Lanka inn deport kuran ulhey Dhivehin ge kankan embassy inn balanee
image
ލަންކާގައި ހުންނަ ދިވެހި އެމްބަސީން ބޭއްވި ހަރަކާތެއްގައި އެ ގައުމުގައި އުޅޭ ދިވެހިންތަކެއް ބައިވެރިވަނީ--
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ލަންކާ އިން ޑީޕޯޓު ކުރަން އުޅޭ ދިވެހިންގެ ކަންކަން އެމްބަސީން ބަލަނީ

ސްރީ ލަންކާގައި ވިސާ ނެތި އުޅެމުން ދިޔަ ގިނަ ދިވެހިންތަކެއް ޑީޕޯޓު ކުރަން ނިންމުމުން، އެކަން ލަންކާގައި ހުންނަ ދިވެހި އެމްބަސީން ބަލަމުންދާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.
މިދިޔަ އޭޕްރިލް މަހު ލަންކާގައި ދިން ހަމަލާ އަށް ފަހު އެގައުމުގައި ހިންގި އޮޕަރޭޝަނުގައި ވަނީ ވިސާ ނެތި އުޅެމުން ދިޔަ އެކި ގައުމުތަކުގެ ގިނަ މީހުން ފެނިފަ އެވެ. އޭގެ ތެރޭގައި 291 ދިވެހިން ވެއެވެ.

ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު މިއުވާން މުހައްމަދު މިއަދު ސީއެންއެމް އަށް ވިދާޅުވީ އެމީހުންގެ ކަންކަން ލަންކާގައި ހުންނަ ދިވެހި އެމްބަސީން ބަލަމުން އަންނަ ކަމަށެވެ.

އެކަމަކު އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

ލަންކާ އިން ޑީޕޯޓުކުރާ މީހުންގެ ތެރޭގައި އިންޑިއާގެ 1,680 މީހުންނާއި ޕާކިސްތާނުގެ 936 މީހުން އަދި ޗައިނާގެ 683 މީހުންގެ އިތުރުން ނެދަލޭންޑްސްގެ 541 މީހުން ހިމެނެ އެވެ.

ގާތްގަނޑަކަށް 15،000 ދިވެހިން ލަންކާގައި ދިރިއުޅޭއިރު، އެގައުމުން ބުނީ ވިސާ ނެތުމުން ޑީޕޯޓު ކުރަން ނިންމި މީހުންގެ ތެރެއިން ފަސްވަނަ އަށް އެންމެ ގިނަ މީހުން ހިމެނެނީ ރާއްޖެ އިން ކަމަށެވެ.

މީގެ ކުރިން ފޮރިން މިނިސްޓްރީން ވެސް ބުނެފައި ވަނީ ވިސާގެ މުއްދަތު ހަމަވުމުން ވެސް އެއް އަހަރަށް ވުރެ ގިނަ ދުވަހު ގަވައިދާ ހިލާފަށް ލަންކާގައި ދިރިއުޅެމުންދާ ދިވެހިންގެ މައުލޫމާތު ލިބުނު ކަމަށެވެ.

އޭގެ އިތުރުން ފިލައިގެން އުޅޭ ދިވެހި ކުށްވެރިން ވެސް ލަންކާގައި ވިސާ ނެތި އުޅޭ މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ބުނެފައި ވެއެވެ. އެގޮތުން 3 ނޮވެމްބަރުގެ އުދުވާނީ ހަމަލާގައި ހިމެނޭ އަބްދުﷲ ލުތުފީ ރޭ ވަނީ ހައްޔަރުކޮށްފަ އެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ވިސާ ނެތި ލަންކާގައި އުޅޭ ދިވެހިންގެ މައްސަލައަށް ހައްލު ހޯދުމަށް އެގައުމުގެ އިސްވެރިންނާ ވެސް ކުރިން ބައްދަލުކޮށްފަ އެވެ.
ހިޔާލު