Ibrahim Rasheed akee Sexist fandiyaareh: Meekail
image
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް މަޖިލީހުގައި ކުރިން ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ-- ފޮޓޯ: މަޖިލިސް
މާއިދާ މުހައްމަދު ރަޝާދު
1 ކޮމެންޓް
 

އިބްރާހިމް ރަޝީދަކީ "ސެކްސިސްޓް" ފަނޑިޔާރެއް: މީކާއިލް

ގދ. ތިނަދޫ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދަކީ ފަނޑިޔާރުންގެ ޝަރުތު ހަމަވާ ފަނޑިޔާރެއް ނޫން ކަމަށާއި އޭނާއަކީ "ސެކްސިސްޓް" ފަނޑިޔާރެއް ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ވިދާޅުވެއްޖެ އެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފާސްކޮށްފައިވާ ގޮތަށް ރަޝީދު މަގާމުން ވަކިކުރަން، އެ ކޮމިޝަނުން އިއްޔެ ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާއިރު މަޖިލީހުގެ މިއަދު ޖަލްސާގައި މެމްބަރުން އަންނަނީ އެކަމާ ގުޅޭ ގޮތުން ބަހުސް ކުރައްވަމުންނެވެ.

ބަދު އަހްލާގީ މައްސަލައެއްގައި މެޖިސްޓެރޭޓް ވަކި ކުރަން ހުށަހެޅި އެމައްސާލާގައި މީކާއިލް ވިދާޅުވީ، ރަޝީދަކީ އަންހެނުންނަކީ އެއްވެސް ބައެއް ކަމަށް ނުދެކޭ ފަނޑިޔާރެއް ކަމަށެވެ. އެމައްސަލަ ޖޭއެެސްސީ އިން ބަލަން ޖެހޭނީ ޖިނާއީ މައްސަލައެއްގެ ގޮތުގައި ނޫންކަން ފާހަގަކުރައްވާ މީކާއިލް ވަނީ އެއީ ސުލޫކީ މިންގަނޑުގެ ދަށުން ބަލަން ޖެހޭ މައްސަލައެއް ކަމަށް ވިދާޅުވެފަ އެވެ.

"މިއީ އެއް ގޮތަށްކަށް ވެސް ޖިނާއީ މިންގަނޑުން ހެކިތަކެއް ހުށަހެޅިގެން ސާބިތު ވާން ޖެހޭ ކަންކަމެއް ނޫން، އެހެންވީމާ ޖުޑިޝަލް ސާވިސް ކޮމިޝަނުން ހުށަހަޅާފައި މިވާ ރިޕޯޓުން އެބަ އެނގޭ މީނާގެ މައްޗަށް މިކަންކަން ސުލޫކީ މިންގަނޑުން ސާބިތުވާކަން،" މީކާއިލް ވިދާޅުވި އެވެ.

އޭގެ އިތުރުން އޭނާ ވިދާޅުވީ އެއްވެސް މީހަކާ ގުޅިގެން އެފަދަ މައްސަލައެއް ހުށަހެޅިއްޖެ ނަމަ އެ މައްސަލައެއް ހުށަހެޅީ ކޮން ޕާޓީއެއްގެ މެމްބަރެއްތޯ ބެލުމުގެ ބަދަލުގައި ބަލަންވީ މައްސަލާގައި ހިމެނޭ މީހާއަކީ ރާއްޖޭގެ ފަނޑިޔާރުގޭގެ ސުލޫކީ މިންގަނޑު ހިފެހެއްޓޭ މީހެއްތޯ ކަމަށެވެ. އަދި އެ މިންގަނޑުތަކުން ބަލާނަމަ ރަޝީދަކީ ފަނޑިޔާރު ކަމުގެ ޝަރުތު ހަމަނުވާ މީހެއްކަން ސާފުކޮން އެނގިވަޑައިގަންނަވާ ކަމަށް ވެސް މީކާއިލް ވިދާޅުވި އެވެ.

މީކާއިލް ވަނީ އަންހެނުންނަށް ފުރައްސާރަކޮށް އެމީހުންނަށް ބަދުބަސް ބުނާ މީހުންނަކީ ރާއްޖޭގެ ފަނޑިޔާރުގެ ތަކުގައި ބައިތިއްބަން ޖެހޭނެ ބައެއް ނޫން ކަމަށް ވެސް ވިދާޅުވެފަ އެވެ.

މެޖިސްޓްރޭޓް ރަޝީދު މަގާމުން ވަކި ކުރަން މަޖިލީހަށް ފޮނުވަން ނިންމީ މި މަހުގެ 12 ވަނަ ދުވަހު ބޭއްވި ޖޭއެސްސީ ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ. ޖޭއެސްސީންގެ އެ ނިންމުން މަޖިލީހަށް އިއްޔެ ފޮނުވި އިރު، އޭނާ ވަކި ކުރެވޭނީ މަޖިލީހުގެ ތަޅުމުން އެކަން ފާސްކޮށްގެންނެވެ.

މިއީ ޖޭއެސްސީގެ ތާރީހުގައި ފަނޑިޔާރަކު މަގާމުން ވަކި ކުރަން މަޖިލީހަށް ހުށަހަޅި ފުރަތަމަ ފަހަރެވެ.
ހިޔާލު

ޢީސާފުޅު

ނޫން..ނޫން، ރަގަޅު ކޮށްލައްވާ! މިއީ ވަކިކުރަންފޮނުވި 3 ވަނަ ފަނޑިޔާރު،، އުއްތަމަފަނޑިޔާރު ފާއިޒާއި ސްޕްރީމް ފަނޑިޔާރު މުޢްތަޞިމް ވަކިކުރީވެސް މަޖްލިހުން.....