Luthfee Raajje genaumah Umar Naseer huras elhuvvi kamuge thuhumathu!
image
އަބްދުﷲ ލުތުފީ ހައްޔަރުކޮށްފައި-- ފޮޓޯ: ޓްވިޓާ
1 ކޮމެންޓް
 

ލުތުފީ ރާއްޖެ ގެނައުމަށް އުމަރު ނަސީރު ހުރަސްއެޅުއްވި ކަމުގެ ތުހުމަތު!

ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގެ ފަހަތުގައިވާ އަބްދުﷲ ލުތުފީ ރާއްޖެ ގެނައުމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ހުރަސްއެޅުއްވި ކަމުގެ ތުހުމަތު ފެންމަތިވެއްޖެ އެވެ.
ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރަށް ލުތުފީ ހައްޔަރު ކުރަން ފުރުސަތު ލިބުނުކަން އެނގެން އެބަ އޮތް ކަމަށެވެ.

"ހައްޔަރު ކުރުމުގެ ހުއްދައަށް އެދުމުން އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ އޭނާ މަރުވަންދެން ލަންކާގައި ބަހައްޓަން،" މަހްލޫފުގެ ޓްވީޓުގައި ވިދާޅުވެފައި ވެއެވެ.

މަހްލޫފު އިތުރަށް ވިދާޅުވެފައި ވަނީ ކުރީގެ ސަރުކާރުގެ ފަސް އަހަރު ނިމުނުއިރުވެސް ނުގެނެވުނު ލުތުފީ މި ސަރުކާރުން ރާއްޖެ ގެންނާނެ ކަމަށެވެ.
އުމަރު ވަނީ މަހްލޫފުގެ ވާހަކަތައް ދޮގުކުރައްވާފަ އެވެ. އުމަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ވަޒީރެއްގެ ހުވާ ކުރައްވައިގެން ހުންނަވާ މަހްލޫފު އިތުރުފުޅު" ނުހެއްދެވުމަށް އެދޭ ކަމަށެވެ.
ކުރީގެ ހޯމް މިނިސްޓަރު އެކަން ދޮގު ކުރެއްވި ނަމަވެސް ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ހާމަކުރި ގޮތުގައި 2012 އިން 2016 އަށް ލުތުފީގެ މައުލޫމާތު ލިބުމުން ވެސް ފުލުހުންގެ އިސްވެރިން އޭނާ ރާއްޖެ ގެންނަން ފިޔަވަޅެއް އަޅުއްވާފައެއް ނުވެ އެވެ.

އެހެންކަމުން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދުގެ އެންގެވުމަކަށް، އޭރު އެއްވެސް ފިޔަވަޅެއް އަޅާފައި ނުވަނީ ކީއްވެގެންކަން ތަހުގީގު ކުރަން ފުލުހުން ވަނީ ފަށާފަ އެވެ.

"އަބްދުﷲ ލުތުފީ ފިލައިގެން އުޅެން ފެށި ފަހުން، 2012 އާއި 2016 ވަނަ އަހަރާ ދެމެދު، ތަފާތު އެކި ފަހަރު މަތިން މޯލްޑިވްސް ޕޮލިސް ސާވިސްގެ ރަސްމީ މަސައްކަތުގެ ތެރެއިން އޭނާ ފިލައިގެން އުޅުނު ތަންތަނާއި ބެހޭ މައުލޫމާތު ޔަގީނާ ގާތަށް ލިބި، އެ މައުލޫމާތު ފުލުހުންގެ ކަމާ ގުޅުން ހުރި އިސްވެރިންނާ ހިއްސާ ކުރެވިފައިވީ ނަމަވެސް، އަބްދުﷲ ލުތުފީ ރާއްޖެ ގެނައުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އޭރު ނާޅާ އޮތް ސަބަބު ބަލާ، ތަހުގީގުކޮށްދިނުމަށް އެދި 2019 ޖޫން 27 ވަނަ ދުވަހު ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑަޑްސް ކޮމާންޑަށް ރަސްމީކޮށް ލިޔުމުން އަންގަވާފަ އެވެ،" އެ ބަޔާނުގައި ވެއެވެ.
ފުލުހުންގެ ބަޔާނުގައި ފާހަގަކޮށްފައިވާ އަހަރުތަކަށް ބަލާއިރު، 2012 ގައި ޕޮލިސް ކޮމިޝަނަރުކަން ކުރެއްވީ މިހާރު ތިމަރަފުށީ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަބްދުﷲ ރިޔާޒެވެ. އެއަށްފަހު 2013 ވަނަ އަހަރު ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވީ ހުސެން ވަހީދެވެ. ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި 2015 ވަނަ އަހަރު އަހްމަދު އަރީފް އެ މަގާމަށް އައްޔަނު ކުރެއްވި އެވެ.

