Jareemaa hingumakee gaigai hunna aibeh!?
image
އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް)--
6 ކޮމެންޓް
 

"ޖަރީމާ" ހިންގުމަކީ ގައިގައި ހުންނަ "އައިބެއް"!؟

މީހުން ޖަރީމާ ހިންގަނީ އެމީހެއްގެ ގައިގައި ހުންނަ "އައިބަކުން" ކަމަށާއި މީހުންގެ އައިބު ފޮރުވުމަށާއި ނުވަތަ އެފަދަ މީހުން ފަލީހަތް ނުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށި ދާއިރާގެ މެމްބަރު، އަދި ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ސަލީމު (ރެޑްވޭވް ސަލީމް) ގޮވާލެއްވުމުން ސުވާލު އުފެދެ އެވެ.
ރެޑްވޭވް ސަލީމް އެގޮތަށް ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގާފައިވާ "ޖަރީމާތައް" ނުބަލާ ލަސްވަމުން ދާތީ، ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުންނެވެ. އެމައްސަލަ މަޖިލީހަށް ހުށަހެޅުއްވީ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދެވެ.

ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން ސަލީމް ވިދާޅުވީ، ހުށަހެޅިގެން އުޅެނީ ކުއްލި މައްސަލައެއް ނޫން ކަމަށެވެ. އެއީ ކުއްލިއަކަށް ދިމާވެގެން އުޅޭ ކަމެއް ނޫން ކަމަށާއި އެއީ އަބަދު ވެސް ދައްކަމުންދާ ބާ ވަހަކައެއް ކަމަށެވެ.

"މިއަދު ހުށަހެޅިގެން މިއުޅޭ ކުއްލި މައްސަލައަކީ ކުއްލި މައްސަލައެއް ކަމަކަށް އަޅުގަނޑެއް ގަބޫލެއް ނުކުރަން. ކުއްލި މައްސަލަ އަޅުގަޑުމެން މި ކިޔަނީ ކުއްލިއަކަށް ދިމާވާ ހާދިސާއަށް. މިހާދިސާއަކީ ކުއްލިއަކަށް ދިމާވެގެން އުޅޭ ހާދިސާއެއް ނޫން. މީގެ ފަސް އަހަރުން ފެށިގެން މިއަދާ ހަމައަށް މިވާހަކަތައް ދައްކަމުން އައިސް ކުއްލިއަކަށް ހުށަހެޅުއްވި މައްސަލައެއް،" ރެޑްވޭވް ސަލީމް ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ މިމައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ ބޭނުމަކީ ރައީސް ޔާމީން ފަލީހަތް ކުރުން ކަމަށެވެ. އެކަމަކު ރައްޔިތުންގެ މަޖިލީހަކީ މީހުން ފަލީހަތް ކުރަން އުފައްދާފައިވާ ތަނެއް ނޫން ކަމަށާއި އެއީ ގާނޫނުތައް ހެދުމަށާއި ސަރުކާރު ހިންގަން ފަސޭހަ ކުރުމަށް އުފައްދާފައިވާ ތަނެއް ކަމަށެވެ.

