Vaahaka: Dhin Ufaa Loabin
image
ފުނަމާ
0 ކޮމެންޓް
 

ވާހަކަ: ދިން އުފާ ލޯބިން

17 ވަނަ ބައި
ކުޑަދޮރުގެ ދޮރުފަތް ހުޅުވިލާފައިވާތީ މަޑުމަޑު ވައިރޯޅީގެ އިހްސާސް ކޮޓަރިތެރޭގައިވިއެވެ. ދޮރުގައި ދަމާލާފައިވާ ތުނިތުނި ލޭސްތައް ވިހުރިލާފައި ވަޔާއި ސަމާސާކޮށްލައި ގޮތް ނުހަނު ހިތްގައިމެވެ. އެއާކޯންގެ ފިނި ކިތަންމެހާވެސް ގަދައެވެ. ބޭރުގެ ދޮރު ހުޅުވިފައި ހުރިކަން އިނގޭއިރުވެސް ޝެނީން ގުޑާނުލައެވެ. މަހުގެ ދިހަވަނަ ދުވަސް އައިސްޖެހުނީއެވެ. ކުލި ދެއްކުމަށް ދީފައިވާ މުއްދަތުގެ އެންމެ ފަހު ދުވަހެވެ.

ހެދޭނެ އެއްގޮތެއްވެސް ނެތެވެ. ދަންނަ އެތައްބަޔަކަށް އާދޭސްކުރެވިއްޖެއެވެ. ކޮންމެ މީހަކުވެސް އަމިއްލަ ހާލައިގެން ނޫޅެވިފައެވެ. އެހެންމީހަކަށް އެހީގެ އަތެއް ދިއްކޮށްލައިފިނަމަ، މަހުގެ ފަހުބައިގައި ތިބެންޖެހޭނީ ނުކައެވެ. ދިރިއުޅުން ގުރުބާންކޮށްފައި ޝެނީންއަށް އެވަރުކަމެއް ކޮށްދޭނެ މީހަކު އަތަކު ނުޖެހުނެވެ. ވިސްނާ ވިސްނާ ބޮލުގައި ރިހެން ފަށައިފިއެވެ. ޝަރީފުއަށް މެސެޖްކުރިޔަސް ޖަވާބެއް ނުލިބެއެވެ. ރުޅިގަދަވެ ނުތަނަވަސްވުމުން ދެލޮލުން އާވި ފައިބަނީއެވެ.

އެނދުގެ ހެޑްބޯޑްގައި ލެނގިލައިގެން ޝެނީންއިނީ ފިކުރެއްގައެވެ. އެސްފިޔައިގެ ހަލުވި ހަރަކާތަކާއެކު މެސެޖެއް ޓައިޕްކޮށްލިއެވެ. ދެލޯ މަރާލާފައި އެފޮނުވި މީހަކަށް ފޮނުވައިފިއެވެ. ހިނދުކޮޅެއްގެތެރޭގައި ޖަވާބުގެ އަޑު އިވުނެވެ. އަވަސްއަވަހަށް މެސެޖް ބަލައިލިއެވެ.

"ކިހާވަރެއް؟" އެންމެ ސުވާލެކެވެ. އިތުރު އެއްވެސް އެއްޗެއް ބުނެފައެއް ނެތެވެ. އެހެންމީހުންގެ މެސެޖް ކިޔާ ނިމޭއިރުވެސް ޝެނީން އިންނަނީ މާނޭވާލެވިފައެވެ. ލިބުނު މެސެޖަކީ މަލާމާތަކަށް ވެދާނެކަމުގެ އިޙްސާސެއް ޝެނީންއަށް ކުރެވުނެވެ. ނަމަވެސް ދެލޯ މަރާލާފައި، ކޮޓަރިކުލީގެ އަދަދު ބުނެފައި މެސެޖްކޮށްލިއެވެ. ޖަވާބު ލިބުނީ ހީކުރިވަރަށްވުރެން މާ އަވަހަށެވެ.

"ސެންޑް މީ ޔޯރ އެކައުންޓް ނަމްބަރ" ދެލޯ ބޮޑުކޮށްފައި ތަކުރާރުކޮށް، މެސެޖްކިޔާލަން ޖެހުނެވެ. ޝެނީންއަށް ޔަގީންނުވީއެވެ.

ކިތަންމެ ފަހަރަކު ޔަނާލްގެ ނަން ސިކުނޑިއަށް އަޔަސް، ދެމީހުންގެ ދެމެދު ޖެހުނު މައްސަލައިގެ ސަބަބުން، އެކަން ކުރާން ޝެނީންއަށް ނުކެރުނީއެވެ.

