Vaahaka: Vaki vee Loabin
image
ވަކިވީ ލޯބިން-
ފަތުހުﷲ އަހުމަދު
1 ކޮމެންޓް
 

ވާހަކަ: ވަކިވީ ލޯބިން

ފާތިނާގެ ދެ ކޯތާފަތް ތެމެމުން ދިޔައެވެ. ކޯތާފަތުގެ މައްޗަށް ފައިބަމުންދާ ކަރުނަތައް ދަތްދޮޅީގެ ދަށުން ބުރުގާއަށް ހިނދެމުން ދިޔައެވެ. ގަދަކަމުން ފާތިނާ ހިންދިރުވައިލިއެވެ. ހިންދިރުވައިލުމަށް ވެސް ހައެއްކަ ސިކުންތު ބޭނުންވިއެވެ. ހީވަނީ އޭނާގެ އަރުބެދިފައިވާ ހެންނެވެ. އަނެއްކާ ވެސް ފާތިނާ ހިންދިރުވައިލިއެވެ.
މަޑުމަޑުން ތިރީ ތުންފަތުގައި ދަތް އަޅައިލެވުނެވެ. އެއާއެކު އޭނާގެ މޫނުގެ ހަންގަނޑަށް ވާންވާ ވަރަށް ލޯ މަރައިލިއެވެ. ނިތަށް ދެތިން ރޫ ޖެހިލާ ވަރަށް ލޯ ކުނާކޮށްލިއެވެ. ނޭފަތުން ފައިބަމުން ދިޔަ، ކުލައެއް ނެތް ފެންތައް ހިފަހައްޓައިލުމަށް އެތެރެއަށް ދަމައިލިއެވެ. އަނެއްކާ ވެސް އޭނާ ހިންދިރުވައިލިއެވެ. ގަދަކަމުން ކަހަލަ ގޮތަކަށް ފާތިނާ ހިނިތުންވެލިއެވެ. އެ ހިނިތުންވުމުގައި އެތައް ވާހަކައެއް އެކުލެވިގެންވާ ގޮތަށެވެ. އެތައް އިހުސާސެއް ހާމަވާ ގޮތަށެވެ. ފާތިނާގެ ކަޅި އަމާޒުކޮށްލީ ސީދާ ހަސަނުގެ ލޮލަށެވެ.

ހަސަނު އިސް ޖަހައިލިއެވެ. އޭނާގެ ދެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް އަތުގެ ނުފުށުން ފޮހެލިއެވެ. ހަސަނުގެ މުޅި މޫނަށް ވަނީ ޖަންބުކުލަ އަރައިފައެވެ. މެދު ކެނޑުމެއް ނެތި ލޮލުން އޮހެމުން ދިޔަ ކަރުނަތައް، ތަރުތީބު ގެއްލިފައިވާ އޭނާގެ ތުނބުޅީގެ ތެރެއަށް ފޭދެމުން ދިޔައެވެ. ހަސަނު ހިންދިރުވައިލިއެވެ. ނިތުގެ ރޫތަކަށް ވާންވާނެހެން ދެ ލޯ މަރައިލިއެވެ.

"ފާތިނާގެ ނިންމުމަށް އަހަރެން އިހުތިރާމު ކުރަން. ކުށް ކުރެވުނީ އަހަންނަށް. އަހަރެން އެކަން ގަބޫލުކުރަން،" ހަސަނު އިސްޖަހައިގެން އިނދެ މަޑުމަޑުން ބުނެލިއެވެ. "އަހަރެން ފާތިނާގެ މިތަނަށް ގެނައީ އެއްމެ ކަމަކު، އިތުރު ފުރުސަތެއް ލިބިދާނެ ކަމަށް އުއްމީދު ކޮށްގެން."

