Uthuru Korea ah vadaigennevi America ge furathama raeesakah Trump!
image
ކިމްގެ ދައުވަތަށް ޓްރަމްޕް ދެކޮރެއާގެ ބޯޑަރު ހުރަސްކުރަނީ-- ފޮޓޯ: އޭއެފްޕީ
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

އުތުރު ކޮރެއާ އަށް ވަޑައިގެންނެވި އެމެރިކާގެ ފުރަތަމަ ރައީސަކަށް ޓްރަމްޕް!

އުތުރު ކޮރެއާގެ ފަސްގަނޑުގައި ފައި ޖައްސާލި އެމެރިކާގެ ފުރަތަމަ ރައީސަކަށް ޑޮނަލްޑް ޓްރަމްޕް ވެވަޑައިގެންފި އެވެ.
އާދިއްތަ ދުވަހު ޓްރަމްޕް ވަނީ، އުތުރު ކޮރެއާ އާއި ދެކުނު ކޮރެއާ ވަކިވާ ހިސާބުކަމަށްވާ ޑިމިލިޓަރައިޒްޑް ޒޯން (ޑީއެމްޒީ) އަށް ވަޑައިގެން އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން އާ ބައްދަލުކުރައްވާފަ އެވެ.

އެއީ އެ ދެބޭފުޅުންގެ ތިން ވަނަ ބައްދަލުވުމެވެ. ކިމް ޖޮން އުން ވިދާޅުވީ ޑީއެމްޒީން ޓްރަމްޕާ ބައްދަލުވާނެ ކަމަށް ދުވަހަކު ވެސް އުއްމީދު ނުކުރައްވާ ކަމަށެވެ.

ދެ ކޮރެއާ ގުޅޭ ބޯޑަރުގައި ދެ ބޭފުޅުން ފޮޓޯއަކަށް ހުއްޓިވަޑައިގެންނެވުމަށް ފަހު ކިމްގެ ދައުވަތަށް ޓްރަމްޕް ވަނީ އުތުރު ކޮރެއާގެ ސަރަހައްދަށް ހިންގަވާފައި ކުޑަ ތަންކޮޅަކަށް ވަޑައިގެންފަ އެވެ.

އަދި ދެބޭފުޅުން ސަލާން ކުރެއްވުމަށް ފަހު ޓްރަމްޕް ވަނީ ކިމްއާ އެކު ދެކުނު ކޮރެއާގެ ސަރަހައްދަށް ވެސް ވަޑައިގެންފަ އެވެ.

"މިއީ ދުނިޔެ އަށް ވެސް މުހިންމު ދުވަހެއް. އަދި މި ތަނުގައި ހުރުމަކީ އަޅުގަނޑަށް ވެސް ލިބުނު ޝަރަފެއް،" ދެ ބޭފުޅުންގެ ތާރީހީ ބައްދަލުވުމަށްފަހު ޓްރަމްޕް ވިދާޅުވި އެވެ.

ދެ ކޮރެއާގެ ބޯޑަރު ހުރަސްކޮށް ޓްރަމްޕް އުތުރު ކޮރެއާއަށް ވަޑައިގަތުމުން އެއީ، "މާޒީގައި ހިނގާފައިވާ ކަންތައްތައް ސާފުކޮށް، މުސްތަގުބަލާ ދިމާލަށް އެޅުނު ފިޔަވަޅެއް" ކަމަށް އުތުރު ކޮރެއާގެ ލީޑަރު ވަނީ ވިދާޅުވެފަ އެވެ.

ކިމް އާއި ޓްރަމްޕް ވަނީ މީގެ ކުރިން ވެސް ދެފަހަރެއްގެ މަތިން ބައްދަލުކޮށްފަ އެވެ. އެއީ މިދިޔަ އަހަރުގެ ޖޫން މަހު ސިންގަޕޫރުގައި އަދި ފެބްރުއަރީ މަހު ވިއެޓްނާމުގައި އޮތް ސަމިޓެއްގަ އެވެ.

އެކަމަކު އެ ދެ ސަމިޓް ވެސް ނިންމާލާފައި ވަނީ އުތުރު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމްތައް ހުޓާލުމަށް އެއްބަސްވުމަކަށް ނާދެވި އެވެ.

މީގެ ކުރިން އެމެރިކާގެ ކުރީގެ ރައީސުން ކަމަށްވާ ޖިމީ ކާޓާ އާއި ބިލް ކްލިންޓަން އުތުރު ކޮރެއާގެ ވެރިރަށް ޕިއޮންޔަން އަށް ވަޑައިގެންފައިވީ ނަމަވެސް ވެރިކަމުގައި ހުންނަވާ އުތުރު ކޮރެއާއަށް ވަޑައިގެންނެވި ފުރަތަމަ ރައީސަކީ ޓްރަމްޕެވެ.
ހިޔާލު