Jalugai hingi haadhisaa Home minister Cabinet aa Hi'hsaa kurahvaifi
/
image
ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ / ރައީސް އޮފީސް
0 ކޮމެންޓް
 

މާފުށި ޖަލުގައި ހިނގި ހާދިސާގެ މަޢުލޫމާތު ހޯމް މިނިސްޓަރު ކެބިނެޓާއި ޙިއްސާކުރައްވައިފި

މާފުށީ ޖަލުގައި ހިނގި ހާދިސާގެ މަޢުލޫމާތު މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢިމްރާން ޢަބްދުﷲ ވަޒީރުންގެ މަޖްލީހާއި ޙިއްޞާކުރައްވައިފިއެވެ.
ރައީސް އޮފީހުން ބުނީ ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ މި މަޢުލޫމާތު ޙިއްޞާކުރައްވާފައި ވަނީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖްލީހުގެ ޖަލްސާގައި ކަމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު މާފުށި ޖަލުގައި ހިނގާދިޔަ ހަމަނުޖެހުންތަކުގައި ޖަލު އޮފިސަރަކަށްވެސް ވަނީ އަނިޔާވެފައެވެ. އަދި ބައެއް ގައިދީންތަކަކަށްވެސް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ. މި ހަމަނުޖެހުން ހިނގާފައިވަނީ ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރު ކޮށްފައި ތިބި ގައިދީން ބަހައްޓާ ރިމާންޑު ގޮޅިއެއްގައެވެ. މި ހާދިސާގައި ބައެއް ގައިދީންގެ ބޯ ގަދަކަމުން ވަނީ ތުނިކޮށް ކޮށާފައެވެ.

މި މައްސަލައާ ގުޅިގެން ވަޒީރުންގެ މަޖިލީހަށް ހޯމް މިނިސްޓަރު މަޢުލޫމާތު ދެއްވާފައިވާއިރު ރައްޔިތުން މަޖިލީހުގެ ގައުމީ ސަލާމަތު ކޮމެޓީއަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ޢަބްދުﷲ މުނާޒު ވަނީ ހާޒިރުކޮށްފައެވެ. އަދި އެކަމުގައި މެންބަރުން ވަނީ ގިނަ މަޢުލޫމާތުތަކެއް ހޯއްދަވާފައެވެ. ނަމަވެސް އެރޭގެ ބައްދަލުވުމަށް ހޯމް މިނިސްޓަރަށް ސިޓީ ފޮނުވި ނަމަވެސް ރަށުން ބޭރަށް ވަޑައިގަތުމަށް އެއަރޕޯޓުގައި ހުންނެވީތީ މަޖިލީހުގެ ކޮމެޓިއަކަށް މިނިސްޓަރު ހާޒިރެއްނުވެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހިނގި ހާދިސާއާ ގުޅިގެން ޖަލުގައި އަދިވެސް އަންނަނީ ތަފާތު އެކި ހަމަނުޖެހުންތައް ހިނގަމުންނެވެ. އެގޮތުން ރޭގައިވެސް ވަނީ ޖަލު ތެރޭގައި ހަމަނުޖެހުމެއް ހިނގާފައެވެ. ކަރެކްޝަނުން ބުނަނީ ރޭގެ ހަމަނުޖެހުމަކީ މިިދިޔަ ބުރާސްފަތި ދުވަހު ޖަލުގައި ހިނގި ހަމަނުޖެހުމަށް ފަހު ޖަލު އޮފިސަރުންނަށް ތަކުރާރުކޮށް ގޯނާކުރުމާއި އެ އޮފިސަރުންގެ އަމުރަށް ނުކިޔަމަންތެރިވުމާއި ޖަލުގެ ގަވާއިދުތަކަށް ބޯނުލަނބައި މުޅި ޖަލުގެ މަސްލަހަތު ގެއްލެމުންދާ ކަމަށެވެ. އެހެންވެ ގާނޫނީ އިމުގެ ތެރެއިން ބާރުގެ ބޭނުންކޮށް، ނުކިޔަމަންތެރިވި ހުރިހާ ގައިދީން ގޮޅިތަކަށް ވައްދާފައިވާ ކަމަށްވެސް ކަރެކްޝަނުގެ ބަޔާނުގައި ބުނެފައިވެއެވެ.
ހިޔާލު