ޔަނާލްގެ ސަބަބުން ޝަރީފް ރުޅިއައިސްފައިވާ މިންވަރު ޝެނީން ހަނދާން ނުނެތެއެވެ. ޔަނާލްއާއި ޝެނީންއާއި ދެމެދު ބަދަލުކުރެވުނު ހުރިހައި މެސެޖެއް ޔަނާލްވަނީ ޝަރީފްއަށް ދައްކާފައެވެ.

އެންމެ ފަހު ފަހަރަށް ބައްދަލުކޮށްލުމަށް އެދި އާދޭސްކުރުމުންވެސް ޝަރީފްވަނީ އެކަމަށް އިންކާރުކޮށް، ޝަރީފުގެ ހަޔާތުން ޝެނީންގެ ނަންވެސް ފޮހެލާނެކަމަށް ބުނެފައެވެ. ކުއްޔަށް ހިފާފައި އެތަނުގައި ބެހެއްޓީ ޝަރީފްކަމަށްވިޔަސް، އެކަމުގެ ޒިންމާ ނަގަންވެސް ޝަރީފުވަނީ ފާޅުގައި ދެކޮޅުހަދައިފައެވެ. އަނބިމީހާގެ ނުރުހުމުގައި އެއްވެސް ކަމެއް ނުކުރާނެކަމަށް، ޝެނީންއަށް ޝަރީފްވަނީ އަންގާފައެވެ. އަދި އެއްވެސް ބާވަތެއްގެ ގުޅުމެއް ޝެނީންއާއި ބޭއްވުމަކީ ނިޝާނާ ގަބޫލުވާނެކަމަކަށް ނުވާތީ އެއިން އެއްވެސް ކަމެއް ޝާރީފްކޮށްނުދޭނެކަމަށް ސާފު އިބާރާތުން ބުނެފައެވެ.

ފޯނަށްއައި މެސެޖާއެކު ޝެނީން އަވަސްވެގަތީ އޭނާގެ އެކައުންޓް ޑީޓެއިލްސް ބެލުމަށެވެ. ޓްރާންސްފަރ ސްލިޕް ލިބުމުންވެސް ގަބޫލުނުކުރެވުނީއެވެ. ބޮލަށް ލިބުނު ލުއިކަމާއެކު އުއްޑުން އެނދުމައްޗަށް ވެއްޓިގަތެވެ. ވިހި ހާސްރުފިޔާ އެއޮތީ ޖަމާވެފައެވެ. ކޮންފަދަ އުފަލެއް ހެއްޔެވެ! ކުރިއަށް އޮތް މަހުގެ ކުލިވެސް ހަމަޖެހުނީއެވެ. މޮޔައެއްފަދައިން ނިކަންބާރަށް ޝެނީން ހިނިގަނޑެއް ޖަހާލިއެވެ. ހަމައެވަގުތު މެސެޖެއް އައެވެ. ޔަނާލްގެ މެސެޖެކެވެ.

"ދެމަހުގެ ކުލި އެއްފަހަރާ ދައްކާށެވެ. އަމިއްލައަށް ވަޒީފާއެއް ހޯދައިގެން އަމިއްލަ ޚަރަދުތަކާއި ކުލި ދެއްކޭނެ ގޮތެއް ހޯދުމަކީ އަމިއްލަ ޒިންމާއެއްކަމުގައި ދެކޭށެވެ" ޔަނާލް ލިޔެފައިވެއެވެ.

ނިޝާނާ ވިސްނާލަން ޖެހުނެވެ. އޭގެމާނައަކީ ދެނެއް ޔަނާލްގެ އެހީތެރިކަމެއްވެސް ނުލިބޭނެއެވެ. ސަލާމްގިނަވެގެން ވަޒިފާއިން ވަކިކުރިފަހުން ހަތަރު މަސް ފާއިތުވެގެން ދިޔައީއެވެ. ވަޒީފާއެއް ނެތްކަމުގެ އިޙްސާސްކުރަން ނުޖެހުނީ ޝަރީފުގެ ލޯބިވެރިއެއްގެ ގޮތުގައި ލިބެމުންދިޔަ ހަދިޔާތަކުގެ ބޮޑެތިކަމުންނެވެ. ޝެނީންގެ ހުރިހައި ޚަރަދެއް ބެލެހެއްޓީ ޝަރީފުއެވެ.

