ކިހިނެއްކަން އެންމެ ރަގަޅަށް އިނގޭންވާނީވެސް މަށަށް.." ރަހްމަތްތެރިޔާއަށް ތަޢުރީފު ކުރިނަމަވެސް، ހަޔާތުގައި ކައްޗަށް އެޅުނު ފިޔަވަޅާއިމެދުގައި ހިތްހަމަނުޖެހިފައިވާކަމުގެ އިޝާރާތްތައް ޝަރީފުގެ މޫނުން ފާގަހަވެއެވެ.

"އަހަރެންގެ ނަސޭހަތަކީ، ޝެނީންއާއެކު ދިރިއުޅުން ކުރިއަށް ގެންދަންޏާއި، މިހާރަށްވުރެން ބޮޑަށް އެކަމުގައި ސަމާލުވުން.. އެހެންނޫނީ ދެރަވަރުކަމެއް ދިމާވެދާނެ" ޔަނާލްއަށް ހީވާއެއްޗެއް ބުނެލިއެވެ.

"ޝެނީންގެ މަޤުޞަދަކީ ކޮބައިކަން އޭނަބުނިނަމަ އަހަރެން ވަރަށް އުފާވީސް.. ޔަނާލްއާއި ނިމާގެ ވާހަކައިން ތަފްސީލެއް ނުދިނަސް، ނިމާއަށްޓަކައި ޔަނާލްގެ ފަރާތުން ހޯދަންޖެހޭ މައުލޫމާތަކަށް ޓާގެޓްކުރަންއުޅޭކަން ބުނެލިނަމަ ދޯ.. އަހަރެންގެ ހިތުގައި ޝެނީންއަށް ކޮންމެވެސް ވަރެއްގެ ދަރަޖައެއް ދެވުނީސްކަން ޔަގީން.. ހަގީގަތުގައި އަހަރެންވެސް، ފުރަތަމަ ކޮޅުގައި ޝެނީންދެކެ ލޯތްބެއްނުވޭ.. ނިޝާނާގެ ކިބައިން ކުރިމަތިވި ނުތަނަވަސްކަން ފަޅުފިލުވާލަން ޝެނީން ގެންގުޅުނީ.. އެކަމަކު ފަހުން، ޝެނީންއަކީ އަހަރެންގެ ކޮންމެ އިޙްސާސަކާއިގުޅިފައިވާ ހަމައެކަނި އިންސާނާކަމަށްވެސް އަހަންނަށް ގަބޫލުކުރެވުނު ކިތަންމެ ހާދިސާއެއްއައި.. ގެއަށް ވަދެލާ ހިތްވެސް ނުވޭ.. ނިޝަނާގެމަތީން ފޫހިވެ، ހުރިހާ އުއްމީދެއް ޝެނީންއާއި ގުޅުނީ.. އަހަރެންގެ މޮޔަތަ ނޫނީ ކޮބާތަ މަގޭ މައްސަލައަކީ؟ އެސުވާލުކޮށްލާނެ ފުރުސަތެއް އަހަރެންގެ ސިކުނޑިވެސް ނުދިން.. އަހަރެން ދެން ނިޝާނާ ނޫން މީހަކާއި ގާތްނުވާނަން" ޝަރީފުގެ ހިތުގެ ހާލަތު ޔަނާލްއާއި ހިއްސާކުރިއެވެ.

"ވަކިވާން ވާނީވެސް ރީތިގޮތުގައި.. އޭނާގާތު ބުނަންވާނެ ސަބަބެއް.. އެހެންނޫނީ ތިއީ ވަރަށް ފިނޑި ފިރިހެނަކަށްވާނީ" ކުޑަކޮށް ހިނިތުންވަމުން ޔަނާލް ބުނެލިއެވެ.

"އަހަންނަކީ ފިނޑިއެއްނޫން އިނގޭ..!" އަތުގައި އޮތް ތަޅުދަނޑި ހޫރާލާގޮތް ދައްކާލަމުން ޝަރީފު ބުނެލީ މަޖާގޮތަކަށެވެ.

