Raajje anna adhi furaa meehunge mauloomaathu dhuraalaa libeyne nizaameh qaaimu kuranee
image
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް--
މާއިދާ މުހައްމަދު ރަޝާދު
0 ކޮމެންޓް
 

ރާއްޖެ އަންނަ އަދި ފުރާ މީހުންގެ މައުލޫމާތު ދުރާލާ ލިބޭނެ ނިޒާމެއް ގާއިމުކުރަނީ

ރާއްޖެ އަންނަ އަދި ފުރާ ފަސިންޖަރުންގެ މައުލޫމާތު ދުރާލާ ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް ލިބޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނެފި އެވެ.
ކަސްޓަމްސް އިން ބުނީ، ރާއްޖެއަށް އަންނަ ފަސިންޖަރުންނާއި ރާއްޖެއިން ފުރާ ފަސިންޖަރުންގެ މައުލޫމާތު ދުރާލާ ފޯރުކޮށްދޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ދުނިޔޭގެ ކަސްޓަމްސް ޖަމްއިއްޔާއާ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ. އަދި އެޕްރޮޖެކްޓް ހިންގަނީ ދުނިޔޭގެ ކަސްޓަމްސް ޖަމްއިއްޔާގެ ގްލޯބަލް ޓްރެވަލްސް އެސެސްމަންޓް ސިސްޓަމް (ޖީޓާސް) ޕްރޮގްރާމްގެ ދަށުން، އެމެރިކާގެ ކަސްޓަމްސް އެންޑް ބޯޑާ ޕްރޮޓެކްޝަންގެ އެހީގެ ދަށުން ކަމަށް ކަސްޓަމްސް އިން ބުނެ އެވެ.

އެ ނިޒާމު ގާއިމުކުރުމަށް ދުނިޔޭގެ ކަސްޓަމްސް ޖަމިއްޔާގެ ކަމާ ބެހޭ ތަޖުރިބާކާރުންގެ ޓީމެއް މިމަހުގެ 17 އިން 25 އަށް ރާއްޖެއަށް ޒިޔާރާތްކުރިކަން ފާހަގަކޮށް ކަސްޓަމްސުން ބުނީ އެ ދުވަސްތަކުގައި ވަނީ އެ ނިޒާމު ގާއިމް ކުރާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއް ވެސް ހިންގާފައި ކަމަށެވެ.

އޭގެ އިތުރުން ކަސްޓަމްސް އިން ބުނީ، އެ ނިޒާމު ގާއިމުކުރުމުގެ ފުރަތަމަ މަރުހަލާ މިހާރު ނިމިފައިވާ ކަމަށާއި އެގޮތުން ބައެއް އެއާލައިންތަކުން ފަސިންޖަރުންގެ މައުލޫމާތު ދުރާލާ މިހާރު ވެސް ހިއްސާކުރަމުންދާ ކަމަށެވެ. އެ މަސައްކަތް އެއްކޮށް ނިމޭނީ އަންނަ އަހަރު ކަމަށް ވެސް ކަސްޓަމްސް އިން ބުނެ އެވެ.

އެއީ ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރެވޭ މަސައްކަތެއްކަން ފާހަގަކޮށް ކަސްޓަމްސްއިން ބުނީ، އެމަސައްކަތުގައި ފަސިންޖަރުންގެ ފޮށި ތަންމަތި ބަލާފާސްކުރުމުގެ ނިޒާމް ހަރުދަނާވެ ހައި ރިސްކް ފަސިންޖަރުން ދުރާލާ ދެނެގަނެ އެފަރާތްތަކަށް ހާއްސަ ސަމާލުކަމެއް ދީގެން ބަލައި ފާސްކުރުމުގެ ކަންކަން ކުރިއަށް ގެންދަން އެނގޭނެ ކަމަށެވެ.

އޭގެ އިތުރުން އެ ނިޒާމާއެކު ކަސްޓަމްސްގެ މަސައްކަތް ވަރަށް ބޮޑު ތަނުން ހަލުވިވެ، ރާއްޖޭގެ އިގްތިސާދީ ބޯޑަރު ބެލެހެއްޓުން އިތުރަށް ހަރުދަނާ ވެގެންދާނެ ކަމަށް ވެސް ކަސްޓަމްސްއިން ބުނެއެވެ.
ކަސްޓަމްސް ރާއްޖެ
ހިޔާލު