Hiyaa Flat thah: Rayyithunnah dhehki huvafenakee bilaaheh!
image
ހިޔާ ފްލެެޓުތައް--
7 ކޮމެންޓް
 

ހިޔާ ފްލެޓުތައް: ރައްޔިތުންނަށް ދެއްކި ހުވަފެނަކީ ބިލާހެއް!

ހަވާއެރުވުމުގެ ކުލަ ގަދަ ރަސްމިއްޔާތަކާއެކު "ހިޔާ" ފްލެޓުތަކުގެ މަޝްރޫއު 2017 ވަނަ އަހަރު ފެށީ ރައްޔިތުންނަށް ފޮނި ހުވަފެންތަކެއް ދައްކަމުންނެވެ. އޭރު ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން ބުނީ އެ މަޝްރޫއުގެ ދަށުން އަޅާ ބިޔަ 36 ޓަވަރުގައި 80،000 މީހުންނަށް ރަނގަޅު ބޯހިޔާވަހިކަން ޔަގީންވާނެ ކަމަށެވެ. އެކަމަކު އެ ބިޔަ ޓަވަރުތަކުގެ ހާލަތު ކައިރިން ބަލާލަން ފުރުސަތު ލިބުނު ކޮންމެ މީހަކަށް ވެސް ޔަގީންވާނެ ކަމަކީ، އޭރުގެ ސަރުކާރުން ރައްޔިތުންނަށް ދެއްކީ ކުލައެއް ނެތް، އުއްމީދެއް ވެސް ނެތް ބިލާހެކެވެ.
ކުރީގެ ހައުސިން މިނިސްޓަރު އަދި މިހާރުގެ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އޭރުވެސް ވިދާޅުވީ ހިޔާ ފްލެޓުތަކުގެ ފެންވަރެއް ނެތް ވާހަކަ އެވެ. ޔާމީނުގެ ސަރުކާރުން މަސައްކަތް ކުރަނީ ޒުވާނުން ގަނަތަޅުވަން ކަމަށް އަސްލަމް ވިދާޅުވީ މީގެ ދެ އަހަރު ކުރިންނެވެ. އޭގެ ފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު އައުމާއެކު އެންމެ ފުރަތަމަ ވެސް ޖެހުނީ "އިންސާނުން އުޅެން ހެޔޮ ނުވާ ގޮތަށް" ހަދާފައި ހުރި ހިޔާ ފްލެޓުތައް ބަދަލު ކުރާނެ ގޮތަކާ މެދު ވިސްނާށެވެ. ރައީސް އޭރު ދެއްކެވި ވާހަކައިގެ ހަގީގަތް އެނގެނީ އެ ޓަވަރުތަކަށް ގޮސް، އެތަނުގެ ފެންވަރު ކައިރިން ބަލާލުމުންނެވެ.

ހުޅުމާލޭގައި ތަރައްގީގެ މަޝްރޫއުތައް ހިންގަމުން ދަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރެޝޭން (އެޗްޑީސީ) ގެ ދަށުންނެވެ. އެހެންވެ ހިޔާގެ ބިޔަ ޓަވަރުތަކުގެ އެތެރެ ބަލާލުމުގެ ފުރުސަތު ސީއެންއެމް އާއި އެހެން ނޫސްތަކަށް ފަހިކޮށްދިނީ އެޗްޑީސީގެ ފަރާތުންނެވެ. އެޗްޑީސީގެ މުވައްޒަފުން ދިން އެ ކުރު "ޓުއާ" ގައި އެތަނުގެ ތެރެއަށް ވަނުމުން އެންމެ ފުރަތަމަ ވެސް ލިބެނީ ހައިރާން ކަމެވެ. ބޯހިޔާވަހި ކަމަށް ފުރިހަމަ ހައްލެއް ގެންނަން ކަމަށް ބުނެ، ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައި އޮތް މިންވަރު ފެނުމުންނެވެ. ދިގު ކިޔޫތަކެއްގައި އެތައް ގަޑިއިރެއް އާއްމުންގެ ފްލެޓް ފޯމު ދަރުބާރުގެ އާއި ހައުސިން މިނިސްޓްރީ އަށް ލުމަށް މަޖުބޫރު ކުރުވީ ހަމަ މި ކުދުކުދި އަލިފާން ފޮށިތަކެއް ވަރުގެ ފްލެޓެތަކަށްތޯ ހިތުގައި ސުވާލު އުފެދުނެވެ.