"މިމައްސަލާގައި އަޅުގަނޑުމެންނަށް އަބަދުވެސް ވާހަކަ ދެކެވެމުން މިއަންނަނީ، މީސްމީހުން ފަލީހަތްކުރުމާއި، މީސްމީހުން ލަދު ގެންނެވުމާއި، މީސްމީހުންގެ މައްޗަށް ކުރެވިފައި ހުރި ތުހުމަތުތައް، އެއީ އެމީހާ ކޮށްފަހުރި ކަންތައްތަކެއް ކަމަށް، ސީދާ ކުރިން ނިންމައިގެން އެވާހަކަ ދެއްކުމަކީ އަޅުގަނޑަށް ހީވަނީ އެއީ ރަނގަޅު ކަމެއް ނޫންހެން. އަޅުގަނޑުމެންގެ ދީނުގައި ވެސް އަދި އެހެން ދީންތަކުގައި ވެސް އަދި ގާނޫނު އަސާސީ އަދި އާއްމު މުޖުތަމައުގައި ވެސް މީހަކުގެ މައްޗަށް ތަހުމަތެއް ކުރެވުމަކީ އޭނާގެ މައްޗަށް އެކަން ސާބިތުވުމެއް ނޫން. އެމީހެއްގެ މައްޗަށް ކުށެއް ސާބިތުނުވާހާ ހިނދަކު އެމީހަކީ މައުސޫމް މީހެއް. އެހެން ނަމަވެސް އަޅުގަނޑުމެން އެންމެ ފުރަތަމަ ވެސް މިނިންމަނީ އެމީހުންނަކީ ކުށްވެރިން ކަމަށް،" ސަލީމް ވިދާޅުވި އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދިގު 30 އަހަރުގެ ވެރި ކަމުގައި އޭރު ހުރި އެޓޯލްސް މިނިސްޓްރީގެ ފައިސާއާ ބެހޭ ސެކްޝަނުގެ އިސް މަގާމެއްގައި މަސައްކަތް ކުރެއްވި އަދި މިވަގުތު ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި "ރެޑްވޭވް" ނަމުގައި ސުޕަ މާޓްތައް ހިންގަވާ މަޝްހޫރު ވިޔަފާރި ވެރިޔާ ރެޑްވޭވް ސަލީމް އެގޮތަށް ވިދާޅުވިއިރު، ރައީސް ޔާމީންގެ ސަރުކާރުން ވަނީ ދައުލަތުގެ އެތައް ބިލިއަން ރުފިޔާއަށް ހިޔާނާތްތެެރިވެފަ އެވެ. އެއީ ތޯތޯ ވާހަކައެއް ނޫނެވެ.

ދައުލަތުގެ ކަމާ ބެހޭ ބައެއް އިދާރާތަކުން ބައެއް މައްސަލަތައް ތަހުގީގުކޮށް، ރިޕޯޓްތައް ނެރެފައިވާއިރު، މޯލްޑިވްސް މާކެޓިން ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ އޮޑިޓް ރިޕޯޓުން އެކަނިވެސް 1.23 ބިލިއަން ރުފިޔާއަށް ހިޔާނާތް ވެފައި ވެއެވެ. ހުދު ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހުގީގު ކުރުމަށްފަހު އާއްމުކޮށްފައިވާ ރިޕޯޓުގައި ވެއެވެ. އެ އެއް މިލިއަން ޑޮލަރަކީ ވެސް ދައުލަތުގެ ފައިސާ ކަމަށް ވަނީ ތުހުމަތު ކުރެވިފަ އެވެ. މީގެ އިތުރުން ވެސް ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް ހިންގި ހިޔާނާތާއި ކޮރަޕްޝަނުގެ އެތައް މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ.

ތިމަން މަނިކުފާނުގެ ގެކޮޅަށް ހިޔާނާތުގެ ފައިސާ ވަތް ކަމަށް އަމިއްލަފުޅަށް އިއުތިރާފުވެފައި ވާއިރު، އަދި އެވާހަކަތައް ލައިވްކޮށް ޓީވީތަކުން ދައްކަމުން ދަނިކޮށް، އެހެން ވިދާޅުވުމުން އެއީ އަމިއްލަފުޅަށް ފަލީހަތް ވުން ނޫންތޯއެވެ.

ރައްޔިތުންގެ ކުރިމަތީ އެފަދަ ވާހަކަތަކެއް ދެއްކުމަށް އަމިއްލަފުޅަށް ލަދު ނުގެންނެވިއިރު، ރައްޔިތުން ލަދު ގަންނަން ޖެހޭ ކަމެއް ތޯއެވެ. އެހެނެއް ނޫނެވެ. ރައީސުލްޖުމްހޫރިއްޔާ ފަދަ ދައުލަތުގެ އިސް މަގާމެއްގައި ހުންނެވި ބޭފުޅެއްނަމަ، ގައުމަށް ވެސް "ހުތުރު" އެވެ.