ރައީސް އަބްދުﷲ ޔާމީނު 2013 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވި ފަހުން، ހޯމް މިނިސްޓަރުކަމަށް އައްޔަނު ކުރެއްވި އުމަރު އެ މަގާމުން އިސްތިއުފާ ދެއްވީ 2016 ވަނަ އަހަރުގަ އެވެ.

ލަންކާގައި ހުންނަ ދިވެހި އެމްބަސީގައި ލުތުފީ އެބަހުރި ކަމަށާއި، އޭނާ ރާއްޖެ ގެނައުމަށް ސަރުކާރުން ބޭނުން ނުވާ ކަމަށް ބުނެ އުމަރު އަންނަނީ ސޯޝަލް މީޑިއާގައި ވާހަކަދައްކަވަމުންނެވެ.

އެކަމަކު އުމަރު ހޯމް މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވިއިރު، ލުތުފީ ރާއްޖެ ނުގެނެވުނު ސަބަބެއް ހިއްސާކޮށްފައެއް ނުވެ އެވެ. ހޯމް މިނިސްޓަރު ކަމުގައި ހުންނެވިއިރުވެސް އެކަމާ ބެހޭ ގޮތުން އުމަރުގެ ބަހެއް ހޯދަން ބައެއް ނޫސްތަކުން ކުރި މަސައްކަތަށް އުމަރު އިޖާބަ ދެއްވާފައެއް ނުވެ އެވެ.

ނޮވެމްބަރު 2015 ގައި އަވަސް ނޫހުން ރިޕޯޓު ކުރި ގޮތުގައި އުމަރު އެ މައްސަލައާ ގުޅިގެން ވިދާޅުވެފައި ވަނީ "އިންޖީނު ނިވާލާފައި" ވާ ކަމަށެވެ.

އޭރު ލުތުފީ ހޯދަން ކުރި މަސައްކަތާ ބެހޭ ގޮތުން ހަނު ހުންނެވުމަށް ފަހު، މިހާރު އުމަރު އެ ވާހަކަތައް ދައްކަވަމުން ދާތީ އުމަރުގެ ނިޔަތާ މެދު ސުވާލު އުފެދެ އެވެ. އަދި "އިންޖީނު ނިވާލާފައި" އޮތް އުޅަނދެއްގައި އަހަރަކަށް ވުރެ ގިނަ ދުވަހު އުމަރު މަޑު ކުރެއްވުމުން ވެސް ސުވާލު އުފެދެ އެވެ.

ލުތުފީ އަކީ ނޮވެމްބަރު 3 1988 ގައި ތަމަޅަ ޓައިގަރުންނާ ގުޅިގެން ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގައި ދިވެހިންގެ ބަޔަކު ޝާހިދުކޮށްލި ހާދިސާގެ ފަހަތުގައިވާ މޭސްތިރި އެވެ.

އުމުރު ދުވަހުގެ ޖަލު ހުކުމެއްގައި ހުއްޓާ ބޭސް ފަރުވާއަށް އޭނާ ލަންކާ އަށް ދިޔުމަށް ހުއްދަ ދިނީ ޖެނުއަރީ 16 2010 ގައެވެ. ބޭހަށް ފޮނުވުމާއެކު އޭނާ ވަނީ ފިލާފަ އެވެ. އޭރުން ފެށިގެން ލުތުފީ ފިލައިގެން އުޅެމުން އައިސްފައި ވަނީ ލަންކާގަ އެވެ.
ހިޔާލު

ލުތުފީ

ކޮންމެވެސް އެއްޗެކޭ ކިޔާތި! އެހެންވެދޯ އުމަރުގެ ފަރާތުން ތިކަން ފަޅާއެރީމަ ދޮގުތައް ތިޔަހަދަނީވެސް!