Kim aa bahdhalukoh "salaan kuran" beynun kamah Trump bunefi
image
ޓްރަމްޕ އާއި ކިމްގެ ފުރަތަމަ ބައްދަލުވުމުގެ ތެރެއިން--ފޮޓޯ:އިވާން ވުޗީ
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

އުތުރު ކޮރެއާގެ ލީޑަރު ކިމް އާ ބައްދަލުކޮށް "ސަލާން ކުރަން" ބޭނުންކަމަށް ރައީސް ޓްރަމްޕް ބުނެފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ބައްދަލުކޮށް "ސަލާން ކުރަން" އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން އަށް ދައުވަތު ދީފިއެވެ.
ރައީސް ޓްރަމްޕް މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ، އުތުރު ކޮރެއާގެ އަވަށްޓެރި ދެކުނު ކޮރެއާއަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅުގައި، އެ ދެގައުމު ގުޅޭ ބޯޑަރު ސަރަހައްދުގައި ބައްދަލުކޮށްލުމަށް ކިމް އަށް ދައުވަތު އަރުވާފައެވެ.

ޓްވީޓާ ބެހޭގޮތުން ރިޕޯޓަރުންނާއި ވާހަކަދައްކަމުން ރައީސް ޓްރަމްޕް ވަނީ އެޓްވީޓަކީ ކިމްއަށް މެސެޖް ފޯރުކޮށްދޭ އެންޓަނާއެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

ޓްރަމްޕް ވިދާޅުވީ ކިމް މިވަގުތު ހުރި ތަނެއް ނޭނގޭކަމަށާއި އުތުރު ކޮރެއާގައި ނުހުރެދާނެކަމަށެވެ. ނަމަވެސް އުތުރު ކޮރެއާގައި ކިމް ހުރި ނަމަ "ދެ މިނެޓަށް" ދެމީހުން ބައްދަލުކޮށްލާނެކަމަށެވެ.

މިކަމާބެހޭގޮތުން ދެކުނު ކޮރެއާއިން ބުނެފައިވަނީ އެއްވެސް ކަމެއް އަދި ޔަގީން ނުވާކަމަށާއި އެމެރިކާ އާއި އުތުރު ކޮރެއާ ދެމެދު ބާއްވާ ސުލްހަވެރިކަމުގެ ވާހަކާތަކާއި މެދު އުއްމީދު ކަނޑާނުލާކަމަށެވެ.

މީގެ ކުރިން އެމެރިކާގެ ރައީސް އާއި އުތުރު ކޮރެއާގެ ލީޑަރު ވަނީ ދެފަހަރެއްގެ މަތިން ބައްދަލުކުރައްވާފައެވެ. އެއީ މިދިޔަ އަހަރު ޖޫން މަހު ސިންގަޕޫރުގަ އަދި މިއަހަރުގެ ފެބްރުއަރީމަހު ވިއެޓްނާމްގެ ވެރިކަންކުރާ ސިޓީ ހަނޯއީގައެވެ.

ނަމަވެސް ދެ ބައްދަލުވުންވެސް ނިންމާލާފައިވަނީ އުތުރު ކޮރެއާ އިން އުފައްދާ ނިއުކުލިއާ ހަތިޔާރު ހުއްޓާލުމުގެ ބަދަލެއްގެ ގޮތުން ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާ ފަދަ އެއްބަސްވުމަކަށް ނާދެވިއެވެ.

ޓްރަމްޕްގެ ރައީސްކަމުގެ ފުރަތަމަ ދުވަސްވަރު އުތުރު ކޮރެއާގެ ނިއުކުލިއާ ޕްރޮގްރާމްގެ ސަބަބުން ލީޑަރު ކިމްއަށް ވަރުގަދަ ބަހުގެ ހަމަލާތައް ދެމުން އައިނަމަވެސް އެދެބޭފުޅުންގެ ފުރަތަމަ ބައްދަލުވުމަށްފަހު ޓްރަމްޕް އާއި ކިމް ދެމެދު ވަނީ ގާތް ގުޅުމެއް އުފެދިފައެވެ.

މިދިޔަ އަހަރު ޖޫން މަހު ސިންގަޕޫރުގައި ބޭއްވި ބައްދަލުވުމަކީ އެމެރިކާގެ ރައީސް އަކާއި އުތުރު ކޮރެއާގެ ލީޑަރެއްގެ ފުރަތަމަ ބައްދަލުވުންކަމުން، އެ ބައްދަލުވުން ވަނީ ތާރީހީ ބައްދަލުވުމަކަށްވެފައެވެ.

ޖަޕާންގެ އޮސާކާގައި މިހާރު ކުރިޔަށްދާ ޖީ ޓްވެންޓީ ސަމިޓްގައި ބައިވެރިވުމަށް ރައީސް ޓްރަމްޕް މިވަގުތު ޖަޕާން ގައި ހުރި އިރު، ޗައިނާގެ ރައީސް ޒީ ޖިންޕިންއާ ވެސް ޓްރަމްޕް ބައްދަލުކުރަވާނެއެވެ.

ޖީ ޓްވެންޓީ ސަމިޓް ނިންމާލުމަށްފަހު ދެކުނު ކޮރެއާގެ ރައީސް މޫން ޖޭ-އިން އާއެކު ރައީސް ޓްރަމްޕް ދެކުނު ކޮރެއާއަށް ވަޑައިގަންނަވާނެއެވެ.
ހިޔާލު