އަސްލު، ސަލީމަށް އޮޅިވަޑައިގަތީ ކަމަށް ވެދާނެ އެވެ. އެ ކުއްލި މައްސަލާގައި ބުނަނީ "ޖިނާއީ ތުހުމަތުތަކެއް ކުރެވިފައިވާ އެތައް ބައެއްގެ ގިނަ މައްސަލަތަކެއް ޝަރީއަތް ނުނިމި ލަސްވަމުންދާކަމީ ރައްޔިތުން ކަންބޮޑުވުން އިންތިހާއަށް އޮތް ކަމެކެވެ. އަދި ތުހުމަތުކުރެވިފައިވާ ވައްކަމާއި ހިޔާނާތާއި މަނީ ލޯންޑާ ކުރުމުގެ ބޮޑެތި މައްސަލަތަކުގެ އިތުރުން، ރައީސް ޔާމީންގެ ވެރިކަމުގެ ދައުރުގައި ހިނގާދިޔަ ގާނޫނު އަސާސީއާ ގާނޫނުތަކާ ހިލާފު އެތައް ކަމެއްގެ އިތުރުން، ރެކޯޑް މިންވަރަކަށް ދައުލަތުން ކުރެވުނު، ވައްކަމާއި ހިޔާނާތާއި ކޮރަޕްޝަނުގެ އިތުރުން، ދިވެހި ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ގަޑުބަޑުކޮށް، ރައްޔިތުންގެ މަޖިލިސް ހިސޯރުކޮށް، ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނަގައި، އުއްތަމަ ފަނޑިޔާރާއި އެކޯޓުގެ އިތުރު ފަނޑިޔާރަކު ހައްޔަރުކޮށް، ދެ ފަހަރު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް، އެތައް ސަތޭކަ ބަޔަކު ހައްޔަރުކޮށް، އިދިކޮޅު ހުރިހާ ސިޔާސީ ލީޑަރުން ޖަލަށްލާ، ހިނގާދިޔަ އެތައް އެތައް ކަމެއްގެ ޖަވާބު ލިބުން އެއީ ކޮންމެ ދިވެހި ރައްޔިތެއްގެ ހައްގެއް ކަމުގައިވާއިރު، މިކަންކަން ނުބެލި، ޝަރީއަތް ނުކުރެވި، ދިގުލައިގެންދާ ދިއުމަކީ ރައްޔިތުން ނުހަނު ކަންބޮޑުވާ ކަމެކެވެ. ވީމާ މިކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް މިކުއްލި މައްސަލަ ހުށަހެޅީމެވެ." މިހެންނެވެ.

ހުށަހެޅިފައިވާ ކުއްލި މައްސަލާގައި މީހަކު ފަލީހަތް ވާފަދަ، ނުވަތަ ދިވެހި ރައްޔިތަކަށް ނޭނގޭ ކަމެއް އެބައޮތްތޯ އެވެ. ފަރަތަމަ ކަމަކީ، ދިވެހި ރައްޔިތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އާ ވެރިކަން ހަވާލުކުރެއްވި މައިގަނޑު ބޭނުމަކީ އަދުލްއިންސާފު ގާއިމު ކުރުމެވެ. ދައުލަތުން ގެއްލިފައިވާ ފައިސާތަކާއި މުދާތައް ހޯދުމަށެވެ. ގޮތް ނޭނގޭ ގޮތަށް އެތައް ބަޔަކު މަރާލާފައިވާއިރު، އެ މައްސަލަތަކުގެ ހަގީގަތް ހޯދުމަށެވެ. ދައުލަތުގެ މުއައްސަސާތައް ހަރުދަނާކޮށް، ރައްޔިތުންންނަށް ލާބަ އާއި މަންފާ ކުރަނިވި ގޮތަށް ހިންގުމަށެވެ. އެހެންވީމާ، ބޮޑެތި ޖަރީމާތައް ހިންގާފައި ތިބި މީހުން މުޖުތަމައުގައި ދޫވެފައި ތިބޭ ތިބުމަކީ ރައްޔިތުންނަށް ބިރަކަށް ވާއިރު، އެފަދަ މައްސަލަތަކުގައި އަދުލްއިންސާފު ގާއިމު ކުރުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަޅަމުންނުދާނަމަ، އެކަންކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަކީ މަޖިލިސް މެމްބަރުންގެ ޒިންމާއެކެވެ.

އަނެއް ކަމަކީ މަނީ ލޯންޑާ ކުރުމުގެ ތުހުމަތެވެ. އެކަން ފުލުހުން ތަހުގީގުކޮށް، ޕްރޮސެކިއުޓާ ޖެނެރަލް ބަލަން ޖެހޭ ބެލުންތައް ބެލުމަށްފަހު، ވަނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފަ އެވެ. ނަމަވެސް ކޯޓުގައި އެމައްސަލައެއް ކުރިއަކަށް ނުދެ އެވެ. ދެން އޮތީ ސިޔާސީ ހުރިހާ ލީޑަރުން ހައްޔަރު ކުރުމެވެ. އެކަން ނުކުރާ ކަމަކަށް ނުވާނެ އެވެ. އެކަން ނުކުރާކަން ނޭނގޭ މީހަކު މި ދިވެހިރާއްޖޭގައި ނުހުންނާނެ އެވެ.