ހުޅުމާލޭ ބާބަކިއު ސަރަހައްދާއި މާދުރު ނޫން ހިސާބެއްގައި ހިއްކާފައި އޮތް ސަރަހައްދަކަށް ހިޔާ ފްލެޓުތައް ދެއްކުމަށް ގެންދިޔައިރު އެތަނުގައި ހަދަމުން އަންނަ 25 ބުރީގެ 16 ޓަވަރު މާ ދުރުން ފެންނަ ހުއްޓެވެ. މިއީ އެހާ އުސްކޮށް ހުޅުމާލޭގައި އިމާރާތްތަކެއް ހަދަމުން އަންނަ ފުރަތަމަ ފަހަރެވެ. ރައްޔިތުންނަށް ބޯހިޔާވަހިކަން ފަހިކޮށް ދިނުމަށް 6،860 ފްލެޓު ތަރައްގީކުރަމުންދާ އެތަނުގައި އެއް ޓަވަރު އަނެއް ޓަވަރާ ދެމެދުގައި މާ ބޮޑު ހުސްޖާގައެއް ނެތްކަން ސާފުވަނީ ތަންކޮޅެއް ކައިރިއަށް ދެވުމުންނެވެ.

އެޗްޑީސީގެ މުވައްޒަފުން ދެ ކޮޓަރީގެ އެޕާޓްމަންޓްތަކެއް ތަރައްގީކޮށްފައި ހުރި ތަނަކަށް ނޫސްވެރިން ވެއްދި އެވެ. ހަނި ސިޑިއަކުން އެތަނުގެ ފުރަތަމަ ފަންގިފިލާއަށް އަރައި އެންމެ ފުރަތަމަ ޖެހުނު އެޕާޓްމަންޓަށް ވެސް ވެއްދި އެވެ. އެތަނުގެ ސިޓިން ރޫމު ފެނިފައި ވެސް ހައިރާންވި އެވެ. އެހާ ވެސް ހަންޏެވެ. އެތަންކޮޅުގެ ތެރޭގައި ކައްކާ ކާންވީ އެވެ.

ދެން އޮތީ ކޮޓަރީގެ ވާހަކަ އެވެ. ރައީސް ސޯލިހު ވިދާޅުވީ ހަމަ ތެދުފުޅެކެވެ. އެތަނުގެ ތެރެއަށް ޑަބަލް ބެޑަކާއި އަލަމާރިއެއް ލައިފިނަމަ އެތަނުގައި އިތުރު ޖާގައެއް ނޯންނާނެވެ. ހަމައެހާ ވެސް ކުޑަ އެވެ. މިއީ އެތަނުގައި ހުރި ދެ ކޮޓަރީގެ ހާލަތެވެ. ދެ ކޮޓަރީގެ އެ އެޕާޓްމަންޓުތަކުގައި ކޮންމެ ކޮޓަރިއެއްގައި ވެސް ފާހާނާ ހުއްޓެވެ. އެކަމަކު ފާހާނާ ވެސް ހަމަ އެހާ ކުޑަ އެވެ.

ގޭތެރޭގެ ހާސްކަމުން ދެން ނިކުމެލަން އޮތީ ބެލްކަންޏެވެ. އެކަމަކު އެއީ ވެސް ހަމަ ނަމެއްގައި ލާފައި އޮތް ތަނެއް ކަހަލަ އެވެ. އެހާ ހަންޏެވެ. އެހާ ކުޑަ އެވެ. ބޯހަމަޖައްސާލަން އެތަނަށް ނިކުންނަ މީހަކު ހާސްނުވިއްޔާ ރަނގަޅެވެ.

- ސިޓިން ރޫމް


މިއީ ރާއްޖޭގެ ތާރީހުގައި ވެސް ސޯޝަލް ހައުސިން ސްކީމެއްގެ ދަށުން މިހާ ކުދި އެޕާޓްމަންޓުތަކެއް ބިޔަ ޓަވަރެއްގައި އެޅި ފުރަތަމަ ފަހަރެވެ. އެއް ނަޒަރުން ބަލާއިރު، މިއީ ނަމަކަށް ކޮށްފައިވާ މަސައްކަތެކެވެ. ބޮޑެތި ޓަވަރުތަކެއްގައި މިހާ ކުދި ފްލެޓުތަކެއް އެޅިއިރު، މިއީ އެއްވެސް ރޭވުންތެރިކަމެއް އޮވެގެން، ނުވަތަ ދިގު ރާސްތާގެ ޕްލޭނެއް އޮވެގެން ކުރި ކަމެއް ބާއޭ ހިތަށް އަރައެވެ.

