ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިހާރު ލ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގައި އެއަތޮޅުގައި ސިއްހީ ހިދުމަތް ދޭ ތަންތަން ބައްލަވާލައްވައިފިއެވެ.
މިނިސްޓަރުގެ އެ ދަތުރުގައި ލ. އަތޮޅުގައި ސިއްހީ ހިދުމަތްދޭ ތަންތަނަށް ދިމާވެފައިވާ މައްސަލަތައް ބައްލަވައި، ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކުރެވިދާނެ ކަންކަމާމެދު ދަނީ މަޝްވަރާކުރައްވަމުންނެވެ.
ހެލްތު މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ލ. އަތޮޅުގެ ރަށްތަކުގައި ބޭހުގެ ދަތިކަން ވަނީ ވަރަށް ބޮޑުވެފައި ކަމަށެވެ. އަދި ޑޮކްޓަރުންނާއި ނަރުހުންގެ ދަތިކަން އުޅޭކަަމަށްވެސް އޭނޭ ވިދާޅުވިއެވެ.
އޭގެ އިތުރުން އަތޮޅުގައި ބަލިމީހުން އެކި ޑޮކްޓަރުންނަށް ރެފާކުރުމުގައާއި ސީ އެމްބިއުލެންސްގެ ހިދުމަތްތަކުގައިވެސް ދަތިތައް ހުރިކަމަށް އޮފިޝަލް ވިދާޅުވިއެވެ. ނަމަވެސް މިއަހަރުގެ ޑިސެމްބަރު މަހުގެ ކުރިން ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ހެލްތް މިނިސްޓްރީގެ އޮފިޝަލް ވިދާޅުވިއެވެ.
ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިހާރު ލ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުގައި އެ އަތޮޅަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މިނިސްޓަރު ވަނީ އެއަތޮޅުގެ ގަން، ފޮނަދޫ އަދި މާވަށާއި ކުނަހަންގެ އިތުރުން ހިތަދޫ އާއި މާމެންދޫ އަދި މުންޑޫ އާއި ދަނބިދޫގެ އިތުރުން މާބައިދޫ އަދި އިސްދޫ އަށް ވަޑައިގެން ސިއްހީ ހިދުމަތްދޭ ތަންތަނުގެ މުވައްޒިފުންނާއި ބައްދަލުކުރައްވާފައެވެ.