Hindi Lava akah Michael Jackson ge neshumakun Tiger nashaifi
image
ޓައިގާ ޝްރޮފާއި މައިކަލް ޖެކްސަން--
0 ކޮމެންޓް
 

ހިންދީ ލަވައަކަށް މައިކަލް ޖެކްސަންގެ ނެށުމަކުން ޓައިގާ ނަށައިފި

ބޮލީވުޑުގެ ޒުވާން ތަރި، ޓައިގާ ޝްރޮފަކީ މިއުޒިކީ ލެޖެންޑް މައިކަލް ޖެކްސަންގެ ވަރަށް ބޮޑު ސަޕޯޓަރެކެވެ. ދޭތެރެ ދޭތެރެއިން އެމްޖޭއަށް ޑާންސް ޓްރިބިއުޓުތައް ވެސް ޓައިގާ ދެއެވެ.
މައިކަލް ޖެކްސަން، 2009 ވަނަ އަހަރުގެ ޖޫން 25 ގައި މަރުވިއިރު އިއްޔެ ވަނީ އޭނާގެ މަރަށް ނުވަ އަހަރުވެފަ އެވެ. އެހެންވެ ޓައިގާ މިވަނީ މައިކަލް ޖެކްސަންގެ ސަޕޯޓަރުންނަށް އޭނާގެ ފަރާތުން ހާއްސަ ހަދިޔާއެއް ދީފަ އެވެ.

އެގޮތުން ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބެއް ހޯދި ފިލްމު، "ޕަދްމާވަތު" ގެ ލަވައެއް ކަމަށްވާ "ކަލީބަލީ" އަށް ޓައިގާ ވަނީ މައިކަލް ޖެކްސަންގެ "މޫވް" ތަކުން ނަށާފަ އެވެ. އެ ވީޑިއޯ އިންސްޓަގްރާމަށް ހިއްސާކޮށް ޓައިގާ ވަނީ، މައިކަލް ޖެކްސަން މަރުވިތާ ނުވަ އަހަރުވީކަން ގަބޫލުކުރަން ވެސް ދަތި ކަމަށް ބުނެފަ އެވެ.

ޕަދްމާވަތުގައި އެލަވައަށް ނަށާފައި ވަނީ ރަންވީރު ސިންގެވެ. އެލަވަގެ ނެށުން ވެސް ތަފާތެވެ. އެކަމަކު ޓައިގާ އެލަވައަށް މައިކަލް ޖެކްސަންގެ މޫވްތަކުން ނެށުމުން ގިނަ ބަޔަކު ވަނީ ވަރަށް ފުރިހަމަ ކަމަށް ބުނެ އޭނާއަށް ތައުރީފުކޮށްފަ އެވެ.

އުމުރުން 50 އަހަރުގައި މައިކަލް ޖެކްސަން މަރުވި ނަމަވެސް އޭނާގެ މަގްބޫލުކަން ފަނޑުވުމެއް ނެތެވެ. އޭނާގެ މޫވްތައް ވެސް އެހާމެ މަގްބޫލެވެ.

ޓައިގާގެ ފަރާތުން އެފަދަ ތަފާތު ވީޑިއޯއެއް ހިއްސާކުރީތީ މައިކަލް ޖެކްސަންގެ ސަޕޯޓަރުން ވެސް އޭނާއަށް ޝުކުރު އަދާކުރެ އެވެ.

ސަންޖޭ ލީލާ ބަންސާލީ ޑައިރެކްޓުކޮށް މިދިޔަ އަހަރު ނެރުނު ޕަދްމާވަތުގައި ހިމެނޭ އެލަވައަށް ބޮޑު ތަރުހީބެއް ލިބުނީ، ރަންވީރުގެ ވަރުގަދަ ހުށަހެޅުމުގެ ސަބަބުންނެވެ. ދީޕިކާ ޕަޑުކޯނާއި ޝާހިދު ކަޕޫރު ވެސް ލީޑު ރޯލުން ފެނިގެންދިޔަ އެފިލްމަށް 300 ކްރޯޑަށް ވުރެ ބޮޑު އާމްދަނީއެއް ލިބުނެވެ.

ކަރަން ޖޯހަރުގެ ސްޓޫޑަންޓް އޮފް ދަ އިޔާއިން އެންމެ ފަހުން ފެނިގެންދިޔަ ޓައިގާ މިހާރު މަސައްކަތް ކުރަމުން އަންނަނީ ރިތިކް ރޯޝަނާއެކު ޑާންސް ފިލްމެއްގެ މަސައްކަތުގަ އެވެ.
ހިޔާލު