Laamu atolhuga 2 saikalu jehi 3 meehun zaham vejje
image
ލ. ލިންކު ރޯޑުގެ ކޯޒްވޭ-- ފޮޓޯ: ޓްރިޕް ސަޖެސްޓް
0 ކޮމެންޓް
 

ލ. އަތޮޅުގައި ދެ ސައިކަލު ޖެހި ތިން މީހުން ޒަހަމްވެއްޖެ

މިއަދު ހެނދުނު ލ. އަތޮޅުގެ ކޯޒްވޭގައި މަޑުކޮށްގެން އިން ސައިކަލަކާއި އެހެން ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ތިން މީހުންނަށް އަނިޔާވެއްޖެ އެވެ.
އެ ތިން މީހުންނަށް ވެސް އެކިވަރުގެ އަނިޔާތައް ވެފައިވާއިރު، އެމީހުންނަށް ދަނީ ލ. ގަން ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އެ އެކްސިޑެންޓު ހިނގީ މިއަދު ހެނދުނު 07:50 ހާއިރު ލ. ފޮނަދޫން ލ. ކައްދޫ އަށް ދިޔަ މަގުމަތީގައި ކޯޒްވޭގައި މަޑުކޮށްގެން އިން ސައިކަލެއްގައޮ ފަހަތުން ދުއްވާފައި އައި ސައިކަލެއް ޖެހުމުންނެވެ.

ފުލުހުން ބުނި ގޮތުގައި އަނިޔާވެފައި ވަނީ މަޑުކޮށްގެން އިން ސައިކަލުގައި އިން 62 އަހަރުގައި ފިރިހެނަކާއި 58 އަހަރުގެ ފިރިހެނެއްގެ އިތުރުން ފަހަތުން ދުއްވާފައި އައި ސައިކަލުގައި އިން 57 އަހަރުގެ ފިރިހެނަކަށެވެ.

އެކްސިޑެންޓުގައި ހިމެނޭ ދެ ސައިކަލު ވެސް ދުއްވީ ލައިސެންސް އޮތް މީހުން ކަމަށް ފުލުހުން ބުނެ އެވެ. ފުލުހުން ދަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މިއަދު ހެނދުނު ވަނީ ލ. އަތޮޅުގައި ވަނީ އިތުރު ނުރައްކާތެރި އެކްސިޑެންޓެއް ވެސް ހިނގާފަ އެވެ. އެ އެކްސިޑެންޓު ހިނގީ ބާރު ސްޕީޑުގައި ދުއްވި ކާރެއް ކޮންޓްރޯލު ނުވެގެން ގޮސް ފުރޮޅާލުމުންނެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުވި ނަމަވެސް، ކާރަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފަ އެވެ. ފުލުހުން ދަނީ އެ މައްސަލަ ވެސް އިތުރަށް ތަހުގީގު ކުރަމުންނެވެ.
ހިޔާލު