Saudi Arabia ge airport ah dhin hamalaa dhivehi dhaulathun kuhveri kohfi
image
އަބްހާ އެއާޕޯޓް-- ފޮޓޯ: އަލް އަރަބް
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

ސައުދީ އެއާޕޯޓަށް ދިން ހަމަލާ ދިވެހި ދައުލަތުން ކުށްވެރިކޮށްފި

ސައުދީ އަރަބިއްޔާގެ އަބްހާ އެއާޕޯޓަށް ހޫތީ ހަނގުރާމަވެރިން ދިން ހަމަލާ ދިވެހި ދައުލަތުން ކުށްވެރިކޮށްފި އެވެ.
ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އާދިއްތަ ދުވަހު ހޫތީ ހަނގުރާމަވެރިން ސައުދީ އަރަބިިއްޔާގެ ދެކުނުގައި އޮންނަ އަބްހާ އިންޓަނޭޝަނަލް އެއާޕޯޓަށް ދިން ހަމަލާ، ރާއްޖޭގެ ދައުލަތުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

ޓެރަރިޒަމާއި ދެކޮޅަށް ނިކުތުމަށާއި، ހަމަނުޖެހުންތަކުގެ ހައްލު ހޯދުމަށް، އެކަމުގައި ޝާމިލްވާ ފަރާތްތަކާއި ބައިނަލްއަގްވާމީ ފަރާތްތަކާއި ގުޅިގެން ދިވެހި ސަރުކާރުން އަބަދު ވެސް މަސައްކަތް ކުރަމުންދާނެ ކަމަށް ބަޔާނުގައި ވެއެވެ.

އޭގެ އިތުރުން ރާއްޖޭގެ ސަރުކާރު އޮތީ ސައުދީ އަރަބިއްޔާގެ ރައްޔިތުންނާއި ސަރުކާރާ އެކީގައި ކަމުގެ ފުރިހަމަ ޔަޤީންކަން ދިވެހި ސަރުކާރުން ވަނީ އަރުވާފަ އެވެ.

އާދިއްތަ ދުވަހު އަބްހާ އެއާޕޯޓަށް ދިން ހަމަލާގައި ނިޔާވި މީހާގެ އާއިލާ އަށް ތައުޒިޔާ ދަންނަވާ ކަމަށާއި އަނިޔާވި ފަރާތްތަކަަށް އަވަސް ޝިފާއަކަށް ދިވެހި ސަރުކާރުން ނެރުނު ބަޔާނުގައި ވަނީ އެދިފަ އެވެ.

ހޫތީ ހަނގުރަމާވެރިން އާދިއްތަ ދުވަހު ދިން ހަމަލާގައި ނިޔާވެފައި ވަނީ ސީރިޔާގެ ރައްޔިތެކެވެ. ސައުދީ ސަރުކާރުން ހިންގާ އަލް އަރަބިޔާ ޓީވީން ބުނީ ހޫތީގެ ޑްރޯން ހަމަލާ އަމާޒު ކުރީ އަބްހާ އެއާޕޯޓުގައި ހުންނަ ކާރު ޕާކު ކުރާ ސަރަހައްދަކަށް ކަމަށެވެ.

އާދިއްތަ ދުވަހު ހޫތީ ހަނގުރާމަވެރިން ވަނީ ސައުދީ އަރަބިއްޔާގެ ދެކުނުގައި އޮންނަ އަބްހާ އަދި ޖިޒާން އެއާޕޯޓަށް ޑްރޯން ހަމަލާތަކެއް ދީފައެވެ.

މިމަހުގެ ކުރީކޮޅު ވެސް ހޫތީން ވަނީ އަބްހާ އެއާޕޯޓަށް މިސައިލް ހަމަލާއެއް ދީފަ އެވެ. ހޫތީ ހަނގުރާމަވެރިން ވަނީ ޔަމަނާއި ސައުދީ އަރަބިއްޔާ ގުޅޭ ބޯޑަރު ހުރަސްކޮށް، ބޯޑަރު ސަރަހައްދުގެ 20 ތަނެއްގެ ކޮންޓްރޯލް ވެސް ނަގާފަ އެވެ.

ޔަމަނުގެ ދާހިލީ ހަނގުރާމަ ފެށުނީ 2014 ވަނަ އަހަރު އެވެ. ޔަމަނުގެ އިންތިހާބުން ސުންނީ މުސްލިމުންނަށް ކާމިޔާބު ލިބުމުން، ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިހަށް ވަފާތެރި ހޫތީން މަސައްކަތެ ފެށީ ބަގާވާތެއް ކުރާށެވެ.

އެ ބަގާވާތުގެ ތެރޭގައި ހަނގުރާމަވެރިން ނިކުމެ، ވެރިރަށް ސަނާގެ ބޮޑު ބައެއް ހިފި އެވެ. އެއަށްފަހު ޔަމަނުގައި ދެ ސަރަހައްދެއްގައި ވެރިކަން ކުރަމުން އައީ ދެ ސަރުކާރަކުންނެވެ.
ހިޔާލު