Enme haluvi Gigabit Speed ge internet furathama faharah Raajje ah thaarafu koffi
image
ގިގަ-ބިޓް ސްޕީޑް އިންޓަނެޓް ތައާރަފް ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ދިރާގު
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

އެންމެ ހަލުވި ގިގަ-ބިޓް ސްޕީޑުގެ އިންޓަނެޓު ފުރަތަމަ ފަހަރަށް ރާއްޖެ އަށް ތައާރަފްކޮށްފި

ރާއްޖޭގައި ފުރަތަމަ ފަހަރަށް ގިގަ-ބިޓް ސްޕީޑުގެ އިންޓަނެޓު ތައާރަފުކޮށް، އެންމެ ހަލުވި ސްޕީޑުގެ އިންޓަނެޓް ހިދުމަތް ފޯރުކޮށްދޭ ކުންފުންޏަކަށް ދިރާގު ވެއްޖެ އެވެ.
ގިގަ-ބިޓް ސްޕީޑު އިންޓަނެޓުގެ ހިދުމަތް ރަސްމީކޮށް ތައާރަފްކޮށްދެއްވީ މިއަދު ހެނދުނު ދިރާގު ހެޑް އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހެވެ.

ދިރާގުން ބުނީ މިއީ އެ ކުންފުނިން އެންމެ ފަހުން ތައާރަފް ކުރި 100 އެމްބީޕީއެސް އަށް ވުރެ ހަލުވި ސްޕީޑެއްގައި އިންޓަނެޓު ލިބިގެންދާނެ ހިދުމަތެއް ކަމަށެވެ.

އެ ހިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްދެއްވުމަށް ފަހު މިނިސްޓަރު މަލީހު ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ އެކި ކަންކަމާ ގުޅޭ ގޮތުން ރާއްޖޭގެ ހުރިހާ ހިސާބަކުން އަންނަ ސުވާލުތަކަށް އެއް ހެލްޕު ޑެސްކަކުން ޖަވާބުދާރީ ވެވޭނެ ނިޒާމެއް ކަނޑައެޅުން ކަމަށެވެ.

އެ ވިސްނުމުގައި މަސައްކަތް ކުރަމުންދާއިރު، ހަލުވި ސްޕީޑެއްގެ އިންޓަނެޓް ތައާރަފްވުމަކީ އެ މަސައްކަތަށް ލިބިގެން ދާނެ ފަސޭހައެއް ކަމަށް މަލީހު ފާހަގަކުރެއްވި އެވެ.

އެ ހިދުމަތް އެންމެ ފުރަތަމަ ރާއްޖެ އަށް ތައާރަފް ކުރާ ކުންފުންޏަކީ ދިރާގަށް ވުމުން ބޮޑު އުފަލެއް ލިބޭ ކަމުގައި އެ ކުންފުނީގެ ސީއީއޯ އިސްމާއިލް ރަޝީދު އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވިދާޅުވި އެވެ.

ގިގަ-ބިޓް ސްޕީޑު އިންޓަނެޓުގެ ހިދުމަތް އެންމެ ފުރަތަމަ ލިބިގެން ދާނެ ސަރަހައްދުތަކަކީ މާލެ ސިޓީ، އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީ، ލ. ގަން، ފޮނަދޫ، ހދ. ކުޅުދުއްފުށި އަދި ބ. އޭދަފުއްޓެވެ.

އިންޓަނެޓުގެ ހިދުމަތް ގިގަ-ބިޓް ސްޕީޑުގައި ލިބެން ފެށުމުން އަޕްލޯޑް ކުރުމާއި ޑައުންލޯޑް ކުރުން މިހާރަށް ވުރެ އެތައް ގުނައެއް ހަލުވި ވެގެން ދާނެ ކަމަށް ދިރާގުން ބުނެ އެވެ.

ދިރާގުން ބުނީ އެ ހިދުމަތް ބޭނުން ކުރާ ވަސީލަތަކީ 1 ޖީބީޕީއެސް ސަޕޯޓު ކުރާ ވަސީލަތަކަށް ވާން ޖެހޭނެ ކަމަށެވެ. އަދި އެ ހިދުމަތަށް ބޭނުންވާ ރައުޓަރު ލިބެން ހުންނާނީ ދިރާގުންނެވެ.
ހިޔާލު