"ނޫނޭ ނޫނޭ! މަ މިބުނީ ރަގަޅުވާހަކައެއް އިނގޭ.. އަންހެނަކު ހަޔާތުގައި ގެންގުޅެފައި، އޭނާގެ ބޭނުންކޮށްފައި ކޮންމެފަދަ ހާލަތެއްގައިވެސް ދޫކޮށްލަންވާނީ، ސަބަބެއް ބުނެފައި.. އެހެންނޫނީ އެއީ ދެވޭ ނިކަމެތިކަމެއް.. އަހަރެންގެ ހަޔާތުގައި އަހަންނަށް މި ދިމާވި ކަންތަކުން އިބްރަތްލިބިގަތްބަލަ! ރެއާއި ދުވާލު އަހަރެންގެ ޕްރިންސެސްގެ ފަހަތުން އަހަރެން ދުވެދުވެ ހުއްޓައި ދެމީހުންކުރެ އެކަކަށްވެސް އިޝާރާތެއްނެތި، އުޅެންޖެހުނު ހާލު ނުފެނޭތަ؟ ނިމާ ހީކުރާނެ، އަހަރެން ހަމަ ގަސްތުގައި ލަނޑެއް ދިނީއޭ.. އެކަމަކު އަހަރެންގެ މިހިތުގެ ޒަޚަމުތައް ކާކު ދަންނާނީ؟" ދެފަރާތަކަށް ބޯ ހޫރާލަމުން ޔަނާލް ވާހަކަދެއްކިއެވެ. ކަނުލައި އަޑުއަހަން ޝަރީފުއިނީ ޝައުގުވެރިކަމާއެކުއެވެ.

"މާގިނަ ވާހަކަދެއްކިއްޖެދޯ.. މިހާރު ފޯކަސްކުރަންވީ ޝަރީގެ ލައިފްއަށް ދޯ.."ރަގަޅު ވިސްނުމެއް އައުމުން ޔަނާލް ހަމަޖެހިލިއެވެ. ބައިވެރިވުމުގެ ގޮތުން ބޯޖަހާލާފައި ޝަރީފުވެސް ހިނިގަނޑެއްޖަހާލިއެވެ.

"އެންމެ ރަގަޅުގޮތަކީ ނިޝާނާގެ ނުރަގަޅު ކަންކަން ބަދަލުކުރުވުން.. ވަރަށް ލޯބިން އިނގޭ އުޅެންވާނީ.. މަށަށް އިނގޭ، ފަސޭހަކަމަކަށް ނުވާނެކަން.. އެކަމަކު ދެދަރީންގެ ހައްގުގައިވެސް އެނޫންގޮތެއް ޚިޔާރުނުކުރުމަކީ އަހަރެންގެ ވަރަށްބޮޑު އެދުމެއް.. ޝެނީންއަކީ ޝަރީގެ ހަޔާތުން ޢިބްރަތެއް ކަމުގައި ބަލައިގެން ކުރިއަށްދާންވީ!" ޔަނާލް ބުންޏެވެ. ހަމައެވަގުތު ޔަނާލްއަށް ފޯނެއް އައެވެ. މުސްކާންގެ ކޯލަކަށްވާތީ އުފަލުން ޖަވާބުދިނެވެ.

"ބައްޕާ..! މުސްކާން ހޮވިއްޖެ... ޔޭޔޭޔޭ" މުސްކާން އުފަލުން ފުންމަނީއެވެ. ޔަނާލްގެ މޫނުމަތީން ހިނިތުންވުން ފެނުނަސް، މާބޮޑު އުފާވެރިކަމެއް ނުފެނުނެވެ. ދަރިފުޅު އުފާކޮށްލުމުގެ ގޮތުން މަރުހަބާވެސް ކިޔެވެ.

"އަސްލު ބައްޕަ އުފަލެއްނުވޭދޯ.. ހީވަނީ ހަމަ މަޖުބޫރުން މަރުހަބާކިޔާލިހެން.." މުސްކާންއަށް ފާހަގަކުރެވުމުން ބުނެލިއެވެ.

"ބައްޕަ އުފާވޭ.. އެކަމަކު ތަކުރާރުކޮށް ދަރިފުޅަށް މި ވިސްނައިދެނީ އެއްކަމެއް.. ޗެންނާއީއަކީވެސް ކުށް ގިނަތަނެއް.. އަންހެންކުދިންނަށް މާ ރައްކާތެރިތަނެއްވެސް ނޫން.. ބައްޕައާއިނުލައި ބައްޕަގެ ދެލޮލުގެ ނޫރު، އެވަރުގެ ތަނަކަށް ފޮނުވާލަން ފަސޭހައެއްނުވާނެދޯ ދަރިފުޅާ.. އެކަމަކު އެކަންވެސް މިކޮށްދިނީ ދަރިފުޅަށްޓަކައި.. ކިޔެވުން ފެށުމުގެކުރީން، ތަޖުރިބާދަތުރެއް ދިއުމާއި ބައްޕަ ދެކޮޅެއް ނުހަދަން.. ހަގީގަތް މި ބުނެދެނީ" ޔަނާލްގެ ހިތުގައި އޮތްގޮތަށް ބުންޏެވެ.