***

ފުރާ ދުވަސްޖެހުނީއެވެ. މުސްކާންގެ ހިތް ބާރަށް ތެޅެނީއެވެ. ކިތަންމެ އުފާވިޔަސް، ހިތް އަވަސްވެފައިވިޔަސް ނޭނގޭ ބިރުވެރިކަމެއް ހިތުގައި ވިއެވެ. ބައްޕައާއި ވަކީން ފޮނުވުމަކީ ކިހައި އުނދަގޫ ނިންމުމެއްކަން މުސްކާންއަށް ވިސްނެއެވެ. ބައްޕަގެ ހިތުގައި ޖައްސާފައި ފުރައިގެން ދާން މުސްކާންއަށް ފަސޭހައެއް ނޫނެވެ. ނަމަވެސް ނިކަމެތީންނާއި ޚާއްޞައެހީއަށް ބޭނުންވެފައިވާ މީހުންނާއެކު ވަގުތު ހޭދަކުރުމަކީ މުސްކާންއަށް ނުހަނު ބޮޑު ހިތްހަމަޖެހުމެއް ލިބޭކަމެއްކަން އޭނާވަނީ ތަޖުރިބާކޮށްފައެވެ. ތަމްރީނާއި އިތުރު ހުނަރަކީ އެފަދަ ދާއިރާއަކަށް މުހިއްމުއެއްޗެކެވެ. އެހެންމީހުން ދިރިއުޅޭ ހާލަތު ފެނިދެނިވެ، އެކަންކަން އިޙްސާސްކުރެވުމުން އިންސާނެއްގެ ބުއްދިއަށް އަންނާނެ ބަދަލު މުސްކާންއަށް ވަޒަންކުރެވެއެވެ. އެހީތެރިކަން ބޭނުންވާ ނިކަމެތި މީހާއަށް އޭނާގެ ހިތްހަމަޖައްސައިދެވުމަކީ، މުޅި ދުވަހުގެ ހިނިތުންވުމަށް ފުދޭ މިންވަރެއްކަން މުސްކާން ދަނެއެވެ. ލިބުނު ރަނުގެ ފުރުސަތު ނަގައިލާން މުސްކާން ބޭނުމެއް ނޫނެވެ.

ކޮޓަރީގެ ތަޅުގައި ނުހަނު މަޑުން ހިފާލާފައި މުސްކާން ދޮރުހުޅުވާލިއެވެ. މަޤްޞަދަކީ އެއްވެސް މީހަކަށް ސިއްރުން ދޮރުހުޅުވުމެއް ނޫނެވެ. ނަމަވެސް އެހަމަހިމޭންކަމަކީ މުސްކާންގެ ހިތުގެ އަޑެވެ. ބައްޕައާއި ކާފަ އަދި މާމަވެސް ތިބީ ޚަބަރު ބަލާށެވެ.

"ބައްޕާ..!" ވަރަށް މަޑުމަޑުން މުސްކާން ގޮވައިލިއެވެ.

ޓީވީން ދައްކަމުންދިޔަ މަންޒަރާއި އިވެމުންދިޔަ ޚަބަރުގެ އަޑަކީ، އެއްވެސް މަޔަކު ބަފަޔަކު ނުވަތަ މާމަޔަކު ކާފަޔަކުވިޔަސް އަޑުއަހަން އެދޭނެފަދަ ޚަބަރެއް ނޫނެވެ. ތިންމީހުންގެ ގްރޫޕަކުން މާލޭގެ މަގުމަތީން އަންހެން ކުއްޖަކު ހިފަހައްޓާފައި ޓެކްސީއަކަށް އަރުވައިގެން ގެންގޮސް، ގެސްޓްހައުސްއެއްގައި އެތައް އަނިޔާތަކެއްދީ، ޖިންސީ ގޯނާގެ ނުރައްކާތެރި ހާދިސާއެއްގެ ވާހަކައެވެ. ކަންފަތުގައި ހަރުލަފައިވާ ބިރުވެރި ޚަބަރާއެކު، މުސްކާންގެ އަޑު އިވުމުން ޔަނާލްއަށް ބަލައިލެވުނުއިރު ޒަމީލްއާއި މުރުޝިދާވެސް މުސްކާންއަށް ސަމާލުކަން ދީފިއެވެ. ދަރިފުޅު ފެނުމާއެކު ޔަނާލްއަށް ބަލައިލެވުނީ ޓީވީ އަށެވެ. ގައިން ހީނބިހި ނެގިއެވެ. ލޮލުގެ ނޫރުފަދަ ލޯބިވާ ދަރިފުޅެވެ. ފުރާ ފުރިހަމަވުމާއެކު އަކަނިމައިއެކަނި ގޮތް ނޭގޭ ތަނަކަށް، އެންމެ ހިނދުކޮޅަކަށް ދޫކޮށްލަންވެސް ކުޅަދާނައެއް ނޫނެވެ.

