BREAKING: Thinadhoo magistrate Ibrahim Rasheed magaamun vakikoffi
image
މަގާމުން ވަކިކުރަން ނިންމާފައިވާ ތިނަދޫ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު--
0 ކޮމެންޓް
 

ތިނަދޫ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު މަގާމުން ވަކިކޮށްފި

ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ފަނޑިޔާރު އިބްރާހިމް ރަޝީދު މަގާމުން ވަކިކޮށްފި އެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި ރަޝީދު މަގާމުން ވަކިކުރަން ނެގި ވޯޓުގައި 71 މެމްބަރުން ބައިވެރިވެވަޑައިގެންނެވިއިރު، ވަކިކުރަން ފެންނަ ކަމަށޤ 70 މެމްބަރުން ވޯޓު ދެއްވި އެވެ. ވޯޓުގައި ބައިވެރިވެވަޑައި ނުގަންނަވާ އެއް މެމްބަރަކު އިންނެވި އެވެ.

ފަނޑިޔާރަކު މަގާމުން ވަކިކުރެވެނީ، މަޖިލީހުގެ ތިންބައިކުޅަ ދެބައި ވޯޓުގެ އަޣްލަބިއްޔަތުންނެވެ. ރަޝީދު މަގާމުން ވަކިކުރުން، މިއީ 2008 ވަނަ އަހަރުގެ އާ ގާނޫނު އަސާސީއަށް އަމަލު ކުރަން ފެށި ފަހުން ފަނޑިޔާރަކު މަގާމުން ވަކި ކުރި ފުރަތަމަ ފަހަރެވެ.

އޭނާ ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި ނިންމުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ވަނީ ތާއީދުކޮށްފަ އެވެ. އެކަމުގެ ބަހުސް މަޖިލިހުގައި ކުރިއަށް ދިޔައިރު ވެސް ގިނަ މެމްބަރުން ތާއީދު ކުރީ ވެސް އޭނާ މަގާމުން ވަކި ކުރާށެވެ.

ރަޝީދު މަގާމުން ވަކި ކުރަން ނިންމީ އޭނާއާ ބެހޭ ގޮތުން ސުލޫކީ މައްސަލައެއް އަމިއްލަ ފަރާތަކުން ހުށަހެޅުމުންނެވެ. އޭނާ ފަނޑިޔާރުކަމުން ވަކި ކުރަން ނިންމީ އަންހެނަކާ ދިމާލަށް ބޭއަދަބީ ބަސްތަކުން މުޚާތަބުކޮށް ގަޒްފުކުރި ކަމަށް ބުނެ އެވެ.

އެގޮތުން ރަޝީދު ދިރިއުޅުއްވާ ގޭގެ ކުރިމަތީގައި ހުންނަވައިގެން އަންހެނަކަށް ހުތުރު އެއްޗެހި ގޮވާ، މީހުން އެއްކޮށް ހަޅޭއްލެވި ކަމަށް ޖޭއެސްސީ އަށް ހުށަހެޅި މައްސަލާގައި ވެއެވެ. ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބެލުމުގެ ބާރު އޮންނަނީ ޖޭއެސްސީ އަށެވެ.

ރަޝީދު ވަނީ އޭނާގެ މައްޗަށް ކުރި ތުހުމަތު ދޮގުކުރައްވާފަ އެވެ އެކަމަކު ޖޭއެސްސީން ބުނީ ނިންމުން ނިންމުމުގައި ރިއާޔަތްކޮށްފައި ވަނީ ޝަރުއީ މިންގަނޑަށް ކަމަށެވެ. އެގޮތުން ދެ ފަރާތަކުން ހެކި ބަސް ދީފައިވާއިރު، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގައިވާ ޝަރުތުތަކަށް އަލިއަޅުވާލާފައި ވެއެވެ.

މީގެ ކުރިން 2016 ވަނަ އަހަރު މަސްތުވާތަކެތީގެ މައްސަލައެއްގައި ވެސް ރަޝީދު ހައްޔަރު ކުރި އެވެ. އެ މައްސަލާގައި އޭނާ ސަސްޕެންޑު ވެސް ކުރި އެވެ.
ހިޔާލު