Gudhurathee maahauluga ulhumun kudhinnah libenee kon faidhaa thakeh?
image
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

ގުދުރަތީ މާހައުލުގައި އުޅުމުން ކުދިންނަށް ލިބެނީ ކޮން ފައިދާތަކެއް؟

ކުޑަކުދިން ގޭގެ މާހައުލުން ނިކުމެ މަގުތަކުގައި ކުޅެ މަޖާކޮށް އުޅުނު ޒަމާން ބީވެގެން ދަނީ އެވެ. ޤުދުރަތީ މާހައުލާ ދުރުވެ ކުދިން ގިނަ ވަގުތު ހޭދަކުރަމުން ދަނީ ގޭތެރޭގައެވެ. ކުދިން ތިބެނީ ކޮންމެވެސް ވީޑިއޯ ގޭމެއްގެ އަވާގައި ޖެހިފަ އެވެ. ނޫނީ ޓީވީ އަށް ގެއްލި ހުސްވެފަ އެވެ. ޓެކްނޮލޮޖީގެ ވަސީލަތްތަކާ ކުދިން ގާތްވެ ނޭދެވޭ އަސަރުތައް ކުރުމުގެ ކުރިން ކުއްޖާ ގެއިން ބޭރަށް ކުޅެން ފޮނުވައި ޤުދުރަތީ މާހައުލާ ރައްޓެހިކުރުވަން އެބަޖެހެ އެވެ.
ޤުދުރަތީ މާހައުލުގައި ވަގުތުތަށް ހޭދަކޮށް ކުޅެ އުޅުމަކީ ކުއްޖާއަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ގިނަ މަންފާތައް ކުރުވާ ކަމެކެވެ. ކުޅެ އުޅުމުގެ ތެރޭގައި ކުއްޖާއަށް ކަންތައްތައް ދަސްވެ، އުފެެއްދުންތެރި ޙިޔާލުތަށް ބިނާކުރުމަށް މަގުފަހިވެ އެހެން މީހުންނާ މުޢާމަލާތްކޮށް، މީހުންގެ ތެރޭގައި އުޅެން ދަސްވެ އެވެ. ސިއްހީ ގޮތުން ބެލިކަމުގައި ވިޔަސް މިއީ ކިހާ މުހިންމު ކަމެއްކަން އެނގިގެންދެ އެވެ.

ޤުދުރަތީ މައުދަންތަކަށް ސަމާލުކަން ދެވުން

ޤުދުރަތީ މާހައުލުގައި އުޅުމަކީ ކުއްޖާގެ ސަމާލުކަން ދަމައިގަންނަ ޝައުގުން ފުރިގެންވާ އެއްޗެހި ކުއްޖާއަށް ފެނިގެންދާ ކަމެކެވެ. ޤުދުރަތީ މައުދަންތަށް (ފެން، ވެލި، މާ ،ގާ) މިފަދަ އެއްޗެހި ފެނި އެ އެއްޗެހިތަކާއި ކުޅެ އޭގެން ކުރެވޭ ބޭނުންތައް އެނގި އުފެއްދުންތެރި ޙިޔާލުތައް ބިނާކުރުމަށް އެޅޭ ބޮޑު ބާރަކަށް ވެގެންދެއެވެ. އެއީ ބޮޑު އަގު ދީފައި ކުޅޭ އެއްޗެހި ގަތުމަށްވުރެ ހުރިހާ ގޮތަކުން ވެސް މާ ފައިދާ ހުރި ކަމެއްކަން ޔަޤީނެެވެ. ހަމަ އެހެންމެ މިއީ ކުއްޖާ އަށް ސްކޫލުގެ މާހައުލުން ތިމާވެއްޓާއި ގުޅޭ ގޮތުން އުނގަންނައިދޭ އެއްޗެހި ދެނެގަނެ މަޢުލޫމާތުގެ ހަޒާނާ މުއްސަނދިވުމަށް މަގު ކޮށައިދޭ ކަމެކެވެ.

ހިރާސް ނުވަތަ "ރިސްކު ނެގުމުގެ" މުހިންމުކަން އެނގުން

މިއަދުގެ މުޖުތަމަޢުގައި ގިނަ މީހުންނަށް ކުދިންގެ ހެދި ބޮޑުވުމުގައި ހިރާސް އަކީ ކިހާ މުހިންމު ކަމެއްކަން ނޭނގެ އެވެ. ބޭރުގައި ކުޅެ އުޅުމުގެ ތެރޭގައި ކުއްޖާ ނުރައްކާތަކުން ސަލާމަތް ވާނީ ކިހިނެއް ކަމާއި ނުރައްކާތެރި ކަންތައްތަކީ ކޮބައިކަން ދެނެގަނެވެ އެވެ. މިއާއެކު އާ ހުނަރުތައް ދަސްވެ ކާމިޔާބީތަކާއި ނާކާމިޔާބީތައް ތަޖުރިބާ ކުރާނެ ފުރުސަތުތައް ލިބިގެން ދެއެވެ.

މީހުންނާ ގުޅުން ބަދަހިވުން

ބޭރުގެ މާހައުލުގައި އުޅުމުގެ ތެރޭގައި ކުއްޖާއަށް ވަރަށް ގިނަ މީހުންނާ އެއް އުމުރު ފުރާގެ ކުދިންނާ ބައްދަލުވެގެންދާނެ އެވެ. އެކުގައި ކުޅެ މަޖާ ކުރުމުގެ ތެރޭގައި އެކަކު އަނެކަކަށް ލިބިފައިވާ ޢިލްމާއި ހުނަރު ކިޔައިދީ ހިއްސާ ކުރުމުގެ ސަބަބުން ގާތް ގުޅުމެއް ބިނާވެގެން ދެއެވެ. ހަމަ އެހެންމެ އެކަކު އަނެކެއްގެ އިހުސާސްތަކާއި ބޭނުންތައް ވެސް އެނގި ނަފްސާނީ ގޮތުން ވެސް މި ގުޅުން އިތުރަށް ބަދަހިވެގެންދެ އެވެ.
ކުޑަކުދިން ސިއްހަތު
ހިޔާލު