Customs ah liben jehey MVR 39.7 million hoadhan masakkaiy kuranee
image
ކަސްޓަމްސް އިމާރާތް-- ފޮޓޯ: ރާއްޖެ އެމްވީ
0 ކޮމެންޓް
 

ކަސްޓަމްސް އަށް ލިބެން ޖެހޭ 39.7 މިލިއަން ރުފިޔާ ހޯދަން މަސައްކަތް ކުރަނީ

އެކި ޕްރޮޖެކްޓުތަކަށް ރާއްޖެ އެތެރެކޮށް، ހުއްދަ ދިން މުއްދަތު ހަމަވުމުން ވެސް ރާއްޖޭގައި އުޅޭ އުޅަނދުތަކުން އިމްޕޯޓު ޑިއުޓީގެ ގޮތުގައި ދައްކަން ޖެހޭ 39.7 މިލިއަން ރުފިޔާ ހޯދުމުގެ މަސައްކަތް ކަސްޓަމްސް އިން ފަށައިފި އެވެ.
މިއަދު ނެރުނު ބަޔާނެއްގައި ކަސްޓަމްސް އިން ބުނީ ޕްރޮޖެކްޓްތަކުގައި ބޭނުން ކުރުމަށް ވަގުތީ ގޮތުން އިމްޕޯޓް ކުރެވޭ އުޅަނދު ފަހަރަކީ އެތަކެތި އެތެރެ ކުރެވޭ ޕްރޮޖެކްޓެއްގައި އެކަނި ބޭނުން ކުރުމަށް ނުވަތަ މުއްދަތު ހަމަވުމުން ޑިއުޓީ ފްރީ އެހެން ޕްރޮޖެކްޓަކަށް ބަދަލު ކުރުމަށް ޝަރުތުކޮށް ވަކި މުއްދަތަކަށް ގެނެވޭ ތަކެތި ކަމަށެވެ.

އެގޮތަށް ހުއްދަ ދެވޭ މުއްދަތު ހަމަވުމުގެ ކުރިން އުޅަނދު އަނބުރާ ފޮނުވާލަން ޖެހޭނެ ކަމަށާއި އެމުއްދަތުގެ ތެރޭގައި އުޅަނދު ފޮނުވާނުލެވޭ ނަމަ އުޅަނދުގެ އަގުން ދައުލަތަށް އިމްޕޯޓް ޑިއުޓީ ދައްކަން ޖެހޭނެ ކަމަށް ބަޔާނުގައި ވަނީ ބުނެފަ އެވެ.

އެގޮތުން ވޭތުވެދިޔަ ތިން އަހަރު އެކި ޕްރޮޖެކްޓްތަކުގައި ބޭނުން ކުރުމަށް 51 އުޅަނދެއް ރާއްޖެ އެތެރެކޮށްފައި ވެއެވެ. އޭގެ ތެރެއިން އުޅަނދު ބޭނުން ކުރުމަށް ހުއްދަދީފައިވާ މުއްދަތު ހަމަނުވާތީ 37 އުޅަނދެއް އަދިވެސް ގެންދަނީ އުޅަނދު ގެނެވުނު ޕްރޮޖެކްޓްގެ މަސައްކަތުގައި ބޭނުން ކުރަމުންނެވެ.

އޭގެ އިތުރުން ބޭނުން ކުރުމަށް ހުއްދަދެވުނު މުއްދަތު ހަމަވެގެން 12 އުޅަނދަކަށް ރާއްޖެއިން އަނބުރާ ފޮނުވާލަން ނުވަތަ އުޅަނދުގެ ޑިއުޓީއަށްވާ ފައިސާ ދައްކަން އަންގާފައިވާއިރު، އޭގެ ތެރެއިން ދެ އުޅަނދެއް ވަނީ އަނބުރާ ފޮނުވާލާފަ އެވެ.

މީހާރު އަނބުރާ ފޮނުވާނުލެވި ރާއްޖޭގައި އޮތް 10 އުޅަނދަކަށް އިމްޕޯޓް ޑިއުޓީގެ ގޮތުގައި ޖެހޭ 39.7 މިލިއަން ރުފިޔާ ކަސްޓަމްސް އަށް ދެއްކުމަށް އެފަރާތްތަކަށް ވަނީ އަންގާފައި ކަމަށް އެބަޔާނުގައި ވަނީ ބުނެފަ އެވެ.

އެގޮތުން 2016 ވަނަ އަހަރު ހުއްދަ ދިން ނުވަ އުޅަނދުގެ ތެރެއިން ހަ އުޅަނދެއްގެ މުއްދަތު ހަމަވެފައިވާއިރު، އޭގެ ތެރެއިން ދެ އުޅަނދެއް ވަނީ އަނބުރާ ފޮނުވާލާފަ އެވެ. އެ އަހަރު ގެނެސް މުއްދަތު ހަމަވެފައިވާ އުޅަނދުތަކުން 22.6 މިލިއަން ރުފިޔާ ލިބެން ޖެހެ އެވެ.

ޖެހިގެން އައި 2017 ވަނަ އަހަރު 23 އުޅަނދެއް އެތެރެ ކުރަން ހުއްދަ ދިން އިރު، މުއްދަތު ހަމަވެފައިވާ ފަސް އުޅަނދުން 10.10 މިލިއަން ރުފިޔާ ލިބެން ޖެހެ އެވެ. މިދިޔަ އަހަރު ހުއްދަ ދިން 19 އުޅަނދުގެ ތެރެއިން އެއް އުޅަނދުގެ މުއްދަތު ހަމަވެ 7.08 މިލިއަން ރުފިޔާ އިމްޕޯޓު ޑިއުޓީގެ ގޮތުގައި ކަސްޓަމަށް ދައްކަން ވަނީ ޖެހިފަ އެވެ.

ކަސްޓަމްސް އިން ބުނީ އެ އުޅަނދުތަކުން އިމްޕޯޓު ޑިއުޓީގެ ގޮތުގައި ދައްކަން ޖެހޭ ޖުމްލަ 39.7 މިލިއަން ރުފިޔާ ދެއްކުމަށް މިހާރު އަންގާފައިވާ ކަމަށެވެ.
ކަސްޓަމްސް
ހިޔާލު