ފާތިނާ ބަލައިލީ ހަސަނުގެ މޫނަށެވެ. އެ މައުސޫމު ބެލުމުން އެތައް މާނައެއް ނެގިދާނެފަދަ ގޮތަކަށެވެ. ހަސަނު ވެސް އިސް އުފުލައިލިއެވެ. އެއާއެކު ދެމީހުންގެ ހަތަރުކަޅި ހަމަވިއެވެ. ދެން ދިޔައީ ހިމޭން ވަގުތު ކޮޅެކެވެ. އެ ހިމޭންކަމުން އެތައް މާނަތަކެއް މޭރުންވާ ފަދަ ގޮތަކަށެވެ. ހަނދާނުގެ މަންޒަރުތަކުން ދެމީހުންގެ ސިކުނޑި ފުރިގެން ދިޔަ ގޮތަކަށެވެ. އެކުގައި ހޭދަވި ދުވަސްތަކުގެ ކުލަ ނުވާ ތަސްވީރުތަކުންނެވެ.

"އަހަންނަށް އެނގޭ ފާތިނާ އަހަންނަށް ވިސްނައިދިންކަން. އަހަންނަށް ފުރުސަތު ދިންކަން ވެސް. ފާތިނާގެ ކެތްތެރިކަމަށް އަހަރެން ތައުރީފުކުރަން. ފާތިނާގެ ކިޔަމަންތެރިކަމަށް އަހަރެން ޝުކުރުވެރިވަން،" ހަސަނުގެ ލޮލުން ކަރުނަތައް އޮހެމުން ދިޔައެވެ. "އެނގޭ މިއަދު އަހަރެން މިދައްކާ ވާހަކައަކުން މަންފާއެއް ނެތްކަން ވެސް. މިއަދު އަހަންނަށް މި ލިބުނީ އަހަރެން ކުރި ކުށުގެ އަދަބު. މި ހުރިހާ ކަމެއް ކުރީ އަހަރެން. ހުރިހާ ގޯހެއް ހެދީ ވެސް އަހަރެން. އަހަންނަށް މި ގޮތް ހައްގު. އެކަން އަހަރެން ގަބޫލުކުރަން. މި އަހަރެން ހޯދައިގަތް ކަމެއް."
ފާތިނާގެ ދެ ތުންފަތަށް ބާރުކޮށްލިއެވެ.

"ފާތިނާގެ ފުށުން އަހަރެން އެދެނީ އެއްމެ ކަމަކަށް. ހަމަ އެންމެ ކަމަކަށް. އަހަރެން ދުނިޔެއިން ވަކިވެ ދިޔުމުގެ ކުރީން އަހަންނަށް މިކަން ކޮށްދީ. އާދޭސްކޮށްފަ ބުނަން،" ހަސަނު ދެ އަތުގެ ހުދުހަން ޖައްސައިލަމުން ދެއަތް ޖޯޑުކޮށްލިއެވެ. "ފާތިނާއަށް އެނގޭނެ އަހަންނަކީ މީހުން ގާތުން މައާފަށް އެދޭ މީހެއް ނޫންކަން. އަހަރެންގެ ހުރިހާ ކަމެއް. އަހަރެންގެ ހަޔާތުނާމާގައިވާ ހުރިހާ އަކުރަކާއި އެ އަކުރެއްގައި ޖެހިފައިވާ ފިލިތައް އެންމެ ރަނގަޅަށް އެނގޭނެ އިންސާނަކީ ތީ. އަހަރެން ދެކެ ދުވަހަކު ވެސް ލޯބި ވިނަމަ. އަދި ލޯބިވާނަމަ ވެސް އަހަންނަށް މައާފުކޮށްދީ. ހިތުން ރުހުމުން އަހަންނަށް މައާފުދީ. އާދޭސްކުރަން."

