Idhikolhu Leader akee kaaku? kobaa?
image
އިދިކޮޅު ޕީޕީއެމްގެ ރައީސް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް
5 ކޮމެންޓް
 

އިދިކޮޅު ލީޑަރަކީ ކާކު؟ ކޮބާ؟

ސަރުކާރު ޒިންމާދާރު ކުރުމަށް އިދިކޮޅު ސިޔާސީ ލީޑަރުން ދައުރު ވަރަށް މުހިއްމެވެ. ވަކި ރާއްޖޭގައި އެކަންޏެއް ނޫނެވެ. ކޮންމެ ގައުމެއްގައި ވެސް ގައުމެއް ފާލުންނެއްޓޭއިރު، ގައުމު ފާލަށް އަޅުވަން ތިބޭ ބަޔަކީ ސިޔާސީ އިދިކޮޅު ލީޑަރުން ނެވެ.
ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިބްރާހީމް މުހައްމަދު ސޯލިހު ވަޑައިގެންނެވުމާއެކު ސިޔާސީ އިދިކޮޅު ލީޑަރަކީ ކޮންބޭފުޅެއް ކަމެއް އަދި މިވީހާތަނަށް ސާފުކޮށް އެނގިފައިވޭތޯ އެވެ. ނަމަވެސް ދިވެހި ރައްޔިތުންނަށް އިނގޭ އެއްޗަކީ ސިޔާސީ އިދިކޮޅު ލީޑަރަކަށް ވާނީ އެވަގުތު ސަރުކާރު ކޯލިޝަނުގައި ނެތް، އެންމެ ބޮޑު ސިޔާސީ ޕާޓީގެ ލީޑަރު ކަމެވެ. އެގޮތަށް ބަލާކަމަށްވާނަމަ، މިވަގުތު އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީއަކީ ޕީޕީއެމް އެވެ. އެޕާޓީގެ ރައީސަކީ ނިމިދިއަ ރިޔާސީ އިންތިހާބުގައި ބޮޑު ތަނުން ފެއިލްވެވަޑައިގެންނެވި، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެވެ.

ރައީސް ސޯލިހުގެ ސަރުކާރަށް އަށް މަސްވެގެން ދިޔައިރު، އިދިކޮޅު ލީޑަރު ރައީސް ޔާމީން ލޮލަށް ފެންނަށް ވަރެއް ނުވެއެވެ. އިދިކޮޅު ހަރަކާތެއް ވެސް އަދިއެއް ނުފެނެ އެވެ. ނަމަވެސް މިހާރު އިދިކޮޅު ފަރާތްތަކުން ނިކުންނަނީއޭ ކިޔާ ސޯސަލް މީޑިއާ އިސްތިހާރު ކުރަމުން އެބަދެ އެވެ. އޭގައި ބުނާގޮތުން އިދިކޮޅު އެއްވުމުގައި އުޅެނީ އިދިކޮޅު ޕީޕީއެމާއެކު ކޯލިޝަނުގައި އޮތް ޕީއެންސީ އެވެ. ޕީއެންސީއާ ޕީޕީއެމަކީ ހަމަ އެކައްޗެކެވެ. ޕީއެންސީ އުފައްދާފައިވަނީ ވެސް ޕީޕީއެމްގައި އިސްމަގާމުގައި ތިބެގެން ޕީޕީއެމުގެ ކުރީގެ އިސްވެރިންނެވެ. ޕީއެންސީގެ ލީޑަރަކީ ޕީޕީއެމްގެ ކުރީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.

އިދިކޮޅު ލީޑަރު ރައީސް ޔާމީނަކީ އެއްވެސް އިރެއްގައި އެހާ އެކްޓިވްކޮށް ފެންނަން ހުންނަ ބޭފުޅެއް ނޫނެވެ. އެމަނިކުފާނަކީ މޭޒުކޮޅު ކައިރީ އިންނަވައިގެން ގިނަ ކަންކަން ހިންގަވައި، ނިންމަވާ ބޭފުޅެއްގެ ގޮތުގައި ފާހަގަ ކުރެވޭ ބޭފުޅެކެވެ. މުޒާހަރާ ކުރުމާއި ސަރުކާރުން ޒިންމާދާރު ކުރުމަށް މަގުމަތީ ހަރަކާތް ހިންގުމާ ދެކޮޅު ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވޭ ބޭފުޅެކެވެ.

