MNU aai IUM ehkollumuge bahus
image
އެމްއެންޔޫ އާއި އައިޔޫއެމް--
މާއިދާ މުހައްމަދު ރަޝާދު
0 ކޮމެންޓް
 

އެމްއެންޔޫ އަދި އައިޔޫއެމް އެއްކޮށްލުމުގެ ބަހުސް

މިވަގުތު އެންމެ ގަދައަށް ކުރެވެމުންދާ ބަހުސް އަކީ ރާއްޖޭގެ ގައުމީ ޔުނިވާސީޓީ (އެމްއެންޔޫ) އާއި އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) އަކީ އެއް ފުރާޅެއްގެ ދަށުން މަތީ ތައުލީމު ހާސިލުކުރާ އެއް ތަނަކަށް ހެދުމަށް ރައްޔިތުންގެ މަޖިލީހުގެ ގިނަ އަދަދެއްގެ މެމްބަރުން ތާއީދުކޮށް ވާހަކަ ދެއްކުމާ ގުޅިގެން އުފެދުނު ބަހުސްއެވެ. އެގޮތަށް ތާއީދުކޮށް އެއް ބަޔަކު ވާހަކަ ދައްކަމުން އަންނައިރު އެކަމާ ދެކޮޅަށް އަނެއް ބަޔަކު އަންނަނީ ހިޔާލު ފާޅު ކުރަމުންނެވެ.
އެކަމުގެ ބަހުސް ފެށުނީ ސަރުކާރުން އައިޔޫއެމް އާއި އެމްއެންޔޫގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްތަކެއް މަޖިލީހަށް ހުށަހެޅުމާ ގުޅިގެންނެވެ. އެގޮތުން ޔުނިވާސިޓީތަކަށް ދިމާވެފައި އޮތް ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ކަމަށް ބުނެ އެ ބިލްތައް ހުށަހެޅުމުގެ ނަތީޖާއަކީ އިލްމީ ބޭފުޅުންގެ މެދުގައި ވެސް ބަހުގެ ހަމަލާތައް ދޭން ފެށުމެވެ.

އެ ބިލަށް ބަހުސް ކުރައްވަމުން މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ، ދެ ޔުނިވާސިޓީ އެއްކޮށްލައިގެން ކިޔަވައިދޭނަމަ ފެންވަރު ރަނގަޅު ތައުލީމެއް ފޯރުކޮށްދެވޭނެ ކަމަށާއި ދެ ޔުނިވާސިޓީއެއް ވަކިން ހިންގުމުގެ ބޭނުމެއް ނުފެންނަ ކަމަށެވެ. ކެންދޫ ދާއިރާގެ ޖޭޕީ މެމްބަރު އަލީ ހުސެއިން ވެސް އިންތިގެ ވާހަކަތަކަށް ތާއީދު ކުރައްވަ އެވެ. އެގޮތުން ވޭތުވެދިޔަ ފަސް އަހަރު ޔުނިވާސިޓީތަކަކީ ސަރުކާރު ހިންގާ އޮފީހެއްގެ ގޮތުގައި ބަދަލުވެފައިވާކަން ފާހަގަކުރައްވާ އަލީ ހުސެއިން ވިދާޅުވި ގޮތުގައި ޔުނިވަސިޓީތައް ވާން ޖެހޭނީ ތައުލީމީ ދިރާސާތައް ހަދައި ދުނިޔެ އަށް ލޯ ހުޅުވިފައިވާ ދަރިވަރުންތަކެއް ތިބޭ ތަނަކަށް ކަމުން އެމްއެންޔޫގެ ދަށަށް އައިޔޫއެމް ކޮންމެ ވެސް ގޮތަކަށް ގެންގޮސްގެން ބަދަލުތަކެއް އަންނާނެ އެވެ.

ގިނަ މެމްބަރުން އެކަމަށް ތާއީދުކޮށް ވާހަކަ ދެއްކެވި ނަމަވެސް ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ނަޒަރުގައި ރާއްޖޭގައި އިސްލާމިކް ޔުނިވާސިޓީއެއް ހުރުން ލާޒިމެވެ. އެއީ އިސްލާމީ ޝަހްސިއްޔަތު ރައްކާތެރި ކުރުމާއި، އިސްލާމްދީނުގެ މަތިވެރި އުސޫލުތަކާއި އަގުތައް ދަސްކޮށް ދިނުމަށްޓަކައެވެ. ރައީސް މައުމޫނުގެ ވާހަކަފުޅަށް އަދާލަތު ޕާޓީން ވެސް ތާއީދެވެ. އެޕާޓީން ބުނީ، އިސްލާމް ދީނާ ގުޅޭ އިލްމީ ދިރާސާތައްކޮށް ދީނުގެ އިލްމު ފެތުރުމަށް އައިޔޫއެމް، މުސްތަގިއްލު ޔުނިވާސިޓީއެއްގެ ގޮތުގައި ދެމިއޮތުމަކީ ކޮންމެހެން މުހިއްމު ކަމެއް ކަމަށެވެ.

