ސަރުކާރާއި ރައްޔިތުންގެ މަޖިލީހުން ޖުޑީޝަރީ އިސްލާހު ކުރަން ފެށުމާއެކު، ކުރިން "ނިދާފައިއޮތް" ފަނޑުޔާރުންގެ ސުލޫކީ މައްސަލަތައް ބަލަން ގާނޫނުއަސާސީން މަތިކޮށްފައިވާ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ހޭލައި، ފަނޑިޔާރުންނާ ގުޅޭ ގޮތުން ކުރިން އެކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަތަކާއި މިހާރު ހުށަހެޅެމުންދާ މައްސަލަތައް ބެލުމަށް ހަރަކާތްތެރި ވާންފަށައިފި އެވެ.
ޖޭއެސްސީގެ ޑިރެކްޓަރ ހަސަން ޒަހީން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވަނީ ފަނޑިޔާރުންތަކަކާގުޅޭ ގިނަ ޝަކުވާތަކެއް އެކޮމިޝަނުން ބަލަށް ނިންމައި އަދި ބަލަމުންދާ ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި، ގިނަ ސިޔާސީ ފަރާތްތަކެއްގެ މައްޗަށް ދައުވާ ކުރެއްވި ދުވަސްވަރު، ކްރިިމިނަލް ކޯޓުގެ ގާޒީ ކަމުގެ މަގާމަށް އައްޔަން ކުރެވުނު، ގާޒީ ހަސަން ނަޖީބާ ގުޅޭ ޖުމްލަ ހަތް ޝަކުވާއަކާއި ކ. ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ރާގިބު އަހުމަދާ ގުޅޭ ޖުމަލް އަށް ޝަކުވާއެއް ޖޭއެސްސީން ބަލަން ނިންމައި، އެމައްސަލަތައް ބަލަމުންދާ ކަމަށް ޒަހީން ވިދާޅުވި އެވެ.
މީގެއިތުރުން، ސުޕްރީމް ކޯޓުގެ ފަނޑުޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރި ދުވަހު ޖޭއެސްސީ ސަސްޕެންޑް ކޮށްފައިވާ ފެމެލީކޯޓްގެ އިސް ގާޒީ ހަސަން ސައީދާ ގުޅޭގޮތުން ހުށަހެޅިފައިވާ ޝަކުވާތައް ބެލުމަށް ޖޭއެސްސީގެ ތިން މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމެޓީއެއް އެކުލަވާލާފައިވާ ކަމެވެ. އެކޮމެޓީގައި ހިމެނިވަޑަޑައިގަންނަވަނީ، ޖޭއެސްސީގެ މެމްބަރު އަބްދުރައޫފް އިބްރާހީމް، ކޮމިޝަނުގެ ނާއިބު ރައީސް މަސްތޫރު ހުސްނީ އަދި ކޮމިޝަނުގެ މެމްބަރު ހިސާން ހުސައިން އެވެ.
ތަހުގީގު ކުރާ އެކޮމެޓީއަށް އިތުރު ގާޒީއެއްގެ މައްސަލައެއް ވެސް ބަލަން ވަނީ ހަވާލުކޮށްފަ އެވެ. އެއީ ސިވިލް ކޯޓުގެ ގާޒީ ހަސަން ފަހީމް އިބްރާހީމާ ބެހޭ ގޮތުން ކޮމިޝަނަށް ހުށަހެޅިފައިވާ ސުލޫކީ މައްސަލައެކެވެ. އެމައްސަލަ ބެލުމަށް މިއަދު އެކޮމިޝަނުން ބޭއްވި ބައްދަލުވުމުގައި ވަނީ ނިންމާފަ ކަމަށްވެސް ޒާހީން ވިދާޅުވި އެވެ.
ޒަހީން ވިދާޅުވީ ސިވިލް ކޯޓުގެ ގާޒީ ފަހީމްގެ މައްސަލަ ސްލޫކީ މައްސަލައެއް ޖޭއެސްސީއަށް ހުށަހަޅުއްވާފައިވަނީ ދައުލަތުގެ ބަންޑާރަ ނައިބުގެ އޮފީހުން ކަމަށެވެ.
މީގެއިތުރުން، ގއ. މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަހުމަދު ޝުކޫރާ ގުޅޭ ޖުމްލަ ފަސް ޝަކުވާއެއް އެކޮމިޝަނުން ބަލުންދާ ކަމަށެވެ.