Imaaraaiy kuran beynun kuraa thaketheege gavaidhu thanfeezu kuranee
image
އިމާރާތްކުރުމުގެ މަސައްކަތް ކުރާ ތަނެއް-- ފޮޓޯ: ސަން
މާއިދާ މުހައްމަދު ރަޝާދު
0 ކޮމެންޓް
 

އިމާރާތް ކުރަން ބޭނުން ކުރާ ތަކެތީގެ ގަވައިދު ތަންފީޒު ކުރަނީ

އިމާރާތް ކުރުމަށް ބޭނުން ކުރާ ތަކެތި އެތެރެ ކުރުމާއި އުފެއްދުން ކޮންޓްރޯލް ކުރުމުގެ ގަވައިދާއި އިމާރާތް ކުރުމަށް ބޭނުން ކުރާ ތަކެތި ޓެސްޓު ކުރުން އަދި އިމާރާތް ކުރުމުގެ މަސައްކަތްތަކަށް ބޭނުން ކުރާ ތަކެއްޗާއި އެ ތަކެތި ޓެސްޓު ކުރާ ފަރާތްތަކުގެ ގަވައިދު މިމަހުގެ 28 ވާ ހުކުރު ދުވަހުން ފެށިގެން ތަންފީޒު ކުރަން ފަށާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފި އެވެ.
އިމާރާތް ކުރުމުގެ ގާނޫނުގެ ދަށުން އެކުލަވާލި އެ ގަވައިދުތައް މިދިޔަ މާޗު މަހުގެ 30 ގައި ގެޒެޓް ކޮށްފައިވާއިރު ޕްލޭނިން މިނިސްޓްރީން ބުނީ، އަންނަ ހުކުރު ދުވަހުން ފެށިގެން ޕްލޭނިން މިނިސްޓްރީން ދޫކުރާ ހުއްދައާ ނުލައި އިމާރާތް ކުރުމަށް ބޭނުން ކުރާ އަސާސީ ތަކެތީގެ ތެރެއިން ގަވައިދުގައި ބަޔާންކޮށްފައިވާ ތަކެތި ގަނެ، ރާއްޖެއަށް އެތެެރެ ކުރުމަކީ މަނާކަމެއް ކަމަށެވެ. އަދި އެކަން ބަލަހައްޓަމުން ދާނީ ޕްލޭނިން މިނިސްޓްރީ އާއި ކަސްޓަމްސް ގުޅިގެން ކަމުން އެކަމަށް ދޫކުރާ ހުއްދަ އާއި ނުލައި ކަސްޓަމުން އެތަކެތި ދޫނުކުރާނެ ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.

މިނިސްޓްރީން އިތުރަށް ބުނީ، އެ ހުއްދަ ނެގުމުގެ ކުރިން "އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ކުރާ ފަރާތްތަކުގެ ގަވައިދު" ގައި ރަޖިސްޓްރީވެފައިވާ މީހަކަށް ވާން ޖެހޭނެ ކަމަށެވެ. އަދި އިމާރާތް ކުރުމަށް ބޭނުން ކުރާ ތަކެތި އެތެރެ ކުރާ ފަރާތްތަކާއި އުފެއްދުން އުފައްދާ ފަރާތްތައް މިނިސްޓްރީގައި ރަޖިސްޓްރީވާން މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

އޭގެ އިތުރުން ޕްލޭނިން މިނިސްޓްރީން ބުނީ، އެ ގަވައިދު އެކުލަވާލާފައި ވަނީ އިމާރާތް ކުރުމަށް ބޭނުންކުރުމަށްޓަކައި ރާއްޖެއަށް އެތެރެ ކުރާ އަދި ރާއްޖޭގައި އުފައްދާ ތަކެއްޗަކީ އެ ސިނާއަތުގައި ބޭނުން ކުރުމަށް އެކަށީގެންވާ ރަނގަޅު ފެންވަރުގެ ތަކެތި ކަމަށް ހެދުމަށް ކަމަށެވެ. އަދި އިމާރާތް ކުރުމުގެ މަސައްކަތުގައި އެތަކެތި ބޭނުން ކުރުމުގައި ކުރަން ޖެހޭ ޓެސްޓުތައް ކަނޑައަޅައި އެތަކެތި ޓެސްޓް ކުރުމަަށް އަމަލު ކުރުމަށް ކުރަން ޖެހޭ ކަންކަން ކަނޑައެޅުމުގެ ގޮތުން ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.

މިނިސްޓްރީން ވަނީ އެގަވައިދުތަކާ ގުޅޭ ގޮތުން ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ކުންފުނިތަކަށް މިމަހުގެ 18 ގައި އީމެއިލް މެދުވެރިކޮށް އަންގާފައި ވާނެ ކަމަށެވެ. އެހެންކަމުން ރާއްޖެއަށް އެތެރެ ކުރާ އަދި ރާއްޖޭގައި އުފައްދާ ފަރާތްތަކާއި އެތަކެތި ޓެސްޓް ކުރާ ފަރާތްތައް މި ޤަވާއިދުތަކުގެ ދަށުން ރަޖިސްޓަރީވެ ހުއްދަ ހޯދުމަށް މިނިސްޓްރީން އިލްތިމާސް ކުރެއެވެ.

އެކަމަށް ރަޖިސްޓްރީވުމަށް އެދޭ ފޯމާއި ހުއްދައަށް އެދޭ ފޯމު މިނިސްޓްރީގެ ވެބްސައިޓުން އަދި ކައުންޓަރުން ލިބޭނެ ކަމަށް ވެސް ޕްލޭނިން މިނިސްޓްރީން ބުނެއެވެ.
ހިޔާލު