Qaanoonee fannuge bill thasdheeg kurevvumaaeku Latheefa ge maqaamu gellijje
image
ލަތީފާ ގަސިމަށް ކުރީގެ ރައީސް ޔާމީން ޖޭއެސްސީގެ މެމްބަރުކަމުގެ ލިޔުން ހަވާލު ކުރައްވަނީ --
0 ކޮމެންޓް
 

ގާނޫނީ ފަންނުގެ ބިލް ތަސްދީގު ކުރެއްވުމާއެކު ލަތީފާގެ މަގާމު ގެއްލިއްޖެ

ގާނޫނީ ވަކީލުންގެ ހުރިހާ ކަމެއް ބެލެހެއްޓުމަށްޓަކައި ބާ ކައުންސިލެއް އުފައްދާ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގާނޫނީ ފަންނުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވައިފި އެވެ.
ރައީސް ސޯލިހު މިއަދު އެބިލް ތަސްދީގު ކުރައްވާ، ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކުރެއްވުމާއެކު، ގާނޫނީ ވަކީލުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ކަނޑައަޅާފައިވާ އެކޮމިޝަނުގެ މެމްބަރު ލަތީފާ ގާސިމްގެ މަގާމު ވެސް ވަނީ ގެއްލިފަ އެވެ.

ގާނޫނީ ފަންނުގެ ބިލުގައި ބުނެފައިވާ ގޮތުން، އެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވާ ދުވަހުން ފެށިގެން އެބިލް ގާނޫނަކަށް ބަދަލުވެ، އަދި އެ ގާނޫނަށް އަމަލުކުރަން ޖެހެއެވެ.

ލަތީފާ ގާސިމްގެ މަގާމު ގެއްލިފައިވަނީ، އެ ގާނޫނުގެ 69 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ ގޮތުގެ މަތިންނެވެ. އެ ގާނޫނަށް އަމަލު ކުރަން ފެށުމާއެކު ގާނޫނީ ވަކީލުން ފަރާތުން ޖޭއެސްސީ އަށް އިންތިހާބު ކޮށްފައިވާ މެމްބަރުގެ މަގާމު ގެއްލޭނެ ކަމަށް ބަޔާން ކޮށްފައި ވެއެވެ.

ގާނޫނީ ފަންނުގެ ގާނޫނުގެ 69 ވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ ޖޭއެސްސީ އަށް އިންތިހާބު ކުރާ ގާނޫނީ ވަކީލަކީ ބާ ކައުންސިލުގެ މެމްބަރުންގެ ތެރެއިން އިންތިހާބު ކުރާ ގާނޫނީ ވަކީލަކަށް ވާން ޖެހޭނެ ކަމަށެވެ.

ޖޭއެސްސީއަށް ވަކީލުންގެ ފަރާތުން މެމްބަރަކު އިންތިހާބު ކުރުމަށް ބާއްވާ އިންތިހާބު ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީ އިންތިހާބު ކުރެވޭތާ 15 ދުވަހުން ފެށިގެން ބާއްވަން ވާނެ ކަމަށް ގާނޫނުގައި ވަނީ ބުނެފަ އެވެ.

ގާނޫނީ ފަންނުގެ ބިލުގައިވާ، ބާ ކައުންސިލުގެ ހިންގާ ކޮމިޓީ އެކުލެވިގެން ވަނީ ގާނޫނީ ވަކީލުންގެ ތެރެއިން ބާ ކައުންސިލުގެ ރައީސް ކަމަށް އިންތިހާބު ކުރެވޭ މީހަކާއި ވަކީލުންގެ ތެރެއިން ބާ ކައުންސިލުގެ ނައިބު ރައީސް ކަމަށް އިންތިހާބު ކުރެވޭ މީހަކާއި ބަންޑާރަ ނައިބު އަދި ގާނޫނީ ވަކީލުންގެ ތެރެއިން ހިންގާ ކޮމިޓީއަށް އިންތިހާބު ކުރެވޭ ހަ ވަކީލެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ.

ގާނޫނީ ފަންނުގެ ބިލު ފާސްވެ ގާނޫނަކަށް ވާތާ 21 ދުވަހުގެ ތެރޭގައި ބާ ކައުންސިލުގެ ހިންގާ ކޮމިޓީ އިންތިހާބު ކުރުމަށް އިންތިހާބެއް ބާއްވާން ޖެހެއެވެ. ފުރަތަމަ އިންތިހާބު ބޭއްވުމުގެ މަސްއޫލިއްޔަތު ބިލުން ހަވާލުކޮށްފައި ވަނީ އިލެކްޝަންސް ކޮމިޝަނާ އެވެ.

އެ ބިލުގައި ބުނެފައިވަނީ ބާ ކައުންސިލު ވުޖޫދުވުމަށް ފަހު ގާނޫނީ ވަކީލުންނަށް ވަކީލު ކަމުގެ ހުއްދަ ދިނުމާއި ވަކީލުންނާއި ގުޅުން ހުރި ހުރިހާ ކަމެއް ނިންމާނީ އެ ކައުންސިލުން ކަމަށެވެ.

މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ގާނޫނީ ފަންނުގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިމަހުގެ 25 ވަނަ ދުވަހު އެވެ. އެބިލް ފާސްކޮށްފައިވަނީ 69 މެމްބަރުންގެ އިއްތިފާގުން ނެވެ.
ހިޔާލު