"ބައްޕަގެ ލޯބި ލޯބި ދަރިފުޅާ.." ދެއަތް ހުޅުވާލަމުން ޔަނާލް ތެދުވިއެވެ. އެންމެ ކުޑައިރުގައިވެސް މުސްކާން ދުވެލާފައި އައިސް ޔަނާލްގެ އަތުގެތެރޭގައި ބޮނޑިވެލާގޮތަށް ނުހަނު ލޯބިކޮށް ބައްދާލިއެވެ.

އެމަންޒަރު ޒަމީލްއަށް ފެނުނީ ރެކޯޑްކުރެވިފައިވާ މަންޒަރުތަކެއްގެ ގޮތުގައެވެ. ފަށުވި އިސްތަށިގަނޑު ވައިގެތެރޭގައި ވިހުރާލާފައި މުސްކާން ދުވެލާފައި އައިސް ޔަނާލްގެ އަތުގެތެރެއަށް ވަންނަ މަންޒަރެވެ.

"ބައްޕާ..! ވަރަށް ބޮޑުކަމެއް ކޮއްދީފާނަންތަ؟" ބައްޕަގެ ހިތުގެ ވިންދު އަޑުއިވޭހިސާބުގައި ހުރެ، މުސްކާން ބުންޏެވެ.
"ދަރިފުޅު ތިހައި ދެރަވެގެން ބައްޕަގެ ފަރާތުން އެދެންޖެހޭ އިތުރުކަމެއް އެބައޮތްތަ؟ ދަރިފުޅުގެ އެންމެ ބޮޑު އެދުމަކީ ކޮބައިކަން ބައްޕައަށް އިނގޭ.. އެކަމަށް ބައްޕަވާނި ވަޢުދުވެފައި.. އެކަމަށް ޖާނާއިމާލު ހޭދަކުރަންވެސް ބައްޕަމިހުރީ ތައްޔާރަށް" ބައްޕައެއްގެ ޔަގީންކަމަކީ، ދަރިޔަކަށް ކިހައި މުހިއްމު އެއްޗެއްކަން މުސްކާންއަށް އިޙްސާސްކޮށްދިނުމަށް ޔަނާލްގެ މުޅި ހަޔާތްވެސް އޭނާއަށް މަދެވެ.

"މާމައާއި ކާފަ ފޮނުވައިދޭނަންތަ؟" މުސްކާންގެ ޖުމުލަ، އަޑުއިވުނެވެ. ނަމަވެސް ދެބުމަ ގާތްކޮށްލާފައި ބަލައިލެވުނީ ޔަގީންކަން ކުޑަގޮތަކަށެވެ.

"ދަރިފުޅު ވަރަށް ސާފުކޮށްބުނެބަލަ..!" މުސްކާން ގޮވައިގެން ޔަނާލް އިށީނީ ސޯފާގައެވެ. ޓީވީ ރިމޯޓްނަގާފައި އަޑުމަޑުކޮށްލީ މުރުޝިދާއެވެ.

"ވަރަށް އުނދަގޫވާނެ، ބައްޕަ ދެރަކޮށްފައި ފުރައިގެން ދާން.. މުސްކާން އަންނާންދެން، ބައްޕަ ނުވެސް ނިދާނެކަން ޔަގީން.. މާމައާއި ކާފަ ފޮނުވައިދޭންވީނުން.. އެއް ހޮޓަލެއްގައި ތިބެވިދާނެ.. މުސްކާންގެ ކަންކަން މާމައަށް ބެލެހެއްޓޭނެ.. ވާނުވާވެސް އެނގޭނެ.. ދެން ޓްއަރތަކުގައި ބައިވެރި ނުވެވުނަސް، ގިނަވަގުތު އެކުގައި އުޅެވޭނެހެން ހީވަނީ.. މާމަމެން އެތަނުގައި ތިބެންޏާއި ބައްޕަވެސް ހިތްހަމަޖެނެޔޭ ހިތައްއެރީ.." ބައްޕައަށް ކޮށްދެވެން އޮތް ކޮންމެ ކަމެއް ކޮށްދޭނެކަން އެނގިހުރެ މުސްކާން ވާހަކަދެއްކިއެވެ.