އެކުވެރިންގެ ތެރެއިން ބައެއް ކުދިންނާއެކު، ޚާއްޞައެހީއަށް ބޭނުންވާ ކުދިންގެ ޑޭކެއާރ އެއްގައި މުސްކާން މަސައްކަތްކުރަންފެށީތާ ދުވަސްކޮޅެއް ވެއްޖެއެވެ. ތަމްރީނާއި ތަޖުރިބާ ލިބިގަތުމަށް، ޔޫ އެންއިން ހުޅުވާލި ފުރުސަތެއްގައި މުސްކާންވެސް އަޖުމަ ބަލައިލީއެވެ. ފުރަތަމަ ފަހަރަށް އެކަނި ދަތުރުކުރާން ދޫކޮށްލަން ޖެހުމަކީ ޔަނާލްއަށް އުނދަގޫކަމެކެވެ. މުސްކާންގެ ދަތުރުގެ ވާހަކަވެސް ޔަނާލް، ޝަރީފުއާއި ހިއްސާކުރިއެވެ.

"ކެރޭނެތަ ފޮނުވަން؟" ހުރިހާއެއްޗެއް އަޑުއަހާފައިވެސް ޝަރީފު ކޮށްލީ ސުވާލެކެވެ.
"ކެރިގެންތަ؟ އެބުނަނީ، ޓްރަސްޓްކޮށްފައި އެއްފަހަރު ފޮނުވަދޭށޭ.. މަށަކަށް ނުކެރޭނެ، ނޫނެކޭބުނާކަށް.. ދެން އެކަމަށް ޖެހޭނީ ގޮތެއް ހަދަން" މޭޒުމަތީގައި އޮތް ބިލް ހިއްލާލާފައި ބަލައިލަމުން، ޔަނާލްގެ ޖީބުގައި އޮތް ވޮލެޓްނެގިއެވެ.

***

ހަނދުމަހުގެ ތޭރަވިލޭރެއެވެ. އުޑުމަތި ސާފު، ވައިމަޑު ރެއެކެވެ. ހަނދުގެ އަލިކަން ނުހަނު ފުރިހަމައެވެ. މަޑުމަޑު ފިނިކަމެއް ޖައްވުގައި ހަރުލާފައިވެއެވެ. ސަމާސާކޮށްލާ ކުދިކުދި ވިލާކޮޅުތަކާއި ފިޔަޖަހާލާ، ނަލަނަލަ ތަރިތަކުގެ ވިދުވަރުން އިޝްގުގެ އޮއެވަރު ބަދަލުކޮށްލައެވެ. ޓެރަސްގައި އިންދާފައިހުރި ބައެއް ގަސްގަހުގައި މާތައް ފޮޅިފައިވުމުން، މާހައުލުގެ ހިތްގައިމުކަން އެތައް ގުނައެއް އިތުރުވެއްޖެއެވެ.

"ޝަރީ، ދޮންބެކައިރީގައި ބުނެބަލަ މިތަނަށް އައުޓްޑޯ ސޯފާސެޓަކާއި އެއްޗެހި ހޯދާށޭ.. އޭރުން ކިހައި ހިތްގައިމުވާނެ.." ނިޝާނާ ބުނެލިއެވެ. ނިޝާނާގެ ޖުމުލައާއެކު ޝަރީފު ދިޔައީ ޓެރަސްގެ ދޮރު ތަޅުލުމަށެވެ. އެހެންމީހަކު އެވަގުތު އެތަނަށް އައުމަށް ޝަރީފު ބޭނުމެއް ނުވެއެވެ.

"ދޮންބެ ކައިރީގައި ނުބުންޏަސް އަހަންނަށްވެސް އެވަރުކުރެވިދާނެ.. އެކަމަކު އަހަރެންގެ ރީތި އަނބިމީހާ، އަހަންނާއެކު ބައެއް ރޭރޭ މިތަނަށް އައުމަށް ވަޢުދުވީމައި އެކަން ކުރެވޭނީ.. ޚާއްޞަކޮށް ފުލް މޫން ނައިޓްސް" އިޝްޤީ ގޮތަކަށް ޝަރީފު ބުންޏެވެ. ނުހަނު އުނދަގުލުންވިޔަސް، ނިޝާނާގެ ކޫސަނިކަންކަން ހައްލުކޮށްލެވުނީތީ، ޝަރީފު ފަޚުރުވެރިވެއެވެ.

