Iran ge roohaanee leader ah amaazukoh trump ge aa dhathi kurumuge fiyavalhu thakeh
image
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި އީރާންގެ ރޫހާނީ ލީޑަރު އަލީ ހާމަނާއީ-- ފޮޓޯ: އޭބީސީ ނިއުސް
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

އީރާންގެ ރޫހާނީ ލީޑަރަށް އަމާޒުކޮށް ޓްރަމްޕްގެ އާ ދަތިކުރުމުގެ ފިޔަވަޅުތަކެއް

އިރާނާ ދެކޮޅަށް އާ ދަތިކުރުމުގެ ފިޔަވަޅުތަކެއް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަޅުއްވައިފި އެވެ.
ހޯމަ ދުވަހު އެމެރިކާ އިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އަމާޒުކޮށްފައި ވަނީ އީރާންގެ ރޫހާނީ ލީޑަރު އަލީ ހާމަނާއީ އަދި އަސްކަރިއްޔާގެ އިސް އޮފިޝަލުންނަށެވެ.

އޭގެ ތެރޭގައި އީރާންގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑްސް ކޯޕްސް (އައިއާރްޖީސީ)ގެ ވައިގެ ކަނޑުގެ އަދި އެއްގަމުގެ އަށް ކޮމާންޑަރަކު ވެސް ހިމެނެ އެވެ.

ޓްރަމްޕް އީރާނާ ދެކޮޅަށް އަލަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަކީ، ނިމިދިޔަ ހަފްތާގައި އެމެރިކާގެ އަސްކަރިއްޔާގެ ސާވައިލަންސް ޑްރޯނެއް އީރާނުން ވައްޓާލާފައި ވާތީ އަޅާފައިވާ ފިޔަވަޅުތަކެކެވެ.

އީރާނުން ބުނެފައި ވަނީ ޑްރޯން ވައްޓާލީ ގަވާއިދާ ޚިލާފަށް އީރާންގެ ވައިގެ ސަރަހައްދަށް ވަދެފައިވާތީ ކަމަށެވެ. ނަމަވެސް އެމެރިކާގެ އަސްކަރިންޔާ އިން ވަނީ އެކަން ދޮގުކޮށްފަ އެވެ.

އީރާނާ ދެކޮޅަށް އެމެރިކާ އިން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާ އަމުރުގައި ސޮއި ކުރެއްވުމަށް ފަހު ޓްރަމްޕް ވިދާޅުވެފައި ވަނީ، އީރާނާ ދެކޮޅަށް އެޅުނު އާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އީރާންގެ ލީޑަރު، ލީޑަރުގެ އޮފީސް އަދި އިތުރު ފަރާތްތަކަށް ވެސް ފައިސާގެ އެހީ ދިނުން ހުއްޓާލެވޭނެ ކަމަށެވެ.

ޓްރަމްޕް ވިދާޅުވީ ދެ ގައުމެއްގެ މެދުގައި ހަމަނުޖެހުން އުފެއްދުމަކީ އެމެރިކާ އިން ބޭނުންވާ ގޮތެއް ނޫން ކަމަށާއި ނަމަވެސް ނިއުކްލިއާ ހަތިޔާރު ގެންގުޅުމުގެ ހައްގު އީރާން އަށް ދެވެން ނެތް ކަމަށެވެ.

މީގެ އިތުރުން އެމެރިކާގެ ޓްރެޝަރީ ސެކެރެޓަރީ ވިދާޅުވީ ހޯމަ ދުވަހު އެޅުނު ފިޔަވަޅުތަކުގެ ސަބަބުން އީރާނަށް ބިލިއަން ޑޮލަރުގެ ގެއްލުންވާނެ ކަމަށެވެ.

ނަމަވެސް މީގެ ކުރިން ވެސް އީރާނާ ދެކޮޅަށް ދަތިކުރުމުގެ އެތައް ފިޔަވަޅެއް އަޅާފައިވާ އިރު، އެންމެ ފަހުގެ ފިޔަވަޅުތަކުން މާބޮޑު ނަތީޖާއެއް ނިކުންނާނެ ކަމަކަށް ތަޖުރިބާކާރުން ޤަބޫލެއް ނުކުރެ އެވެ.

އީރާނާ ދެކޮޅަށް އެޅުނު ދަތިކުރުމުގެ ފިޔަވަޅުތަކުގެ ރައްދުގައި އެ ގައުމުގެ ފޮރިން މިނިސްޓަރު ޖަވާދް ޒަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމެރިކާ އިން ބޭނުން ވަނީ ސުލްހަވެރިކަމެއް ނޫން ކަމަށާއި އެމެރިކާ އިން ވަނީ ހަނގުރާމަ އަށް "ކަރު ހިއްކައިގަނެފަ" ކަމަށެވެ.
ހިޔާލު