Qaumu thakaaeku gulhun badhahi kuranee Raajjeyge Minivan kamaai Siyaadhathu himaayaiy kurevey gothah: Raees Solih
image
ސިންގަޕޫރުގައި ދިރިއުޅުއްވާ ދިވެހިންނާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަނީ--
މާއިދާ މުހައްމަދު ރަޝާދު
0 ކޮމެންޓް
 

ގައުމުތަކާއެކު ގުޅުން ބަދަހިކުރަނީ މިނިވަންކަމާއި ސިޔާދަތު ނުގެއްލޭ ގޮތަށް: ރައީސް ސޯލިހު

ގައުމުތަކާއެކު ގުޅުންތައް އުފައްދާނީ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކޮށް ރައްކާތެރި ކުރެވޭނެ ގޮތަށް ކަމަށާއި ރާއްޖޭގެ އިގްތިސާދީ ތަރައްގީ އަށް ފައިދާ ލިބޭ ގޮތްތަކަށް ހާއްސަ އިސްކަން ދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ސިންގަޕޫރަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސް ސޯލިހު ވަނީ އެގައުމުގައި ދިރިއުޅޭ ދިވެހިންނާ އިއްޔެ ބައްދަލުކުރައްވާފަ އެވެ.

އެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ރާއްޖެ އާއި ސިންގަޕޫރަކީ ވަރަށް ޒަމާންވީ ގާތް އެކުވެރި ގުޅުމެއް އޮންނަ ދެ ގައުމު ކަމަށާއި ރާއްޖެ ތަރައްގީ ކުރުމުގެ މަސައްކަތުގައި ސިންގަޕޫރުގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭ ކަމަށެވެ.

އެ ގުޅުން އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ރާއްޖެ އާއި ސިންގަޕޫރާ ދެމެދު ދެ އެއްބަސްވުމެއްގައި ސޮއި ކުރެވިގެން ދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނުގެ ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން ހާރިޖީ ގުޅުންތައް އިތުރަށް ބަދަހިކޮށް، ގިނަ ގައުމުތަކާއެކު ގާތް ގުޅުންތަކެއް އުފައްދަން މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ރައީސް ފާހަގަކުރެއްވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ އެ ގުޅުންތައް އަލުން އިއާދަ ކުރުމަށް ކުރާ މަސައްކަތުގައި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ކުޑަވެސް ގެއްލުމެއް ލިބޭ ފަދަ ކަމެއް ސަރުކާރުން ނުކުރާނެ ކަމަށެވެ.

"މި ދެންނެވި މަސައްކަތުގެ ތެރެއިން، ކޮމަންވެލްތާ އަލުން ގުޅުމަށްޓަކައި ސަރުކާރުން ފުރިހަމަ ކުރަންޖެހޭ ކަންތައްތައް މިހާރު ވާނީ، ފުރިހަމަކޮށް ކޮމަންވެލްތަށް ހުށަހަޅާފައި. އިރާދަކުރެއްވިއްޔާ، ކޮމަންވެލްތުގެ މެންބަރުކަން އަނެއްކާ ވެސް ވަރަށް އަވަހަށް ރާއްޖެއަށް ލިބިގެންދާނެ. އޭރުން، އެ ޖަމާއަތުގެ ގައުމުތަކުން ކުރިން ލިބެމުން އައި އެހީތަކާއި އެހީތެރިކަން އަނެއްކާވެސް ލިބެން ފަށާނެ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ސިންގަޕޫރުގެ ޒިންމާދާރު ފަންނީ ވަޒީފާތަކުގައި ވެސް ދިވެހިން ތިބިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެބޭފުޅުންނަކީ ދިވެހިންގެ އިލްމީ ގާބިލްކަމާއި ފަންނުވެރިކަމާއި ހުނަރުވެރިކަމުގެ ނަމޫނާ ބައެއް ކަމަށެވެ.

އެފަދަ ދިވެހިން އެ ވަޒީފާތަކުގެ މަސްއޫލިއްޔަތު އުފުއްލަވަމުން ގެންދަވަނީ ރާއްޖެ ފަހުރުވެރިވާހާ ފުރިހަމަ އަށް ޒިންމާދާރުކަމާ އެކުގައި ކަމުގައި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ސިންގަޕޫރުގައި ދިރިއުޅޭ ދިވެހިންނާ އެކު ގާތް ގުޅުމެއް އުފައްދަން، ދިވެހި އެމްބަސީން މިހާރު ވަރަށް މުހިއްމު މަސައްކަތްތަކެއް ފަށާފައިވާ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.

ދިވެހި އެމްބަސީން ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް އޮންލައިންކޮށް ދެވޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް މިހާރު ފަށާފައިވާކަން އެ ބައްދަލުވުމުގައި ރައީސް އިއުލާން ކުރެއްވި އެވެ.
ހިޔާލު