"މާޝާ ﷲ.. ވަރަށް އުފާވެއްޖެ ބައްޕަގެ ދަރިފުޅުގެ ފުރިހަމަ ވިސްނުމަށްޓަކައި.. ތިކަން ފަސޭހަ ނުވެދާނެ.. ޓިކެޓް ލިބޭނެތޯ ނޫންތޯ މައްސަލައަކީ.. މާދަމާނޫން އަނެއްދުވަހުގެ ހެނދުނު ތި ފުރަނީ.. ވަރަށް ވަގުތުކުޑަ ދޯ.. ހިނގާ ބަލަމާ! މިހާރު މިއުޅެނީ ތިކަމާ! ނިކަން އަވަހަށް ބައްޕަގެ ލެޕްޓޮޕް ގެނެސްދީބަލަ ދަރިފުޅާ" ހިނިތުންވެ ދަރިފުޅުގެ ބޮލުގައި ޔަނާލް ފިރުމާލިއެވެ.

"ފޮއްޓަށް އެއްޗެހި އަޅަންދޯ ދާންވީ" ވަގުތުގެ އުފަލަކީ އާއިލާގެ ހިނިތުންވުންކަން، އެންމެ ރަގަޅަށް ދެނެގަންނަނީ މުރުޝިދާއެވެ. އެކަން ވަރަށް ރަގަޅަށް ހާސިލްވިއެވެ.

"ޔޫ އާރ ދަ ބެސްޓް ބައްޕާ.. އައި ލަވް ޔޫ ސޯ މަޗް" މުސްކާން ބުނެލިއެވެ.

***

ޒާރާގެ ފިލާވަޅުތައް ބެލުމަށް، މޭޒުމައްޗަށް ފޮތްތައް އަޅާލައިގެން ޝަރީފު އިނީ ނުތަނަވަސްވެފައެވެ. ދަރިންނާއިމެދު ސަމާލުނުވެވި، ފަރުވާކުޑަކުރެވިފައިވާ މިންވަރު ޒާރާގެ ފޮތްތަކުން ޝަރީފުއަށް ފެނުނެވެ.

"ދެވަނަ ޓާމްފެށިގެން، ޔުނިޓް ޓެސްޓްތަކުގެ ފުރަތަމަބުރު ނިމިގެން މިހާރު އަނެއްކާ، ފިލާވަޅުތައް ގިނަވެފައި އޮންނާން ޖެހޭނީ.. އަހަންނަށްވެސް އަޑުއިވޭ އިލްޔާސްމެން ދައްކާވާހަކައިގެ އަޑު" ދިރިއުޅޭ މާހައުލުން ތަޖުރިބާ ލިބިގެން ޝަރީފު އެއްޗެއް ބުންޏެވެ.

"ނުރަނގަޅުކޮށް ކުރެވުނު ކަންކަން ރަގަޅުކުރެވޭތޯ ދެން މަސައްކަތްކުރަންވީ" މައްސަލައިގެ ހައްލު ހޯދީ ނިޝާނާއެވެ.

"ދެން އެކަމަކު ބަލާބަލަ! މިއިން ފޮތެއްގައި ފިލާވަޅެއް ހަދާލާފައިވެސް ނެތް.. މިވަރުދެން ތަންކޮޅެއް ބޮޑުހެން މަށަށް ހީވަނީ.. އަދި އާލާގެ ފޮތްތަކުގެ ހާލު ހިތައް ގެންނާންވެސް ނޭގޭ" ހިތްހަމަނުޖެހިގެން އެއްޗެއް ބުނެބުނީ މާބޮޑަށް ބޮލަށް އުނދަގޫވީމައެވެ.

"މިހާރުދެން ތިވާހަކަތައް ދެއްކުމުގެ ބޭނުމެއް ނެތް.. އަހަރެންގެ އެކަނި ޒިންމާއެއްނޫނޭ މިއީކީ! ދަރިންގެ ކިޔެވުމުގެ ކަންކަން ބަލަހައްޓަންޖެހޭނީ ދެމަފިރިން އެއްވަރަށް.. އެކަކު އެކަނި އެކަން ކުރިޔަސް، ރަގަޅު ނަތީޖާއެއް ނުނިކުންނާނެ" އެއީ ނިޝާނާ ގަބޫލުކުރާ ގޮތެވެ. އަމިއްލަ ދިފާޢުގައި އެއްޗެއް ބުނެލީ ޝަރީފުވެސް ޒިންމާކުރުވާށެވެ.