ޗައިނާގެ ކޮންޓްރެކްޓަރު، ޗައިނާ ސްޓޭޓް އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެސްއީސީ) އިން ހިޔާ މަޝްރޫއުގެ ޓަވަރުތައް ހަދަމުން އަންނައިރު ކުރީގެ ރައީސް ޔާމީނުގެ އަމާޒަކަށްވީ މާލޭގައި މީހުން އުޅެމުން އަންނަ ދަތި ހާލުން އެމީހުން ސަލާމަތްކޮށް ހަމަޖެހިލައިގެން އެމީހުންނަށް ދިރިއުޅެވޭނެ ތަނެއް ތަރައްގީ ކޮށްދިނުމެވެ. އެކަމަކު، އިއްޔެ ފެނުނު އެ މަންޒަރުން އެތަނަކީ ވެސް ބަރިބަރިއަށް އެނދު ޖަހައި އެއް ކޮޓަރިއެއްގައި އެތައް ބަޔަކު ތާށިވެދާނެ ފަދަ ތަނަކަށް ވުމުގެ ފުރުސަތު ބޮޑު ތަނެއްކަން ވަރަށް ސާފުވެއްޖެ އެވެ.

އެތަނުގެ ކޮންމެ ފްލޯއެއް ވެސް ދެ ބަޔަކަށް ބަހާލެވިފައިވާއިރު ކޮންމެ ފަޅިއެއްގައި ނުވަ ފްލެޓު ހުރެ އެވެ. އެއީ ކޮންމެ ފްލޯއެއްގައި 18 ފްލެޓެވެ. މިއިން ކޮންމެ ފްލެޓެއް ވެސް ތަރައްގީ ކުރެވިފައި ވަނީ ހަމަ އެއް ގޮތަކަށެވެ. ކޮންމެ ފްލެޓެއްގައި ފަސް މީހުން ދިރިއުޅޭ ކަމަށް ބަލައި ތަފާސްހިސާބު ހެދި ނަމަވެސް ކޮންމެ ޓަވަރަކަށް 2250 މީހުންގެ އާބާދީއެއް ޖެހެ އެވެ. އެވަރުގެ އާބާދީއެއް ރާއްޖޭގެ ގިނަ ރަށްތަކުގައި ނޯވެ އެވެ.

އެ ފްލެޓުތައް ހޯދުމަށް ގިނަ ބަޔަކު ފޯމު ހުށަހަޅާފައިވާއިރު އެ ފްލެޓުތައް ލިބޭނެ މީހުން ވެސް މިދިޔަ ސަރުކާރުން އިއުލާނުކުރި އެވެ. އެކަމަކު، ސަރުކާރު ބަދަލުވުމާއެކު އަންނަނީ އެ ފްލެޓުތައް ލިބުނީ އެންމެ ހައްގުވެރިންނަށްތޯ ބަލަމުންނެވެ.

ކުދި ކުދި އެ ފްލެޓުތަކަށް ކުރީ ސަރުކާރުން ކުލީގެ ގޮތުގައި ކަނޑައެޅީ 5600 ރުފިޔާ ނަމަވެސް މަހަކު 11000 ދައްކައިގެން ނޫނީ ފްލެޓުތައް އެޅުމަށް ނެގި ލޯނުގެ ފައިސާ ހަމަނުކުރެވޭނެ ކަމަށް އެޗްޑީސީން ބުނެ އެވެ. އެޗްޑީސީން ލަފާކުރާ ގޮތުގައި ފްލެޓުތަކުގެ މަސައްކަތް ނިމޭނީ އަންނަ އަހަރުގެ ފެބްރުއަރީ ހިސާބުގައެވެ.