"އަހަރެންގެ ހިތުގައި އެއްވެސް މީހަކާ މެދު ނަފުރަތެއް، ހަސަދައެއް ނެތް. އިންސާނަކު ދެކެ ލޯބިވެވުނު ހަމައެކަނި މީހަކީ ތީ. އެއީ އަހަންނަށް ކުރެވުނު ކުށެއް. އަހަރެން އެކަން ގަބޫލުކުރަން. އަހަރެންގެ ހަޔާތުގެ އަޑި ގުޑަން ގިނަވީ އަހަންނަށް ހެދުނު މި ގޯހުން. ހަސަން ދެކެ ލޯބިވެވުމުން. ހަސަންގެ ކޮންމެ ހަރަކާތެއް އަހަރެންގެ ހިތުގައި ފެވުނީ ރަންކުލައިން. އަހަންނަށް އަހަރެންގެ އިހުސާސްތަކަށް ބާރުނުފޯރުވުނީ ވެވުނު ލޯބީގެ ސަބަބުން. އެކަމުގެ ޒިންމާ އަހަރެން އުފުލަން،"

މަޑުމޮޅި ރާގެއްގައި ފާތިނާ ވާހަކަ ފެށިއެވެ. "ހަސަނަށް ކުރެވުނު ކަމެއް ކުރެވުނީ އަހަރެން ވެސް އެ ފުރުސަތު ދިނީތީ. ހަސަނަށް ގޯސްކޮށް ކަމެއް ކުރެވުނު ކަމަށް މިއަދު ގަބޫލު ކުރާނަމަ އެކަމަކަށް އަހަރެންގެ ހިތުން ރުހުމުން މައާފުކޮށްފިން. އެހެން ނޫނަސް އަހަންނަކީ ހަސަނު ކަހަލަ މީހަކު މައާފަށް އެދެން ޖެހޭވަރަށް ވުރެ ދެރަ، ނިކަމެތި މީހެއް."

ހަސަނު ބަލައިލީ ފާތިނާގެ މޫނަށެވެ. މަޑުމަޑުން ދެ ފަރާތަށް ބޯ ހޫރައިލިއެވެ. ނޫނެކޭ ބުނާ ފަދަ ގޮތަކަށެވެ.
"ތިހެން ނުބުނޭ. ފާތިނާ ތިޔައީ ނިކަމެއްޗެއް ނޫން. ދެރަ މީހެއް ނޫން. އަހަރެން ނުދެކެން ތިކަހަލަ ކެތްތެރި އަންހެނެއް. ތިކަހަލަ މަޑުމައިތިރި މީހެއް. ތިޔަ މަޑުމައިތިރި ކަމުގެ ފައިދާ އަހަންނަށް ނެގުނީ. ތިޔަވީ ލޯބީގެ ފައިދާ ނާޖާއިޒު ގޮތުގައި އަހަންނަށް ނެގުނީ. މިއަދު އަހަންނަށް އިހުސާސް ކުރެވޭ ފާތިނާ އޭރު ދެއްކި ވާހަކަތައް. މިއަދު އަހަންނަށް ގަބޫލުކުރެވޭ އަހަންނަށް މިހެން ދިމާވީ އަހަރެންގެ އުޅުމުގެ ސަބަބުންކަން." ހަސަނު ގިސްލަމުން ގިސްލަމުން ވާހަކަދެއްކިއެވެ.