އެހެން ނަމަވެސް ރައީސް ސޯލިހުގެ ސަރުކާރާ ދެކޮޅު ބޭފުޅުންގެ ތެރޭގައި މުޒާހަރާ ކުރަން ވަރަން ބޭނުންވާ ފަރާތްތައް ވެސް އުޅެއެވެ. ރައީސް ޔާމީނަކީ މަގުމަތީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅަކަށް ނުވާތީ، އިދިކޮޅު ފަރާތްތަކަށް ގޮންޖެހުންތަކެއް އެބަހުއްޓެވެ.

މިވަގުތު އިދިކޮޅު ހަރަކާތެއް ހިންގޭވަރުގެ ލީޑަރޝިޕެއް އިދިކޮޅު ސިޔާސީ ޕާޓީތަކުގައި އޮތް ކަމަކަށް ނުފެނެ އެވެ. އެހެނެއް ނޫނެނެވެ. ރައީސް ޔާމީންގެ ސަރުކާރުގެ ދުވަސް ވަރުވެސް ގެންގުޅުނު ގްރޫޕުތައް އެކްޓިވްކޮށްލެވިދާނެ އެވެ. އަދި މަދުން ނަމަވެސް ޕީޕީއެމްގެ އިހުލާސްތެރި މެމްބަރުން ތިބޭނެތާއެވެ. އެހެންވެ، އެއްވުމަށް ގޮވާލާއިރު އެމީހުން ނިކުމެދާނެ އެވެ. ދެން ހުރީ އުމަރު ނަސީރާއި ނިހާނު މެންފަދަ ދެތިން ބޭފުޅެކެވެ. އެއީ ބަޔަކު މަގުމައްޗަށް ނެރުމުގެ ގާބިލުކަން ހުރި ބައެއް ބާއްވަ އެވެ. އުމަރަށްވެސް ވާނެވަރަކީ، އުމަރު ގާތުގައި ވަޒީފާއިގައި އުޅޭ ދެތިން މީހަކު އެއްވުމަށް ނެރުމެވެ.

މަގުމަތީ ހަރަކާތަކުން ރައީސް ޔާމީން ފެނުމަކީ އެހާ ގާތްކަމެއް ނޫނެވެ. ރައީސް ޔާމީންގެ ވެރިކަމުގައި އެއްވެއުޅުމުގެ ގާނޫނަށް ވެސް ބަދަލުގެނެސް ކާނިވާ ސަރަހައްދަށް ނުވަތަ ފުލުހުން ބުނާ ތަނަކަށް ނޫން ތަނަކަށް އެއް ނުވެވޭހެން ވަނީ ހަދާފަ އެވެ. މީގެ އިތުރުން ރައީސް ޔާމީން ވަނީ އޭރުގެ އިދިކޮޅު ފަރާތްތަކަށް ބަހުގެ ހަލާތަކެއް ވެސް ދެއްވާ، މަލާތް ކުރައްވާފަ އެވެ.

"އަބަދުވެސް މިދައްކަނީ ތަންތަނަށް އެއްނުވެވޭ ވާހަކަ، ބަލަ ތަންތަނަށް އެއްވަންޏާ ހައްޖަށް ދާންވީނު،" ރައީސް ޔާމީން ވިދާޅުވެފައި އެވެ.

