Gulhifalhu bandharu tharahgee vumun mulhi igthisoadhah heyo asaru kuraane: State Minister Iyad
image
ގުޅީފަޅު ތަރައްގީކޮށް ނިމުމުން އޮންނާނެ ގޮތުގެ ކުރެހުމެއް--
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ގުޅީފަޅު ބަނދަރު ތަރައްގީވުމުން މުޅި އިގްތިސާދަށް ހެޔޮ އަސަރު ކުރާނެ: ސްޓޭޓް މިނިސްޓަރު އިޔާދު

ގުޅީފަޅު ބަނދަރު ތަރައްގީ ކުރުމުން ރާޢްޖޭގެ މުޅި އިގްތިސާދަށް ހެޔޮ އަސަރުތައް ފޯރާނެ ކަމަށް އިކޮނިމިކް މިނިސްޓްރީން ބުނެފި އެވެެ.
އެ މިނިސްޓްރީން މިއަދު ބެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓޭޓް މިނިސްޓަރު މުހައްމަދު އިޔާދު ވިދާޅުވީ ރާއްޖޭގެ އިގްތިސާދަށް މުހިއްމު މަޝްރޫއުތަކެއް އެބަ ކުރިއަށްދާ ކަމަށެވެ.

އެގޮތުން ގުޅީފަޅުގައި ބައިނަލްއަގްވާމީ ބަނދަރެއް ހެދުމުގެ މަޝްރޫއަކީ ސަރުކާރުން ބޮޑު އިސްކަމެއް ދީގެން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށް އިޔާދު ވިދާޅުވި އެވެ.

"އެބަނދަރު ތަރައްގީ ކުރުމުން ރާއްޖެއަށް މުދާ އެތެރެ ކުރާ ފަރާތްތަކަށް ލުއިތަކެއް ލިބިގެން ދާނެ. މުޅި އިގްތިސާދަށް ވެސް އޭގެ ހެޔޮ އަސަރުތައް ފޯރައިގެން ދާނެ،" އިޔާދު ވިދާޅުވި އެވެ.

އިޔާދު ވިދާޅުވި ގޮތުގައި މާލޭ ވިޔަފާރި ބަނދަރުގެ ޖާގައިގެ ދަތިކަމުގެ ސަބަބުން ވިޔަފާރިވެރިންނާއި ރާއްޖެއަށް މުދާ އެތެރެ ކުރާ ފަރާތްތަކަށް ވަރަށް ގިނަ ދަތިތަކަކާ ކުރިމަތިލާން ޖެހެ އެވެ.

ރާއްޖޭގެ އިގްތިސާދަށް ބޭނުންވާ ޒަމާނީ ފެންވަރު ބަނދަރެއް ގުޅީފަޅުގައި ތަރައްގީ ކުރުމަށް ސަރުކާރުން ނިންމީ އެ ދަތިތަކަށް ލުޔެއް ހޯދުމުގެ ގޮތުން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

އެގޮތުން އެ މަޝްރޫއުގެ ދަށުން މިވަގުތު ކުރާ މައިގަނޑު މަސައްކަތަކީ އެކަމަށް ބޭނުންވާ ކޮލްސަލްޓެންޓެއް އައްޔަން ކުރުމުގެ މަސައްކަތް ކަމަށް އިޔާދު ވިދާޅުވި އެވެ.

އެ މަޝްރޫއުގެ ކޮންސަލެޓެންޓުގެ މަސައްކަތަކަށް ވާނީ ސާވޭ ހެދުމާއި ގުޅީފަޅުގެ މާސްޓާ ޕްލޭން ތައްޔާރު ކުރުމާއި އެ މަޝްރޫއުގެ އިންޖިނިއަރިން ކުރެހުންތައް ތައްޔާރު ކުރުމާއި އަދި ތަފްސީލު ރިޕޯޓު ހެދުންކަން އޭނާ ފާހަގަކުރެއްވި އެވެ.

އިޔާދު ވިދާޅުވީ ޖުލައި މަހުގެ ތެރޭގައި ކޮންސަލްޓަންޓު އައްޔަނުކޮށް ކޮންސަލްޓެންޓުގެ މަސައްކަތް ފެށޭނެ ކަމަށެވެ.
ހިޔާލު