"އަހަރެން ހިތުގައި ހަސަނަށް އެއްވެސް ބުރަކަމެއް ނެތް. އެއްވެސް ހިތްހަމަ ނުޖެހުމެއް ނެތް. އަހަރުމެންގެ ގުޅުން ކޯޓުގައި ރަޖިސްޓަރީ ކުރި ގޮތަށް އެ ގުޅުމުގެ ސިއްކަ ޖެހީ ވެސް ކޯޓުގަ. އެހެންވީމަ މިހާރު މިއީ ދުރުހިލޭ ދެ މީހުން. އަހަރެންގެ ހިތުގައި ހަސަނާމެދު އިރެއްގައި ލޯބީގެ ވިންދު ޖެހިނަމަވެސް މިހާރު އެ ވިންދު ހިނދިއްޖެ ކަން ހަސަނަށް އެނގޭނެ. އެ އިހުސާސް ކެނޑިއްޖެކަން ވެސް އެނގޭނެ. ހާލަތާއި ވަގުތުގެ ލޮލުން، ދުނިޔެ ދައްކާނީ އަބަދުވެސް ފަހި މަންޒިލް. ދުނިޔެ ކުރަހާ ކޮންމެ ކުރެހުމެއްގައި ކުލަޖައްސާނީ އަހަރުމެން އިންސާނުން. މިއަދު އަހަންނަށް ދުނިޔެ ދައްކާ މަންޒަރުގައި އަހަންނަށް އެކަނިމާ އެކަނި ކުލަ ޖެއްސޭނެ. އަހަންނަށް އެ އިތުބާރު އެބައޮތް. އެ ޔަގީންކަން ލިބިއްޖެ،" ފާތިނާގެ ލޮލުން ވެއްޓުނު ކަރުނަތިކި އަތުގެ ނުފުށުން ފޮހެލިއެވެ. "އަހަރެން ހަސަނުގެ ހަޔާތުން ނިކުމެގެން ދިޔައީ ރީތި ގޮތުގަ. ހަސަނަށް އެއްވެސް ހުތުރު ނަމެއް ނުލިބޭނެހެން. ހަސަނަށް އެއްވެސް ގެއްލުމެއް ނުވާނެހެން. އެކަން ހަސަނަށް ސާފުވާނެ. ހުރިހާ ކަމެއް، ހުރިހާ ނަމެއް، ހުރިހާ ހުތުރެއް އުފުލީ އަހަރެންގެ ކޮނޑުގައި. އެއީ އަހަރެންވީ ތެދުވެރި ލޯބީގެ ހައްގުގައި. ހަސަނުގެ އިއްޒަތާއި އަބުރުގެ ދިފާއުގައި."

"ދެން ތި ވާހަކަތައް ހުއްޓައިލާ. އަހަންނަށް ވިސްނިއްޖެ. އަހަންނަށް މި ހާލު މި ޖެހުނީ އަހަރެންގެ ކުށުން. ބަލި އެނދަކީ ބައެއް ފަހަރު ނިއުމަތަކަށްވަނީ މިހެންވީމަ. ބަލި އެނދަށް އެރުވި ހިސާބުން އަހަންނަށް ވިސްނުނީ ދުނިޔެއަކީ ކުލައެއްކަން. ދުނިޔެއަކީ ހަގީގަތެއް ނޫންކަން. އެއީ ދަޅައެއްކަން. އެއަށް ހެއްލެން ފަސޭހަ ކުލަވަރެއްކަން. އޭގެ އަވާގައި ޖެހިއްޖެ ނަމަ ދުރަށްދާން އުނދަގޫ ވިހައެއްކަން،" ހަސަނު ހިންދިރުވައިލިއެވެ. "އަހަންނަށް މަގު ގެއްލުނީ އަހަރެންގެ އެކުވެރިންގެ ސަބަބުން. އެމީހުންގެ ވާހަކަތައް އަހަންނަށް އަޑު އެހުނީ. އެމީހުން އަހަންނަށް އިސްކުރެވުނީ. ދުނިޔަވީ މަޖަލުގެ ތެރެއަށް އަހަންނަށް ފުންމައިލެވުނީ. ފާތިނާގެ ޝަރަފަށް ބެލުމެއް ނެތި ހިލޭ މީހުން އިސްކުރެވުނީ."

ފާތިނާ އިސްޖަހައިލިއެވެ. ދެ ލޯ ފޮހެލަމުން ދެ އަތުގެ ހުދުހަން ޖޯޑުކޮށްލިއެވެ.
"ދެން ތި ވާހަކަތައް ހުއްޓައިލާ. ވެ ދިޔަ ކަމެއް ވެ ދިޔައީ،" ފާތިނާ ހަސަނުގެ މޫނަށް ބަލައިލިއެވެ. "ކީއްވެތަ ތިހެން ދިމާވީ؟ މިހާރު ފަޔަށް ކިހިނެއްތަ؟ ޑޮކުޓަރު ބުނަނީ ކީކޭ؟"

