5 rashehge sihhee marukazu hospital ah badhalu kuran soikoffi
image
ހެލްތް މިނިސްޓްރީ އޮތް ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ސީއެންއެމް
ރައްޔާން މުހައްމަދު
0 ކޮމެންޓް
 

ފަސް ރަށެއްގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަށް ބަދަލުކުރަން ސޮއިކޮށްފި

ފަސް ރަށެއްގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަށް ބަދަލު ކުރުމަށް، އަޅަންޖެހޭ އިމާރާތް ފަރުމާކޮށް ބިލް އޮފް ކުއެންޓިޓީ (ބީއޯކިއު) ތައްޔާރު ކުރުމަށް ހެލްތު މިނިސްޓްރީން މިއަދު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
ހެލްތް މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި ވަނީ ހއ. އިހަވަންދޫ، ޅ. ހިންނަވަރު، ގދ. ގައްދޫ، އދ. މާމިގިލި އަދި ތ. ތިމަރަފުށީގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަށް ބަދަލު ކުރުމަށް އަޅަން ޖެހޭ އިމާރާތް ފަރުމާ ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.

އޭގެ ތެރެއިން ހަތަރު ރަށެއްގެ ހޮސްޕިޓަލް ފަރުމާކުރުމަށް ހަވާލުކޮށްފައި ވަނީ އާކްއެންޖް ސްޓޫޑިއޯ ޕްރައިވެޓް ލިމިޓެޑާ އެވެ. އެއީ އިހަވަންދޫ، ހިންނަވަރު، ގައްދޫ އަދި މާމިގިއްޔެވެ.

ރަަސްމިއްޔާތުގައި އާކްއެންޖް ސްޓޫޑިއޯ ގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ ޑިރެކްޓަރު މުހައްމަދު ހަމީނެވެ. އަދި މިނިސްޓްރީ އޮފް ހެލްތްގެ ފަރާތުން ސޮއިކުރެއްވީ ހެލްތް މިނިސްޓަރު އަބްދުﷲ އަމީނެވެ.

ތިމަރަފުށީގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލު ކުރުމަށް އަޅަން ޖެހޭ އިމާރާތް ފަރުމާކޮށް ބީއޯކިއު ހެދުމަށް ހަވާލުކޮށްފައި ވަނީ އިޕޮކް އެސޯސިއޭޓްސް އާއެވެ. އިޕޮކް އެސޯސިއޭޓްސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުއާވިޔަތު އަބްދުއް ސައްތާރެވެ.

އެއްބަސްތަވުންތަކުގައި ސޮއިކުރެއްވުމަށްފަހު ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅުތަކުގެ ތެރެއިން ސިއްހީ ދާއިރާއަކީ ވަރަށް މުހިއްމު ވައުދުތަކެއް އަމާޒުވެފައި ހުރި ދާއިރާއެއް ކަމަށެވެ.

އެމަނިކުފާނު ސިއްހީ ދާއިރާއަށް ގެންނަމުންދާ ތަރައްގީތަކަކީ ރަށްރަށުގެ ރައްޔިތުންނަށާއި މުޅި ރާއްޖެ އަށް ލިބޭ "ފޮނި މޭވާ" އެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ސިއްހީ ހިދުމަތް ދޭ ތަންތަނަށް އަންނަމުންދާ ބަދަލާއެކު އެތަންތަނުން ދެވޭ ހިދުމަތުގެ ފެންވަރު ވެސް ރަގަޅުކުރުމަށް އެމިނިސްޓްރީ މަސައްކަތް ކުރަމުންދާ ކަަމަށެވެ.

މިއަދު ވެވުނު އެއްބަސްވުންތަކުގެ ތެރެއިން ހއ. އިހަވަންދޫގެ އައިމިނާ ދިޔޯ ސިއްހީ މަރުކަޒާއި ތ. ތިމަރަފުށީ ސިއްހީ މަރުކަޒަކީ ދަރަޖަ ތިނެއްގެ ސިއްހީ މަރުކަޒުތަކެވެ. އަދި ބާކީ ހުރި ސިއްހީ މަރުކަޒުތަކަކީ ދަރަޖަ ހަތަރެއްގެ ސިއްހީ މަރުކަޒުތަކެވެ.

