Adulu insaafu ge dhaairaa islaahu kuran Australia inn 1 million dollaruge ehee dheefi
image
ފޮރިން ސެކްރެޓަރީ، އޮސްޓްރޭލިއާ ސަފީރު އަދި އެޗްއެމްއޭއެސް ބެލެރެޓްގެ ކޮމާންޑަރު--
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

އަދުލުއިންސާފުގެ ދާއިރާ އިސްލާހު ކުރަން އޮސްޓްރޭލިއާ އިން އެއް މިލިއަން ޑޮލަރުގެ އެހީ ދީފި

ރާއްޖޭގައި އަދުލުއިންސާފު ގާއިމް ކުރުމުގެ ނިޒާމު އިސްލާހު ކުރުމަށް އެއް މިލިއަން ޑޮލަރު (15.5 މިލިއަން ރުފިޔާ) ދިނުމަށް އޮސްޓްރޭލިއާގެ ސަރުކާރުން ނިންމައިފި އެވެ.
އޮސްޓްރޭލިއާފެ ސަފީރު ޑޭވިޑް ޖޮން ހޮލީ އެކަން އިއުލާން ކުރެއްވީ ރާއްޖެ އާއި އޮސްޓްރޭލިއާގެ ހާރިޖީ ގުޅުމަށް 45 އަހަރު ފުރުން ފާހަގަކުރުމަށް މިއަދު ހެނދުނު ފޮރިން މިނިސްޓްރީގައި ބޭއްވި ހަފްލާއެއްގަ އެވެ.

ހޮލީ ވިދާޅުވީ އެ އެހީ ދިނުމަށް ނިންމާފައި ވަނީ ނޭޝަނަލް ޑިވަލެޕްމެންޓް ޕްލޭނިން ވޯކް އަދި ޔޫއެންޑީޕީ އިންޓަގްރޭޓެޑް ގަވަނެންސް ޕްރޮގްރާމްގެ ދަށުން ކަމަށެވެ.

މިއަދު ހަފްލާގައި ސަފީރު ވިދާޅުވީ ފާއިތުވި ފަސް އަހަރު 10.8 މިލިއަން ޑޮލަރު (166 މިލިއަން ރުފިޔާ) ގެ އެހީ އޮސްޓްރޭލިއާ އިން ރާއްޖެ އަށް ދީފައިވާ ކަމަށެވެ.

އެ އެހީގެ ބޮޑު ބައެއް ހޭދަ ކުރީ އިންސާނީ ތަރައްގީ އާއި ސްކޮލަޝިޕްތަކަށް ކަމަށާއި މިހާރު ވެސް 650 ދިވެހިން އޮސްޓްރޭލިއާ ގައި މަތީ ތައުލީމު ހާސިލްކުރަމުންދާކަން ފާހަގަކުރެއްވި އެވެ.

ސަފީރު ވިދާޅުވީ ރާއްޖެ-އޮސްޓްރޭލިއާގެ 45 އަހަރުވީ ގުޅުމަކީ ވަރަށް "ކޮންސްޓްރަކްޓިވް" އަހަރުތަކެއް ކަމަށާއި އެގުޅުން ވަރުގަދަ ކުރުމަށް ދެގައުމުން އަމަލީ މަސައްކަތް ކުރާނެ ކަމަށް ސަފީރު ވިދާޅުވި އެވެ.

އޮސްޓްރޭލިއާ އަކީ ޑިމޮކްރަސީ އާއި މިނިވަންކަން އަދި ދެފުށްފެންނަ ސިޔާޔަތުތަކަށް ތަރުހީބު ކުރާ ގައުމެއް ކަމަށާއި އާ ސަރުކާރުން ރާއްޖޭގައި ޑިމޮކްރެސީ ގާއިމުކުރުމަށް ގެންނަމުންދާ ބަދަލުތަކަށް މަރުހަބާ ކިޔާ ކަމަށް ސަފީރު ވިދާޅުވި އެވެ.

ރާއްޖެ އާއި އޮސްޓްރޭލިއާގެ ފަތުރުވެރިކަމާ ބެހޭ ގޮތުން ހޮލީ ވިދާޅުވީ 2018 ވަނަ އަހަރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ކޮންމެ އަހަރަކު 25،000 ފަތުރުވެރިން އޮސްޓްރޭލިއާ އިން ރާއްޖެ އަށް ޒިޔާރަތް ކުރާ ކަމަށެވެ.

މިއަހަރު އެ އަދަދު އެތައް ގުނައަކުން އިތުރުވާނެ ކަމުގެ އުއްމީދު ބޮޑުކަމަށް ސަފީރު ވިދާޅުވި އެވެ.

އޮސްޓްރޭލިއާ އަކީ ދުނިޔޭގެ ފެންވަރުގެ ބޮޑެތި ދިފާއީ އުޅަނދު ހުރި ގައުމެއް ކަމަށާއި ރާއްޖެ އާއި އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެގައުމުން މަސައްކަތް ކުރާކަން ސަފީރު ފާހަގަކުރެއްވި އެވެ.

އެގޮތުން ރޯޔަލް އޮސްޓްރޭލިއަން ނޭވީގެ އަސްކަރީ އުޅަނދެއް ކަމަށްވާ އެޗްއެމްއޭއެސް ބެލެރެޓް ވަނީ މިއަދު ހެނދުނު ރާއްޖެ އައިސްފަ އެވެ. ބެލެރެޓްގެ ކޮމާންޑިން އޮފިސަރު ޕޯލް ޖޯންސަން ވެސް ވަނީ މިއަދުގެ ހަފްލާގައި ބައިވެރިވެފަ އެވެ.

ރާއްޖެ އާއި އޮސްޓްރޭލިއާއާ ދެމެދު ގުޅުން ގާއިމް ކުރީ 1974 ވަނަ އަހަރެވެ. އެ ގުޅުމަށް 45 އަހަރު ފުރިފައިވާއިރު އޮސްޓްރޭލިއާގެ ސަރުކާރުން ވިޔަފާރީގެ ދާއިރާ އާއި އިންސާނީ ވަސީލަތް ބިނާ ކުރުމުގެ ދާއިރާ އާއި މަތީ ތައުލީމުގެ ދާއިރާ އިން ރާއްޖެއަށް ވެދީފައިވާ އެހީތަކަށް ރާއްޖެ ސަރުކާރުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.
ހިޔާލު