ދެން އޮތީ މުޅި ދައުލަތުގެ ނިޒާމު ފުޑުފުޑުކޮށްލުމަށް ފަހުން ހިންގި ކުއްލި ނުރައްކަލުގެ ހާލަތަކާއި ސުޕްރީމް ކޯޓަށް ސިފައިން ވައްދާ، އުއްތަމަ ފަނޑިޔާރާއި އިތުރު ފަނޑިޔާރަކު ހައްޔަރުކޮށް، ރައްޔިތުންގެ މަޖިލީހަށް ވެސް ސިފައިންނާއި ފުލުހުން ވައްދާ، މެމްބަރުންނަށް އަނިޔާކޮށް މަޖިލީހުން ބޭރުކުރި މައްސަލަ އާއި މެމްބަރުންނަށް މަޖިލީހަށް ނުވަދެވޭ ގޮތަށް މަޖިލީހުގައި ތަޅު އެޅުވި މައްސަލައެވެ. މިކަންކަމަކީ ދިވެހިންނަށް އާ ވާހަކައެއް ނޫނެވެ.

އެމައްސަލާގައި ބަޔާންކޮށްފައިވާ ކަންކަން ތަހުގީގުކޮށް، ޝަރީއަތްކޮށް، އިންސާފުގެ ކުރި މައްޗަށް އެކަން ކުރި ފަރާތްތައް ގެނައުން ލަސްވާތީ ރައްޔިތުންގެ ފަރާތުން މަޖިލީހުގައި ވަކާލާތު ކުރާ މެމްބަރެއްގެ ހައިސިއްޔަތުން އަދާ ކުރަން ޖެހޭ ޒިންމާ އަދާކުރުމުގެ ގޮތުން، އެކަން ސަރުކާރުގެ ސަމާލު ކަމަށް ގެނައުމަށް ހުށަހެޅުމުން، ސަލީމަށް، އެއީ މީހަކު ފަލީހަތްކޮށް، ލަދު ގަންނުވަން ކުރި މަކެއް ކަމަށް ގަބޫލު ކުރެވުމަކީ ވެދާނެ ކަމެކެވެ. އެއީ ދައުލަތުގެ ހިޔާނާތުގެ ވާހަކަ އެކުއްލި މައްސަލާގައި ހިމެނޭތީ، ފަހަރެއްގައި އެވާހަކަތައް ތިލަވާއިރު، ހިޔާނާތްވި މީހުންގެ ލިސްޓުގައި ސަލީމް ނަން ހިމެނުމަކީ ވެދާނެ ކަމެކެވެ.

އެއީ ރަށުތެރޭގައި ދެކެވޭ ވާހަކަތަކުންނާއި ރައީސް ޔާމީންގެ ވެރިކަމުގެ ދުވަސްވަރު ހުޅުމާލޭގައި ބޮޑު ދެ ސުޕަ މޯލް ހުޅުވިއިރު، މާލޭގައި ވެސް ރެޑްވޭވްގެ ގިނަ ފިހާރަތަކެއް ވަނީ ހުޅުވާފަ އެވެ.

"ކީރިތި ރަސޫލާގެ ހަދީޘްފުޅަކަށް ބަލާލާއިރު، ދުނިޔަމަތީގައި މީހެއްގެ އައިބުތައް ފޮރުވައިފި މީހަކަށް މާތްﷲ ގިޔާމަތް ދުވަހުން އެމީހާގެ އައިބުތައް ފޮރުއްވައި ދެއްވާނެ ވާހަކަ. ނިކަން ވިސްނާލަބަލަ، މީސްމީހުންގެ އެފަދަ ކަންކަމަށް ދީފަހުންނަ ސަމާލުކަން. މީސްމީހުން ފަލީހަތްކޮށްގެން ވާހަކަދައްކަން ނުޖެހޭނެ ކަމުގެ ހެކިތައް މިހުންނަނީ. އެހެންވީމަ އަޅުގަނޑުމެން ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ މީހެއްގެ ވާހަކަ ދައްކާއިރު، އެއީ ހަމަ އެންމެ އެކަށީގެންވާ ގޮތަށްތޯ އެދެއްކެނީ،" ރެޑްވޭވް ސަލީމް ވިދާޅުވި އެވެ.

