North Korea ge leaderaa bahdhalu kurumuge ummeedhuga Trump DMZ ah
image
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ދެކުނު ކޮރެއާގެ ރައީސް މޫން ޖޭއިން-- ފޮޓޯ: ބީބީސީ
ރައްޔާން މުހައްމަދު
0 ކޮމެންޓް
 

އުތުރު ކޮރިއާގެ ލީޑަރާ ބައްދަލުކުރުމުގެ އުއްމީދުގައި ޓްރަމްޕް ޑީއެމްޒީ އަށް

ކިމް ޖޮން-އުން އާއި ބައްދަލުކުރުމުގެ އުއްމީދުގައި، ދެ ކޮރެއާ ވަކިވާ ހިސާބުކަމަށްވާ ޑިމިލިޓަރައިޒްޑް ޒޯން (ޑީއެމްޒީ) އަށް ޑޮނަލްޑް ޓްރަމްޕް ޒިޔާރަތް ކުރައްވަން ހަމަޖެހިއްޖެ އެވެ.
ދެކުނު ކޮރެއާގެ އިސް ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުމަށް ފަހު އެމެރިކާގެ ރައީސް ވިދާޅުވީ އުތުރު ކޮރެއާ އާއެކު "ރަނގަޅު ކަންތައްތަކެއް" ވަމުންދާ ކަމަށެވެ.

އަދި އެމެރިކާގެ ރައީސްކަމަށް އެހެން ބޭފުޅަކު އިންތިހާބުވީ ނަމަ އެމެރިކާ އާއި އުތުރު ކޮރެއާ މިވަގުތު އޮންނާނީ ހަނގުރާމައެއްގައި ކަމަށް އޭނާ ވިދާޅުވި އެވެ.

އުތުރު ކޮރެއާގެ ލީޑަރާ ބެހޭ ގޮތުން ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ އެދެބޭފުޅުންގެ ދެމެދުގައި ވަރަށް ރަނގަޅު ގުޅުމެއް ގާއިމު ވެފައިވާ ކަމަށެވެ.

އޭގެ އިތުރުން ޓްރަމްޕް އެމެރިކާގެ ވެރިކަމާ ހަވާލުވީ ފަހުން އުތުރު ކޮރެއާގެ ލީޑަރާއެކު ގާއިމުކޮށްފައިވާ ގުޅުމުގެ ސަބަބުން ދެ ކޮރެއާއަށް ވެސް އޭގެ ފައިދާ ވަމުންދާ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

ޑޮނަލްޑް ޓްރަމްޕް ޑީއެމްޒީ އަށް ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ދެކުނު ކޮރެއާގެ ރައީސްއާއެކު އެވެ.

ދެކުނު ކޮރެއާގެ ރައީސް މޫން ޖޭ-އިން ވިދާޅުވީ އުތުރު ކޮރެއާގެ ލީޑަރާއި އެމެރިކާގެ ރައީސް ބައްދަލުވުމަކީ އެންމެންގެ ވެސް ވަރަށް ބޮޑު އުއްމީދެއް ކަމަށާއި އެއީ ކުޑަ ހިނދުކޮޅަކަށް ދިމާވެ ހަމައެކަނި ސަލާން ކޮށްލުމަށް ވިޔަސް، ދެގައުމުގެ ހަމަޖެހުމަށް މުހިއްމު ކަމަކަށް އެކަން ވާނެ ކަމަށެވެ.

ކިމްއާ ބައްދަލުކޮށް "ސަލާން ކުރަން" ބޭނުން ކަމަށް ބުނެ ޓްރަމްޕް ވަނީ އިއްޔެ ޓްވީޓެއް ވެއް ކުރައްވާފަ އެވެ.

ޓްރަމްޕް ގެ އެދުމަށް އުތުރު ކޮރެއާއިން ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. ނަމަވެސް ރަސްމީކޮށް އެކަން އަންގާފައި ނުވާ ކަމަށް އުތުރު ކޮރެއާއިން ބުނެ އެވެ.
ހިޔާލު