Harukashi fikuru fathuran jaaga dheynama fahun dhahkan jehey agu bodu vaane
image
އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ-- ފޮޓޯ: ވަން އޮންލައިން
މާއިދާ މުހައްމަދު ރަޝާދު
0 ކޮމެންޓް
 

"ހަރުކަށި ފިކުރު ފަތުރަން ޖާގަ ދޭނަމަ ފަހުން ދައްކަން ޖެހޭ އަގު ބޮޑުވާނެ"

ހަރުކަށި ފިކުރު ފެތުރުން މިހާރު އޮތީ އަޅާ ނުލާ ދޫކޮށްލެވޭ ވަރަށް ވުރެ މާގާތުގައި ކަމަށާއި އަޅާ ނުލާ ތިބެއްޖެނަމަ ފަހުން ދައްކަން ޖެހޭ އަގު މާބޮޑުވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.
ފިކުރީ ހައްދު ފަހަނަ އެޅުން ނައްތާލުމުގައި ދީނީ އިލްމުވެރިންގެ ދައުރާ ބެހޭ ގޮތުން މިއަދު އިސްލާމީ މަރުކަޒުގައި ފެށި ދެ ދުވަހުގެ ވޯކްޝޮޕް، ޝަރަފްވެރިކޮށްދެއްވާ މިނިސްޓަރު ވިދާޅުވީ، ހަރުކަށި ފިކުރުތައް ފަތުރާ މީހުންގެ އަމާޒަކަށް ވަނީ ރަނގަޅަށް ތައުމީލު ނުހޯދާ މީހުންނާއި ވަޒީފާތަކުގައި ނޫޅޭ މީހުން އެކަނި ނޫން ކަމަށާއި ރަނގަަޅަށް ކިޔަވައިގެން، ރަނގަޅު ވަޒީފާތަކުގައި ތިބޭ ޒުވާނުން ވެސް އެފަދަ ފިކުރުތަކުގެ ތެރެއަށް ގެއްލޭ ކަމަށެވެ.

"ގިނަ ފަހަރު އިޖުތިމާއީ މި ބަލިމަޑުކަން އަމާޒުވަނީ ޒުވާނުންނަށް. އެެއީ ކޮންމެހެން ނުކިޔަވާ ތިބޭ، ފުރުސަތުތައް މަދު ފަރާތްތަކަކަށް ވާކަށް ނުޖެހޭ. އެ ފަރާތްތަކަކީ ރަނގަޅަށް ކިޔަވައިގެން ތިބި، ރަނގަޅު އުޖޫރައަކާ އެކު ވަޒީފާގައި ތިބޭ ގިނަ ފުރުސަތުތައް ފަހިވެފައިވާ ފަރާތްތައް. އެކަމަކު އެ ފަރާތްތަކަށް ވެސް ހަމަ ފަސޭހަ ކަމާ އެކު މަގު އޮޅުވައިލެވޭ،" އައިޝަތު އަލީ ވިދާޅުވި އެވެ.

ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) އާއި ޔޫއޭއީގެ ޖަމާއަތެއް ކަމަށްވާ ޔޫއޭއީގެ ހިދާޔާ ސެންޓަރާއި ގުޅިގެން ފެށި އެ ވޯކްޝޮޕް ބާއްވަން ޖެހުނީ ހަރުކަށި ފިކުރުތައް ހުއްޓުވުމަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން އެފަދަ ފިކުރުތައް ހުއްޓުވުމަށް އެންމެ ކުރީ ސަފުގައި ތިބެން ޖެހޭ ބަޔަކީ ދީނީ އިލްމުވެރިން ކަމަށް މިނިސްޓަރުގެ ވާހަކާގައި ފާހަގަކުރެއްވި އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެންސީޓީސީގެ ޑިރެކްޓާ މޭޖާ އިބްރާހީމް ނައީމް ވަނީ ޓެރަރިޒަމާއި ހައްދު ފަހަނަ އަޅާދާ ފަދަ ފިކުރުތައް ފެތުރުމާ ދެކޮޅަށް ކުރަނީ ހަމައެކަނި އަސްކަރީ މަސައްކަތެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އަދި އެޓާނީ ޖެނަރަލް އިބްރާހީމް ރިއްފަތާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލުގެ އިތުރުން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ސަރުކާރުގެ ބައެއް އިސްވެރިން އަދި ގިނަ އަދަދެއްގެ ދީނީ އިލްމުވެރިން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ހިޔާލު