ބޯހިޔާވަހިކަމަކީ ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް އިޖުތިމާއީ މައްސަލަ ނަމަވެސް އެކަމަށް ހައްލެއް ލިބެން އޮތީ އެފަދަ ބޮޑެތި މައްސަލަތަކުން ސިޔާސީ މަންފާ ނެގުން ހުއްޓިގެންނެވެ. ސޯޝަލް ހައުސިންގެ ދަށުން ތަރައްގީ ކުރެވޭ ފްލެޓުތަކަށް ގިނަ ބަޔަކު ކުރިމަތިލަނީ މާލޭގައި ދިރިއުޅެމުން އަންނަ ނިކަމެތި ހާލުން ސަލާމަތްވެ ހަމަޖެހޭ ދިރިއުޅެމެއް ހޯދުމަށެވެ. އެކަމަކު ބޮޑު ކުއްޔެއް ދައްކާ އަލުން އެ ދިރިއުޅުމުގެ ތެރެއަށް އެއްގޮތަކަށް ވެސް ވެއްޓުމުގެ ނިޔަތަކު ނޫނެވެ.
ހިޔާލު

އާދަނު، މާލެ

ތަން ކުޑަ ކަމަށް ބުނާއިރު ތަނުގެ މިން ލިޔެލިނަމަ ރަނގަޅުވީސް. ނޫސްވެރިންވެސް ވަކި އަތަކަށް ޖެހިފަ ނުތިބެ ރައްޔިތުން ބޭނުންވާ މަޢުލޫމާތު ގެނެސްދޭންޖެހޭ. ސޯސަލް ހައުސިންގ އަށް 10 ފޫޓް 11 ފޫޓް ގެ ކޮޓަރިއަކީ ކުޑަ ތަނެކޭ ނުބުނެވޭނެ. އަދި 4 ފޫޓް 6 ފޫޓް ވެސް ކުޑައެއް ނޫން ފާޚާނާއަކަށް. ސިޓިންގ ރޫމް، ބަދިގެ އަދި ކާގެއަށް 8 ފޫޓް 20 ފޫޓް ވެސް ކުޑައެއް ނޫން.

އަހުމަދު

މާލޭގެ ދެކޮޓަރީގެ އެޕާރޓްމެންޓްގެ ކުއްޔަކީ 21000 ރުފިޔާ ... ތިޔަބުނާ ސައިޒްއަށްވުރެވެސްކުޑަ ..އަދި ކުލި އުމުރުދުވަހަށް ނިމުމެއްނެތް...
ހަމަރަގަޅު ތިޔަތަންތަން ތިޔަވަރު..

އަލީ

ތިޔަ ތަނުން ޖާގަ ދޭންފެންނަނީ ގުއިޒް މެންގެ ކުދިންކޮޅައް.. އޭރުން ހުންނާނީ ރާކަނިމަސް ކެވިފައި.. ރައީސް އިބޫ އަޅުގަނޑުމެންނައް ތިޔައްވުރެ ރަނގަޅު ތަނެއް އަޅައިދީ.. އަދިވެސް ކެއްކޮއްގެން ތިބޭނަން..

ހައްވަ

އަހަރެން ހިތަށްއަރާ ތަންއޮތްތަނެއްގައި މިހާ ފެންވަރު ދައްކޮން ފުލެޓުއަޅާފަ ރައްޔިތުންނަށް ދެނީ ހިލޭބާއޭ މަހުޖަނުމީހާވެސް ދައްކަނީފައިސާ ނިކަމެތިމީހާވެސް ދައްކަނީ ފައިސާ ސަރުކާރުން ރައްޔިތުމީހާ ފުލެޓުގަންނަނީ އެހެންވީމާ މަހުޖަނުމީހާއާއި ނިކަމެތިމީހާ ތަފާތު ކޮއްގެންނުވާނެ

ޏަހަނެ

ތި މާލޭ ގެ އެޕާޓް މެންޓަށް ވުރެ
ރަނގަޅު

ބޮންޑޭ

މިލިޔުން ކިޔާލުމުން ވަރަށްސާފުވޭ މީ މިކިޔާ ސިޔާސީ ދެބޯގެރި މީހެއްގެ ލިޔުންކަން. ނޫނީ މީނައެއްވެސް ގޮތަކަށް ނިކަމެތިން އުޅޭތަނެއް ދެކިފަނުވަނީ. ނުވަތަ މީނަމުޅިންވެސް އުޅެފަހުރީ ޕެލެސްފަަދަ ތަންތަނުގަ. މިބުނާ އެތި ވިސްނިއްޖެ ދޯ؟

ޔާމީން

ސީއެންއެމް ކުދިންކޮޅު ތެޅިތެޅި ތިބެލާ ދެން މިފަހަރު.