"އަހަރެން މިބުނަނީ، އަހަރެންގެ ޒިންމާއެއް ނެތް ވާހަކައެއް ނޫން.. އެކަމަކު ދުވާލު ހަތަރު ދަމު ބުރަ މަސައްކަތުގައި އުޅެފައި، އަހަންނަށްވެސް މިހުރިހާ ކަމެއް ރަގަޅަށް ނުކުރެވިދާނެ.. އެކަމަކު ނިޝާނާ ގޭގައި ބަހައްޓާފައި ތިހުރީ ހަމައެކަނި މި ދެދަރީންނަށްޓަކައި.. މަށަށް އިނގޭ ނިޝާނާއަށް ވާނެކަން!

އިއްލެ، އަންހެނުންވެސް އޭނަޔަށް، އިރުއިރުކޮޅާއި ގުޅާނެ، މިވެނި ދަރިޔަކު މިވެނި އެއްޗެއް ނަހަދާ އައިސްފިޔޭ ކިޔާފައި.. ނޫނީ މިވެނި ފިލާވަޅެއްގެ މިވެނި ތަންކޮޅެއް ނޭންގިގެންނޭ މިއުޅެނީ ކިޔާފައި.. އެހެންނޫނީ ސްކޫލަށް ގެންދާން އޮންނަ ކޮންމެވެސް އެއްޗެއް ހަނދާންކޮށްލައިދޭންވެގެން.. ނިޝާނާ ދުވަހަކުވެސް ނުގުޅާ!" ޝަރީފުގެ ވާހަކަ އަޑުއަހާފައި، ހިނިތުންވެފައިވާ ނިޝާނާގެ މޫނު ފެނުމުން ޝަރީފު ހައިރާންވިއެވެ.

"ހެނީތަ؟" އިތުރަށް އަހާނެ ސުވާލެއްވެސް ނެތެވެ. ނިޝާނާއާއި ބެހޭގޮތުން ޝަކުވާކުރާ އަޑު އެހުމަކީ އޭނާގެ ޠަބީއަތުގައި މީގެކުރިން ހުންނަ ސިފައެއްކަމެއްވެސް ޝަރީފުއަށް އެނގިފައެއް ނެތެވެ.

"ރުޅިނަޔަސް، ކަމަކުނުދޭ ދޯ؟" ލޯބި ގޮތަކަށް ނިޝާނާ ބުނެލިއެވެ.
"ވަރަށް އުފާވެއްޖެ ތިކަން ފާހަގަކުރީތީވެ، ދަރިންގެ ކަންކަމާ ދޭތެރޭގައި ޝަރީފު ވިސްނާކަން ޔަގީންވެއްޖެ" ދެމަފިރިންގެ ޒިންމާ އެކަކު އަނެކަކަށް އިހްސާސްވެއްޖެކަން ދެމީހުންވެސް ގަބޫލުކުރީއެވެ. ދެން އޮތީ، ނުރަނގަޅު ކަންކަން ރަގަޅުކުރެވޭތޯ އާހިއްވަރެއް ދެއްކުމެވެ.

***

ފަތިހުގެ އިރު ފެނުން ތޮޅިލައިފިއެވެ. ރަތްވިލާތަކުގައި ކުލަތައް ޖެހެންފަށައިފިއެވެ. ކާއިނާތުގެ ނަލަކަން ދެކިލުމަށް، އެންމެ ހިތްގައިމު ވަގުތެވެ. ކަންނެތްކަން ދޫކޮށް، އެނދުމަތީން ތެދުވެ އާދުވަހަކަށް މަރުހަބާކިޔައި ޝުކުރުވެރިވުމުގެ ވަގުތެވެ. މިއީ ދޫނިސޫފާސޫފީގެ ހިތްގައިމު މިއުޒިކީ ވަގުތެވެ. ނަމަވެސް ދުވެލި ބާރު ސައިކަލުތަކާއި، ރޭސްޖަހާ ކާރުތަކުގެ ނާންމާން އަޑުން ދުވަސްފަށަންޖެހިފައިވާ މާލެއަށް ހާސްކަމާއި ނުތަނަވަސްކަމުގެ އާ ފެށުމެކެވެ.

(ނުނިމޭ)
ހިޔާލު