"އަހަރެން ގޮވައިގެން ހަނދުބަލާހިތެއް ނުވޭނުން..! އަހަރެން ހުތުރުވީމައި ނުން، އައްޑޫ ދޮންދީނިއެއް ހޯދައިގެން ތި ފިރުމަނީ" އެއީ އޮފީހަށް ގުޅައިގެން ލިބުނު މައުލޫމާތެކެވެ. އެނގިފައި އޮތް އެއްޗެއް، ނުރުހުންވާގޮތް ދައްކާލަމުން ނިޝާނާ ބުންޏެވެ. ލުއި ހިނިތުންވުމަކާއެކު ނިޝާނާގެ ފުރަގަހަށް ޖެހިލާފައި، ވަރަށް ލޯބިން ޝަރީފު ބައްދާލިއެވެ.

"ނިޝާނާ ބޭނުން ކޮންމެ ވާހަކައެއްވެސް ދެއްކޭނެ.. އަހަރެން ރުޅިއެއްވެސް ނާންނާނަން.. ނުވެސް ހުއްޓުވާނަން.. ޖަވާބުވެސް ދޭނަން މަގޭ ލޯބިވާ" ޝަރީފުގެ އިޝްގީ މިޒާޖުން ނިޝާނާ ހައިރާންވިއެވެ.
ރައްޓެހިވެގެން އުޅުނުއިރު އެފަދަ ގޮތްގޮތަށް އުޅުނުކަން ނިޝާނާވެސް ހަނދާން އެބަހުއްޓެވެ. ނަމަވެސް، ދިހަބާރަ އަހަރުފަހުންވެސް، ޝަރީފުގެ ކިބައިގައި އެވަރުގެ ލޯބި ގޮތްތަކެއް ހުރެދާނެކަމަށް ނިޝާނާއަށް ގަބޫލުކުރެވިފައެއްނެތެވެ. ރަގަޅު ސިފައެއްވެސް ނިޝާނާއަށް ނުފެންނަނީއެވެ. އެވަރުގެ އުފަލަކުން މަހުރޫމްވެވިގެން ހުރެވުނުކަން އިޙްސާސްވެސް ނުވަނީއެވެ. އެކަމަށްޓަކައި މިވަގުތު، ބޭކާރު ކޮށްލުމަކީ މޮޔަކަމެއްކަން ނިޝާނާއަށްވެސް ވިސްނުނެވެ. ފިރިމީހާއާއެކު ލޯބީގެ ރާގަށް ހަށިގަނޑު ދީލާލިއެވެ.

"ބުނަންތަ ލޯބިވާ.. އެއީ އައްޑޫ ދޮންދީނިއެއްނޫން.. އެއީ ހައްދުންމަތީ އަންހެނެއް" ވަރަށް ކެރިގެން ޝަރީފު ބުނެލިއެވެ. އޭރުވެސް ޝަރީފުއޮތީ ނިޝަނާގެ ފުރަގަހުން ބައްދާލާފައެވެ. ކަރުދޮށުގައި ތުންބުޅިން ހާކާލަމުން، ނިޝާނާގެ ފުލް ކޮންޓްރޯލް ހޯދުމަށް ޝަރީފު މަސައްކަތްފެށިއެވެ.

"ކީއްވެ އެކަން ކުރީ؟" ދެރަވެލާފައި ނިޝާނާ ސުވާލުކުރީ ޝަކުވާގެ ރާގެއްގައެވެ.
"އެހެންއެވީ އަހަރެން ބޭނުންވާ އެއްވެސް ކަމެއް ހާޞިލްނުވާތީ.. ވަރަށް ބޭނުންވެގެން އައީމައިވެސް ކޮޅުފައިޖަހައި ކޮށްޕާލަނީ މާ ދުރަށް.. އަހަންނަކީވެސް ހިއްސުތައް ފުރިހަމައަށްހުރި ފިރިހެނެކޭ.. ކިހިނެއް، އަބަދު އެގޮތަށް ކެތްކުރާނީ.. ތިގޮތައް ފެންވަރާލައިގެން ސެންޓްޖަހާލައިގެން ހުންނަނަމަ، އެހެން އަންހެނަކާ ވައިވެސް ނޭޅޭނަން.. އެހެން އަންހެނަކަށް ބަލައިވެސް ނުލާނަން.." ނިޝާނާގެ ކޮނޑުގައި ހިފައި، ޝަރީފުއަށް ކުރިމަތިވާނެހެން އަނބުރާލިއެވެ.

