SME bankun 30 million Rufiyaa ge loan dhookuran ninmaifi
image
އިކޮނޮމިކް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ
0 ކޮމެންޓް
 

އެސްއެމްއީ ބޭންކުން 30 މިލިއަން ރުފިޔާގެ ލޯނު ދޫކުރަން ނިންމައިފި

ސްމޯލް އެންޑް މީޑިއަމް އެންޓަޕްރައިޒަސް (އެސްއެމްއީ) އަށް އަމާޒުކޮށް ސަރުކާރުން ހެދި ބޭންކުން މިހާތަނަށް 30 މިލިއަން ރުފިޔާގެ ލޯނު ދޫކުރަން ފާސްކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
މިއަދު މެންދުރު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ފައްޔާޒު ވިދާޅުވީ ރާއްޖޭގެ އިގްތިސާދުގެ 70 އިންސައްތަ ހިއްސާ ކުރަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކަމަށެވެ.

އެސްއެމްއީ ބޭންކު އުފެދުނު ފަހުން ފާއިތުވި ތިން މަސް ދުވަހުގެ ތެރޭގައި 400 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ލޯނު އެޕްލިކޭޝަން ލިބިފައިވާ ކަމަށާއި އެކަމަކު އެ ބޭންކަކީ އަދި އެހާ ބޮޑު ބޭންކަކަށް ނުވާތީ ލޯނު ދޫކުރެވެން އޮތީ އޭގެ ތެރެއިން ވަކި މިންވަރަކަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ މިއަހަރު ތެރޭގައި އެ ބޭންކަށް އިތުރު ފަންޑުގެ ގޮތުގައި 60 މިލިއަން ޑޮލަރު ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށައި އެކަމާ ގުޅޭ މަޝްވަރާތައް މިހާރު ކުރަމުން އަންނަ ކަމަށެވެ.

"މިހާރު ގާތްގަނޑަކަށް އަޅުގަނޑުމެންނަށް އެޕްރޫވް ކުރެވިއްޖެ 30 މިލިއަން ރުފިޔާގެ ލޯނު، އެއީ ގާތްގަނޑަކަށް 25 ލޯނު، ދެން މިހާރު ވެސް އަޅުގަނޑުމެން މިދަނީ ޕްރޮސެސް ކުރަމުން އިތުރު އެޕްލިކޭޝަންތަކަށް ޑިސިޝަންތަކެއް ނެގިގެން ދާނީ،" ފައްޔާޒު ވިދާޅުވި އެވެ.

އެސްއެމްއީ ބޭންކުން އެންމެ ބޮޑު ހާއްސަ ކަމެއް ދެނީ އަތޮޅު ތެރޭގައި ވިޔަފާރިތައް ކުރަން ބޭނުންވާ ފަރާތްތަކަށްކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ، އެ ބޭންކުގެ އެންމެ ބޮޑު އެއް ބޭނުމަކީ ފަސޭހައިން ފައިސާ ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުން ކަމަށެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަ ބޭންކެއް އުފެއްދުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެތަނުން ލޯނު ދޫކުރަނީ ރާއްޖޭގެ އެހެން ބޭންކްތަކަށް ވުރެ ކުޑަ އިންޓަރެސްޓް ރޭޓެއްގަ އެވެ.
ހިޔާލު