ރައީސް ޔާމީނަކީ ފޮރުވިގެން ހުންނަވައި، "ޖަރީމާ" ހިންގާ ބޭފުޅެއްގެ ގޮތުގައި ބައެއް މީހުން ސިފަކުރެ އެވެ. އެއީ، އެމަނިކުފާނުގެ މައްޗަށް ކުރެވޭ ތުހުމަތުތަކުން ނެވެ. މީހުން މެރުމާއި މީހުން ވަގަށް ނެގުމުގެ ތުހުމަތުތަކެއް ރައީސް ޔާމީންގެ ސަރުކާރުގެ އިސްވެރިންނަށް ކުރެވެ އެވެ. މަނީ ލޯންޑާ ކުރުމުގެ ތުހުމަތު ކުރެވިފައި ވެއެވެ. ދައުލަތުގެ އެތައް ބިލިޔަން ރުފިޔާއަށް ހިޔާނާތްވެ، އަމިއްލަފުޅު އެކައުންޓަށް ދައުލަތުގެ ފައިސާ ޖަމާކޮށްފައިވާކަމުގެ ތުހުމަތު ކުރެވެއެވެ.

ރައީސް ޔާމީންގެ ފަރާތްޕުޅުން އިދިކޮޅު ލީޑަރެއްގެ ރޯލް ފެންނަމުންނުދާތީ، ސަރުކާރު ޒިންމާދާރު ކުރުމުގައި އިދިކޮޅު ފަރާތްތަކަށް ގޮންޖެހުންތައް ހުރިއިރު، އިދިކޮޅު ސިޔާސީ ބޭފުޅުން ގެންދަވަނީ ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމްގެ އެހީ ހޯދައްވަމުން ނެެވެ. އޭގެ އެއް ހެއްކަކީ ނިމިދިޔަ މަޖިލިސް އިންތިހާބެވެ. އެ އިންތިހާބުގައި ސަރުކާރު ކޯލިޝަނުގައި އޮވެ، އިންތިހާބަށް ޖޫމްހޫރީ ޕާޓީން ނިކުތީ، އިދިކޮޅު ޕީޕީއެމް ކޯލިޝަނާއެކުގަ އެވެ.

އެމަގަށް ކަން ހިނގަމުންދިޔަ އިރު، ނިމިދިޔަ 18 މަޖިލީހުން، ޖުމްހޫރީ ޕާޓީއާއި އެޕާޓީގެ ލީޑަރު ގާސިމްގެ ފަރާތުން ވަރަށް ރީއްޗަށް އިދިކޮޅު ލީޑަރުގެ ރޯލް ފެނިގެން ދިޔަ އެވެ. އެހެންކަމުން މިހާރު އުފެދޭ ސުވާލަކީ އިދިކޮޅު ލީޑަރެއްގެ ޒިންމާ އަދާކުރަން ރައީސް ޔާމީނަށް ނުކެރޭ ނަމަ ދެން އެ ޒިންމާ އަދާކުރާނީ ކޮން ބޭފުޅެއް ބާއްވައެވެ. ގާސިމްތޯ އެވެ. ނުވަތަ އުމަރު ނަސީރު ތޯ އެވެ.
ހިޔާލު

އަލީ

އިދިކޮޅު ޕާޓީއެއް މިވަގުތަކު ނެތް. ރައްޔިތުން ބޭނުންވީ އެގޮތަށް.

ސަގަރޭ

އިދިކޮޅުވެސް އެއްކޮޅު ލީޑަރަކީވެސް ލުތުފީ

ދިޔާނާ

ތީ ބާވާހަކަ ތިކަންތައްތައް އިސްލާޚް ހުރަން ސޯލިހް ގެނައިީ! އަނެއްކާވެސް ކޮބާހޭ ލުތުފީ....

ސަކީނާގެ އަމާ

ލުތުފި

ޜަސްގެފާނު

ކަލޭމެން ސީއެންއއމުން ހޯދަންވީ އިދިކޮޅު ލީޑަރުްން ނެއް ނޫން. ކަލޭމެން ކުރަންވީ ކަމަކީ ބޮޑެތި ބާޣީން ޓެރަރިސްޓުންގެ މޮޅެތި ވަހަކަ މި ނޫހުގަ ލިޔަންވީ