"އަހަރެން އެ ދުވަހު ފާތިނާ ވަރިކޮށްފަ ކޯޓުން ނުކުތް އިރަށް ރައްޓެހިން ގުޅައިފި. އެމީހުންނަށް އެ ޚަބަރު ދިނީމަ ބުނެފި އެކަން ފާހަގަ ކުރަންވާނޭ. އަހަންނަށް ވެސް ވިސްނުނީ އެއީ ތެދެއްކަމަށް. އެދުވަހު ހުޅުމާލެއަށް ގޮސް އެމީހުންނާއެކު ޕާޓީކުރުމުގަ މުޅި ދުވަހާއި އެ ރޭ ވެސް ހޭދަކުރީ. އެންމެންނަށް ހޭވެރިކަންވީ އަނެއް ދުވަހު ހައެއް ޖަހަން އުޅެނިކޮށް. ކޮންމެހެން ވެސް އެ ދުވަހު އޮފީހަށް ދާންޖެހޭ. އެހެންވެ އަވަސް އަރުވާލައިފަ ނުކުތީ. އޭރުވެސް އަހަރެން ހުރީ ހަމައަކު ނޫން. އެރޭ ބޭނުންކުރި އެއްޗެހީގެ އަސަރު މުޅީން ނުފިލާ ހުރީ. އަހަރެން ސައިކަލަށް އަރައި މުއްގަނޑަށް ބާރުކޮށްލީ އަވަހަށް މާލެދާން ބޭނުންވެގެން. ބާރުބާރަށް ދުއްވާފަ ބުރިޖާ ހަމައަށް ދެވުނު. ދެން ވީނުވީއެއް ނޭގުނު،" ހަސަނު ފުން ނޭވާއެއް ދޫކޮށްލިއެވެ. "ހޭވެރިކަންވީ އިރު އޮތީ މިތާ. ހޮސްޕިޓަލުގައި. ޑޮކުޓަރު ބުނީ އަދި މަހެއްވަރު ނަގާނޭ. ވަރަށް ބޮޑު ސަރޖަރީއެއްވީމަ ފިޒިއޯ ހަދަން ވެސް ޖެހޭނެ. ނަސީބަކީ ސިކުނޑިއަށް ކަމެއް ނުވީކަން."

"ނަސީބެއް ނޫނެއްނުތީ؟ މިހާރު ހިނގޭނެ ކަމުގެ ޔަގީންކަމެއް ވެސް ނެތެއްނު." އޯގާތެރިކަމާއެކު ފާތިނާ ވާހަކަދެއްކިއެވެ.
"މިކަން ނޭގެ ހަޔާތަށް ލިބުނު އެއްމެ ބޮޑު ނަސީބަކީ. އަހަރެން ނަގަނީ މިކަން ވަރަށް ޕޮޒިޓިވްކޮށް. އަހަންނަށް ހަމަ މަގު ފެނުމުގެ އަސްލަކީ މި އެކުސިޑެންޓް. އެހެން ނޫން ނަމަ އަހަރެން އަދިވެސް އުޅޭނީ އެ ގޮތަށް. މަސްތުގެ އާލަމެއްގަ. އަންހެނުން ކުދީންނާއެކު މަޖާކުރުމުގަ. ދުނިޔެވީ އުފާތަކުގައި. ޕަރުވާނާއެއް ހެން. މި ހާދިސާގެ ސަބަބުން އަހަންނަށް ވިސްނަން މަޖުބޫރުވެއްޖެ،" ހަސަނު ހިނިތުންވެލިއެވެ. "ހަގީގަތުގައި މުހިއްމީ ހިނގުމެއް ނޫން. ފާފަތަކާ ދިމާއަށް ދުވެވޭ ފަޔަކަށް ވުރެ ފާފަތަކަށް ނޫނެކޭ ބުނާ ސިކުނޑިއެއް މާ މުހިއްމުތާދޯ"