އެމްއެންޔޫ އާއި އައިޔޫއެމްގެ ކުޑަ ތައާރަފެއް!

އައިޔޫއެމް އުފެދިގެން އައީ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި 2015 ވަނަ އަހަރުގެ ޖުލައި ނުވަ ވަނަ ދުވަހެވެ. އެ ޔުނިވާސިޓީން އަންނަނީ ނުވަ ފެކަލްޓީއެއް މެދުވެރިކޮށް 54 އަށް ވުރެ ގިނަ ކޯސް ހިންގަމުންނެވެ.

ކުރިން މައުހަދާއި ކުއްލިއްޔާ ހިންގި އިމާރާތުގައި އައިޔޫއެމް ހިންގަމުން އަންނައިރު އެތަނަކީ އިސްލާމީ ތައުލީމު ފޯރުކޮށްދިނުމަށް ރާއްޖޭގައި ހުޅުވި ފުރަތަމަ ޔުނިވާސިޓީއެވެ. ތައުލީމީ ދާއިރާ އާއި ޝަރުއީ ދާއިރާގެ އިތުރުން ވިޔަފާރީގެ ދާއިރާ ފަދަ ތަފާތު ދާއިރާތަކުން އައިޔޫއެމްގައި އަންނަނީ ކޯސްތައް ހިންގަމުންނެވެ.

ގައުމީ ޔުނިވާސިޓީގެ ނަމުގައި ޔުނިވާސިޓީ އުފެދުނީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2011 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 15 ގައެވެ. އެތައް ހާސް ދަރިވަރުންނެއް މިހާރު ވެސް ތައުލީމު ހާސިލުކުރަމުންދާ ޔުނިވާސިޓީގައި ދިހަ ފެކަލްޓީއެއްގެ ދަށުން ކިޔަވައިދެމުން އަންނައިރު އަތޮޅު ތެރޭގައި ވެސް އެމްއެންޔޫގެ ކެމްޕަސްތައް ވަނީ ގާއިމުކުރެވިފަ އެވެ. އެމްއެންޔޫއިން ވެސް އަންނަނީ ސެޓްފިކެޓް ލެވެލްގެ ކޯސްތަކުން ފެށިގެން ޕީއެޗްޑީ އާސް ހަމައަށް ތަފާތު ދާއިރާތަކުން ކިޔަވައިދެމުންނެވެ.

ދެ ޔުނިވާސިޓީ އެއްކޮށްލުމާ މެދު އާއްމުންގެ ބަސް!

މިކަމުގައި އާއްމުންގެ ހިޔާލުވެސް ހުރީ އެކި ގޮތަށެވެ. އެއް ބަޔަކު ދެ ޔުނިވާސިޓީ އެއްކޮށްލުމުން ލިބޭނެ ފައިދާތަކަށް ވާހަކަ ދައްކަމުން އަންނައިރު އަނެއް ބަޔަކު ދަނީ އެކަމަކީ ކުރަން ރަނގަޅު ކަމެއް ނޫން ކަމަށް ބުނަމުންނެވެ. އެގޮތުން ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރި މީހަކު ބުނީ، އިސްލާމީ އެތައް ގައުމެއްގައި ގައުމީ ޔުނިވާސިޓީގެ އިތުރުން ވެސް އިސްލާމީ ޔުނިވާސިޓީތައް ގާއިމުކުރެވިފައިވާ ކަމަށާއި އެހެން ކަމުން ރާއްޖޭގައި އެފަދަ ޔުނިވާސިޓީއެއް ވަކިން ހުރުމުގައި މައްސަލައެއް ނެތް ކަމަށެވެ. އަދި ވެރިކަން ކުރަމުން އަންނަ އެމްޑީޕީއަކީ "ލާދީނީ" ބަޔަކު އުޅޭ ޕާޓީއެއް ކަމަށް ބުނެ ރާއްޖެއިން އިސްލާމީ ތައުލީމު ފޮހެލުމަށް އެމްޑީޕީން މަސައްކަތް ކުރާ ކަމަށް ތުހުމަތު ވެސް ކޮށްފައި ވެއެވެ.