ސަލީމް އެވެ. ތިޔަ ވިދާޅުވީ ރަނގަޅެށެވެ. ދުނިޔެ މަތީގައި މީހެއްގެ އައިބުތައް ފޮރުވައިފި މީހަކަށް މާތްﷲ ގިޔާމަތް ދުވަހުން އެމީހާގެ އައިބުތައް ފޮރުއްވައިދެއްވާނެ ވާހަކަ އެއީ ރަނގަޅު ވާހަކަ އެކެވެ. ނަމަވެސް ހިންގާފައިވާ ޖަރީމާތައް ތަހުގީގު ކުރުމާއި، ހެކިބަސް ދިނުމާއި ހެކި ހޯދުމާއި، ޝަރީއަތުން އިންސާފު ހޯދުމަށް ކުރާ އެފަދަ ކަންކަމަކީ އައިބު ފޮރުވުމާއި ތަފާތު ދެކަމެކެވެ.

މީގެ ކުރިން ސަލީމް ވަނީ އޭނާގެ މާލީ ބަޔާން މަޖިލީހަށް ހުށަހަޅަން ނުޖެހޭނެ ކަމަށް ވިދާޅުވެ، އޭނާގެ މާލީ ބަޔާން މާލޭގެ ކޮންމެ ހިސާބަކުން ވެސް ފެންނަން ހުންނާނެ ކަމަށް ވިދާޅުވެ، މާލީ ބަޔާން ހުށަހެޅުމާ ދެކޮޅަށް ވާހަކަ ދައްކަވާފަ އެވެ. ސަލީމް އެ އިޝާރާތް ކުރައްވަނީ ރެޑްވޭވް ފިހާރަތަކަށެވެ.
ހިޔާލު

ކުޑޫ

ޔަގީންތަ ލިޔުންތެރިޔާއަށް ޔާމީން ވައްކަން ކުރިކަން. ޢެހެންވިއްޔާ ޝަރީއަތުގަ ހެކިބަސް ދޭން ކެރޭނެތަ؟

ޑިމޮކްރެޓިކް ވޮއިސް އޮފް އްއްޑޫ

ޢަސްލް ކުއްލި މައްސަލަ ހުށަހަޅާނަމަ އެމް.ޑީ.ޕީ އާއި ދެކޮޅަށް ވެސް ހުށަހަޅަން ވީއެވެ. ޜައްޔިތުންގެ މަޖިލީހުގެ ރައީސުންފެށިގެން އެމް.ޑީ.ޕީ އަށް ނިސްބަތްވާ މަދު މެމްބަރަކު ފިޔަވާ ދެންތިބީ ބަނގުރާ ބުއިމާއި ، އިސްލާމް ދީނަށް ގަސްތުގައި ފުރައްސާރަ ކުރާ ލާދީނީ ބައި ގަނޑެއް. މުޅި ރާއްޖެ މުޅިން ފަނާކުރާނެ.

މަރިޔޯ

ވައްކަން ވެސް ކަޑަ ހަމަ އެއަށް ވުރެން ލާނިއްޔަތު ފެތުރުން މާ ކަޑަ އެވާހަކަ ވެސް ދައްކަވާ ހަމަ އެކަނި ވައްކަކަމެއް ނޫން ކަޑަ ވާނި..އިލާހި ގާނުނަށް ގޮންޖެހުން މާ ކަޑަ ވާނެ.

ޢަބޫޖާ

މުޖުރިމުން މުޖުރިމުންގެ ދިފާޢުގައި ވާހަކަ ދެއްކުމަކީ އަބަދުވެސް އޮންނަ ކަމެއް

ޢަބޫޖާ

މުޖުރިމުން މުޖުރިމުންގެ ދިފާޢުގައި ވާހަކަ ދެއްކުމަކީ އަބަދުވެސް އޮންނަ ކަމެއް

އައިސް

ލާދީނިއްޔަތަށް ދިވެހިން ދާއިރު ނޫސް ވެރިން ވެސް ކުރީ ސަރުކާރު ބަދުނާމު ކުރުމުގަ