"އަލްހަމްދުﷲ. ހަސަންއަށް ހެޔޮވިސްނުން ދެއްވީތީ ޝުކުރުވެރިވަން."
"ފާތިނާ އަހަންނަށް ކަމެއް ކޮށްދީފާނަންތަ؟" ހަސަނުގެ ރާގު ބަދަލުވާން ފެށިއެވެ.
"އެ ޔޯ؟" ފާތިނާ ހިނިތުންވެލިއެވެ.
"ފްރެންޑް ރިކުއެސްޓް ގަބޫލުކުރާނަންތަ؟" ހަސަނު އިސްޖަހައިލިއެވެ.
"އަހަރެން އެފްބީ ބޭނުން ނުކުރާކަން ހަސަނަށް އެނގެއެއްނު؟" ފާތިނާ ނޭނގޭ ކަމަށް ހެދިއެވެ.
"މި ބުނީ އެފްބީ ވާހަކައެއް ނޫނޭ"

"ނޫނޭ. އަހަރުމެން މިތިބީ ވަކިވެފަ. އެވެސް ރީތި ގޮތުގައި. ހަސަނަށް ހުތުރެއް ނުލިބޭ ގޮތަށް. އެހެންވީމަ ދެން އިތުރަށް ގުޅުމެއް ބޭއްވުން އެއީ ގޯހަކަށް ކޮށޭ މަގަކަށް ވެދާނެ. ހަސަނެކޭ އެހެން މީހުންނެކޭ އަހަންނަށް މިހާރުވާނީ ހަމަހަމަ. އިތުރު ގުޅުމެއްގެ އޮށް އިންދައިގެން އެއަށް ފެންދޭނެހާ ހިތްވަރެއް އަހަރެންގެ ނެތް. ވަރަށް ބޮޑަށް މައާފުކުރާތި"

"އެންމެ ރަނގަޅު. ވަރަށް އުފާވެއްޖެ އަހަރެން ގުޅައިލީމަ ހޮސްޕިޓަލަށް އައިސްދިނީތީ. ވަރަށް އުފާވެރި ހަޔާތަކަށް އެދެން."
"ދެން ދަނީ" ފާތިނާ ތެދުވިއެވެ.

ފާތިނާ ފަސްއެނބުރި ބަލައިލިއެވެ. ހަސަނުގެ މޫނަށެވެ. ލުއި ހިނިތުންވުމެއް އޭނާގެ މޫނަށް ވެރިވިއެވެ. ބަދަލުގައި ހަސަނު ވެސް ހިނިތުންވެލިއެވެ. ހަސަނުގެ ކަޅި ޖަހައި ނުލައި ބަލަން އޮތެވެ. ފާތިނާ އެ ކޮޓަރިން ނުކުންނަށް ދެންނެވެ. ބޭއިޚްތިޔާރުގައި ހަސަނަށް އަތް ހިއްލައިލެވުނެވެ.
މަޑުމަޑުން ފޯނު ނެގިއެވެ. ހެޑު ސެޓު ކަންފަތަށް ހެޔޮކޮށްލިއެވެ. ފޯނުން ލަވަ ޖަހައިލިއެވެ. އޭނާއަށް އެންމެ ރީތި ލަވައެވެ. 'ވަކިވީ ލޯބިން ރީތިގޮތުގައި ކީ ވަދާއޭ ރަންއަލީގައި' އެ ލަވައެވެ. އެއާއެކު، މާޒީގެ ހަނދާންތަކަށް ގެނބިގެން ދިޔައެވެ. އިރުއޮއްސޭ ވަގުތު އެކަނިމާ އެކަނި އިނދެ އުނދޯލި ހެއްލާ ހަނދާންތަކެވެ. ފާތިނާއާ ދިމާވި ގޮތެވެ. އެ އިހުސާސްތަކެވެ. ފާތިނާގެ ހިނިތުން ވުމެވެ. ކައިވެނީގެ ގޮށްޖެހުނު ގޮތެވެ. އެ ގޮށް މޮހުނު ގޮތެވެ. އެ މަންޒަރުތަކާއި އެ ލަވަޔާ ގުޅުވާލެވުނެވެ. އެ ހުރިހާ ކަމެއް ހަޔާތުގެ ވަގުތު ރޮނގަށް ސީދާކޮށްލެވުނެވެ.

(ނިމުނީ)
ހިޔާލު

އދނ

ރީތި