"އެންމެ ދެތިން ރެއެއްގެ ތެރަޕީއަށްފަހު، އަހަރެންގެ އަތުގެ ތެރެއިން ނިކުންނާން ބޭނުންނުވެގެން ތިއުޅެނީ.. މުޅި ލައިފް އަހަންނަށް ޑެޑިކޭޓްކުރާށޭ ނުބުނަންތަ؟" ޝަރީފުގެ އިޝްގީ އިބާރާތްތައް ނިޝާނާގެ ކަންފަތުގެ ފޫޅުދަނޑީގައި ވައި އަޅުވާލާފައި މުޅި ގައިން ހީނބިހި ހިލުވާލިއެވެ. ލޯ ހުޅުވާނެ ހިތްވަރެއްވެސް ނިޝާނާގެ ހަށިގަނޑުގައި ނެތެވެ. އިސްތަށިގަނޑު ހިއްލާލާފައި ކަރުދޮށުގެ އެތަންމިތަނުގައި ޝަރީފުގެ ތުންތަފުން ލޯބިކުރަމުންދިޔައެވެ. ދޭތެރެއަކުން ދަތް އަޅާލާފައި ތޫލިއަޑަކާއެކު ދަތް އަޅާލައެވެ. އެއިން ކޮންމެ ފަހަރަކު ނިޝާނާގެ އަތުގެ އިނގިލިތަކަށް ލެވުނު ބާރެއްލާފައި ޝަރީފުގެ ގައިގައި އޮޅުލައިގަނެއެވެ.

"ނުބުނަންތަ، އަހަރެންގެ އެދުމަށް ފުރަގަސްނުދޭށޭ.. އާދޭސްކުރިޔަސް، ފެންވަރާލައިގެން ހުއްޓައި ނުފެނޭ.. މިއީ އަހަރުމެން ދެމީހުންގެ ހަގީގަތަކީ..މިހާރު މި ފެންނަނީ! ގަބޫލުކުރެވޭތަ؟" ލޯހުޅުވާނެ ބާރެއް ނެތަސް، ޝަރީފުގެ ޖުމުލަތަކަށް ވައި އަޑުންނަމަވެސް ނިޝާނާ ޖަވާބުދެއެވެ.

"ހިޔެއް ނުކުރަން މިވަރުގެ ކަމެއް ކަމަކަށް.. ދެން ދުވަހަކުވެސް އެހެން އަންހެނެއްގެ ކައިރިއަށް ދިޔަ ނުދޭނަން.. ޔޫ އަރ މައިން.. އޮންލީ މައިން" ނިޝާނާގެ ބުނެލުން ޝަރީފުއަށް ވަރަށް ކަމުދިޔައެވެ. ތުންފަތުގައި ބީހިލަމުން، ނިޝާނާގެ ކުރު ޓޮޕްކޮޅުގެ ތެރެއަށް ޝަރީފުގެ އަތް ވައްދާލިއެވެ.

ގުދުރަތީ ވަޔާއެކު މަސްތީ މިއުޒިކެއް އެތަނުގައި ޖަހަމުންދިޔަހެން ހީވިއެވެ. ދެލޯބިވެރިން ފަދައިން، ދެމަފިރިންގެ ހިއްސުތައް ފަޒާގެތެރޭގައި އުދުހިގެން ނަށަނީއެވެ. އަހަރުތަކަކަށްފަހު ލޯބީގެ އެންމެ ފުން އިހްސާސްތަކުން ނިޝާނާވަނީ މަސްތުވެފައެވެ.

"ހެޔޮނުވާނެ.. އަހަރެން ރޫމްއަށް ގެންގޮސްދީ.. ޕްލީޒް.. އަހަރެން ގެންގޮސްދީ" ނިޝާނާގެ ދެލޯ މެރިފައިވިޔަސް، ޝަރީފުގެ ތުނބުޅީގައި ބީހިލާނެ ގޮތަކަށްނޫނީ، މޫނު ހަރަކާތްކޮށްނުލައެވެ.

(ނުނިމޭ)
ހިޔާލު

ދާނިޔާ

ކޮބާ އަޅޭ މީ ވާހަކަ