އެކަމަކު އެކަމުގެ ދިފާއުގައި ވާހަކަ ދެއްކި މީހުން މަދެއް ނޫނެވެ. އެމީހުން ދެކޭ ގޮތުގައި އެއް ކޯސްތަކެއް ދެ ތަނެއްގައި ހިންގަމުން އަންނަ ނަމަ އެތަން އެއްތަނަކަށް ބަދަލު ކުރުމަކީ އެންމެ ރަނގަޅު ގޮތެވެ. އަދި ރާއްޖެ ފަދަ އާބާދީ ކުޑަ ގައުމެއްގައި އެގޮތަށް ދެ ޔުނިވާސިޓީއެއް ގާއިމުކޮށް އެއް ކޯސްތަކެއް ކިޔަވައި ދިނުމުން ލިބެނީ ގެއްލުން ކަމަށް ވެސް އެމީހުން ގަބޫލުކުރެ އެވެ. ސަބަބެއް ކަމަށް އެމީހުން ބުނަނީ ދެ ތަނަށް އެތައް ހަރަދެއްކޮށް މުވައްޒަފުންގެ މުސާރައަށް ވެސް އެހާބޮޑު ހަރަދެއް ކުރަމް ޖެހުނު ނަމަވެސް ފެންވަރު ރަނގަޅު ތައުލީމެއް ދަރިވަރުންނަށް ލިބޭތަން ނުފެންނާތީ އެވެ.

އެމީހުން ބުނާ ގޮތުގައި ކޯސްތަކުގެ ނަން ތަފާތު ނަމަވެސް ކިޔަވައިދިނުމުގައި ބަދަލުތަކެއް ނުހުރެއެވެ. އެގޮތުން ކިޔަވައިދިނުމުގެ މުގައްރަރުގެ ގޮތުގައި ވެސް އޮންނަނީ ހަމަ އެކައްޗެކެވެ. އޮންނަ ހަމައެކަނި ތަފާތަކީ ކޯހުގެ ނަމެވެ. ދެން ދައްކަމުން އަންނަ ވާހަކައަކީ ގައުމީ ޔުނިވާސިޓީ އާއި އިސްލާމިކް ޔުނިވާސިޓީގައި ދީނީ ތައުލީމު އުނގެނިފައި ތިބޭ ލެކްޗަރާއިންނާ މެދު ކުރެވޭ ބަހުސެވެ. އެކަމަކު އެކަމަށް ރައްދުދީ މީހަކު ޓްވީޓާ ބުނީ، ރާއްޖޭގެ ނަން މަޝްހޫރު ދީނީ އިލްމުވެރިން ކަމަށްވާ ޑރ. މުހައްމަދު އިޔާޒް އާއި އަލީ ޒައިދު ފަދަ އިލްމުވެރިން ވެސް އެ އެމްއެންޔޫގައި ކިޔަވައިދެމުން އަންނަ ކަމަށެވެ. އެހެންވީމާ، ގައުމީ ޔުނިވާސިޓީއާ އެއްފުރާޅެއްގެ ދަށަށް އައިޔޫއެމް ބަދަލުކުރި ނަމަވެސް އިސްލާމީ ތައުލީމު ދިނުމަށް ބަދަލުތަކެއް ނާންނާނެ ކަމަށެވެ.

އާއްމުންގެ ހިޔާލު މިގޮތަށް ހުރިއިރު، އެކަމާ މެދު ގޮތެއް ނިންމުމުގެ ބާރު އޮތީ މަޖިލިހާއި ރައީސް އަށެވެ. މަޖިލީހުގެ ގިނަ މެމްބަރުން އައިޔޫއެމް އާއި އެމްއެންޔޫ އެއްކޮށްލަން ބޭނުންވި ނަމަވެސް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ އިސްލާމިކް ޔުނިވާސިޓީ ހިންގުން މެދުކަނޑާނުލާ ކުރިއަށް ގެންދިއުމަކީ ސަރުކާރުގެ ސިޔާސަތެއް ކަމަށާއި، އަދި ސަރުކާރުން ތައުލީމަށް ހުޅުވިފައިވާ އެއްވެސް ފުރުސަތެއް ބަންދު ނުކުރާނެ ކަމަށް ރޭ ވިދާޅުވެފަ އެވެ. އެހެންކަމުން، ގަބޫލުކުރެވޭ ގޮތުގައި މަޖިލީހުގެ ތަޅުމުގައި އެއްފުރާޅެއްގެ ދަށަށް ދެ ޔުނިވާސިޓީ ބަދަލުކުރުމަށް ތާއީދުކުރައްވާ މެމްބަރުން ވާހަކަ ދެއްކެވި ނަމަވެސް ހިނގަމުން މިދާ މަޖިލީހަކީ އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހެއް ކަމުން ސަރުކާރުގެ ސިޔާސަތާ ހިލާފު ނުވާނެ ކަމަށް ބެލެވެއެވެ.
ހިޔާލު