މި ރަށްރަށުގައި އެޅުމަށް ހަމަޖެހިފައި ވަނީ ދަރަޖަ އެކެއްގެ ހޮސްޕިޓަލްތަކެވެ. ހޮސްޕިޓަލްތައް އިމާރާތްކޮށް ހިދުމަތް ދޭން ފަށާއިރު އަންހެނުންގެ ހާއްސަ ޑޮކްޓަރުގެ ހިދުމަތް، ކުޑަކުދިންގެ ޑޮކްޓަރުގެ ހިދުމަތް، ހޭނައްތާ ޑޮކްޓަރުގެ ހިދުމަތް، އޮޕަރޭޝަން ޑޮކްޓަރުގެ ހިދުމަތް އަދި އެތެރެހަށީގެ ޑޮކްޓަރުގެ ހިދުމަތް ލިބޭނެއެވެ.

އަދި ދަތުގެ ހާއްސަ ފަރުވާ، ޑައިލަސިސްގެ ހިދުމަތް އަދި ފިޒިއޮތެރަޕީގެ ހިދުމަތް ވެސް ލިބޭނެ އެވެ.

އޭގެ އިތުރުން އެމެޖެންސީ ރޫމް، މައިނާ އޯޓީ، އައިސީޔޫ، އެންއައިސީޔޫ، އެކްސްރޭގެ ހިދުމަތް، ލޭބަ ރޫމް، އަދި އަލްޓްރާ ސައުންޑް ސްކޭންގެ ހިދުމަތް ވެސް ފެށިގެންދާނެ އެވެ.

އަލަށް ހެދޭ ހޮސްޕިޓަލްތަކުގައި ޖުމްލަ 35 އެނދާއެކު ފަސް ވޯޑް ހުންނާނެ އެވެ. އަދި ހަ ޕްރައިވެޓް ކޮޓަރި ވެސް ހިމެނޭނެ އެވެ.

އިހަވަންދޫ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލު ކުރުމަށް އަޅަން ޖެހޭ އިމާރާތް ފަރުމާ ކުރުމަށް އާކްއެންޖް ސްޓޫޑިއޯއާ ހަވާލުކޮށްފައި ވަނީ 112،255 ރުފިޔާއަށް 66 ދުވަހުގެ ތެރޭ މަސައްކަތް ނިންމާ ގޮތަށެވެ. އަދި ހިންނަވަރުގެ ހޮސްޕިޓަލް ފަރުމާ ކުރުމަށް ހަވާލުކޮށްފައި ވަނީ 66 ދުވަހުގެ ތެރޭ ނިންމުމަށް 135،000 ރުފިޔާއަށެވެ.

ހަމަ މިމުއްދަތުގެ ތެރޭގައި ނިންމުމަށް ގައްދޫ ހޮސްޕިޓަލް ހަވާލުކޮށްފައި ވަނީ 107،752 ރުފިޔާ އަށެވެ. މާމިގިލީ ހޮސްޕިޓަލްގެ ފަރުމާ ޑިޒައިންކޮށް ނިންމުމަށް ދީފައިވާ މުއްދަތަކީ 63 ދުވަހެވެ. އެއީ 122،070 ރުފިޔާ އަށެވެ.

ތ. ތިމަރަފުށީ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލު ކުރުމަށް ފަރުމާ ކުރުމާއި ބީއޯކިއު ހެދުމަށް 147،953 ރުފިޔާއަށް 60 ދުވަހުގެ މުއްދަތުގައި ނިންމުމަށް ހަވާލުކޮށްފައިވަނީ އިޕޮކް އެސޯސިއޭޓްސްއަށެވެ.
ހިޔާލު