Dharivarun ge thimaaveshi ilthimaas, Qaraar egge gothugai Majleehun faaskoffi
image
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދި، މަޖިލީހުގެ ތިމާވެއްޓާ ބެހޭ ކޮމެޓީގެ ބައްދަލުވުމުގައި ސްކޫލްތަކުގެ ދަރިވަރުން--
0 ކޮމެންޓް
 

ދަރިވަރުންގެ ތިމާވެށި އިލްތިމާސް، ގަރާރެއްގެ ގޮތުގައި މަޖިލީހުން ފާސްކޮށްފި

ރާއްޖޭގެ ތިމާވެށި ރައްކާތެރި ކުރުމަށް ސްކޫލްތަކުގެ ދަރިވަރުންގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ހާއްސަ އިލްތިމާސް، ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމެޓީން ދިރާސާ ކުރުމަށްފަހު، ގަރާރެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހުށަހެޅުމުން، އެގަރާރު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެގަރާރު ފާސްކޮށްފައިވަނީ 64 މެމްބަރުންގެ އިއްތިފާގުން ނެވެ.

އެގަރާރުގައި ވަނީ ސަރުކާރާއި ދައުލަތުގެ ހުރިހާ މުއައްސަސާތަކަކުން ތިމާވެއްޓާ ރައްޓެހި ތަކެތި ބޭނުންކުރުމަށް ގޮވާލާ ކަމަށެވެ. އަދި އެއްފަހަރު ބޭނުންކޮށްފަ، އެއްލާލެވޭ ހުރިހާ ބާވާތެއްގެ ޕްލާސްޓިކް ފަދަތަކެތި 2025ގެ ނިޔަލަށް ރާއްޖޭގައި ބޭނުންކުރުން މަނާ ކުރުމަށެވެ.

"މިގޮތަށް މިގަރާރު ފާސްވުމާއި ގުޅިގެން، އެއްފަހަރު ބޭނުންކޮށްފަ އެއްލާލާ ޕްލާސްޓިކް ފުޅިއާއި ޕްލާސްޓިކް ހޮޅި، ވިޔަފާރިތަކުގައި ބޭނުންކުރުން ހުއްޓުވުމަށް ބާރުއެޅުމަށާއި އެއްފަހަރު ބޭނުންކޮށް އެއްލާލާ ޕްލާސްޓިކް ބާވަތްތައް އާއްމުން ބޭނުންކުރުމުން ދުރުކުރުމަށް އާއްމުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށާއި، އެއްފަހަރު ބޭނުންކޮށް އެއްލާލާ ބާވަތުގެ ޕްލާސްޓިކްފުޅި ދިވެހިރާއްޖޭގައި އުފެއްދުމާއި ބޭނުންކުރުން މަދުކުރަމުންގޮސް 2024 ގެ ނިޔަލަށް އެފަދަފުޅި ދިވެހިރާއްޖޭގައި މަނާކުރުމަށާއި، އެއްފަހަރު ބޭނުންކޮށް، އެއްލާލާ ޕްލާސްޓިކް ހޮޅިއާއި ސުޕާރީ ޕެކެޓާއި ޕްލާސްޓިކް ކޮތަޅު 2020ގެ ނިޔަލަށް ދިވެހިރާއްޖޭގައި މަނާ ކުރުމާއި، 2025ގެ ނިޔަލަށް ހުރިހާ ބާވަތެއްގެ އެއްފަހަރު ބޭނުންކޮށްފަ އެއްލާލާ ބާވަތުގެ ޕްލާސްޓިކް ބޭނުންކުރުން ދިވެހިރާއްޖޭގައި މަނާ ކުރުމަށާއި އަދި އެއް ފަހަރު ބޭނުންކޮށްފަ އެއްލާލާ ކޮތަޅާއި ފުޅިއާއި ހޮޅި ފަދަ ތަކެތީގެ ބަދަލުގައި ބޭނުންކުރެވޭ ތިމާވެއްޓާ ރަހުމަތްތެރި ތަކެތި ދިވެހިރާއްޖޭގައި ކުރިއެރުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ދައުލަތުގެ ކަމާގުޅޭ މުއައްސަސާތަކުން އަޅުވަންޖެހޭ ފިޔަވަޅުތައް އެޅުމާއި ކުރަންޖެހޭ މަސައްކަތްތައް ކުރުމުގެ މުހިއްމުކަން މިމަޖިލީހުން ފާހަގަކޮށް، އެމުއައްސަސާތަކުގެ މަސައްކަތުގެ ދާއިރާގެ ތެރޭގައި އެކަން ކުރުމަށް މިމަޖިލީހުން ގޮވާލަމެވެ." ސްކޫލްތަކުގެ ދަރިވަރުން މަޖިލީހަށް ހުށަހެޅި ތިމާވެށި ރައްކާތެރި ކުރުމާބެހޭ ހާއްސަ އިލްތިމާސާ ގުޅިގެން، އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗެންޖް ކޮމެޓީން ދިރާސާ ކުރުމަށްފަހު މަޖިލީހުގެ ޖަލްސާއަށް ހުށަހެޅި ގަރާރުގައި ވެއެވެ.

ތިމާވެށި ރައްކާތެރި ކުރުމާ ގުޅޭ ހާއްސަ އިލްތިމާސް، ސްކޫލްތަކުގެ ފަރާތުން ހުށަހަޅާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމެޓީގެ ހާއްސަ ދައުވަތަކަށް ސްކޫލްތަކުގެ ދަރިވަރުން އެކޮމެޓީގެ ބައްދަލުވުމަށް ހާޒިރުވެ އެވެ.

އެބައްދަލުވުން ބާއްވާފައި ވަނީ މިމަހުގެ 23 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އިދާރާގަ އެވެ. ކޮމެޓީގެ އެބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

އެ ބައްދަލުވުމުގައި ދަރިވަރުން ވަނީ އެއް ފަހަރު ބޭނުންކޮށް އުކާލެވޭ ޕާލިސްޓިކުގެ ނުރައްކާ ފާހަގަކޮށް، ޕްލާސްޓިކް ނައްތާލުމަށް ކުރާ އިލްތިމާސް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަރުވާފަ އެވެ.

ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުން އިސްނަގައިގެން 17 ސްކޫލެއް ގުޅިގެން، އެ ސްކޫލުތަކުގެ ކުދިން މަޖިލިސް ކޮމިޓީގެ މެމްބަރުންނާ ވަނީ ބައްދަލުކުރައްވާ ތިމާވެއްޓާ ގުޅޭ ގިނަ ކަންކަން ހިއްސާކޮށްދެއްވާފަ އެވެ.

އެ ބައްދަލުވުމުގައި ރައީސް ނަޝީދު ވަނީ ތިމާވެއްޓާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ.

ސްކޫލްތަކުގެ ދަރިވަރުންނާ މަޖިލީހުގެ ތިމާވެށި ކޮމިޓީން ބައްދަލުކުރި، އެ ދުވަހުން ފެށިގެން، މަޖިލީހުގެ ކޮމެޓީތަކުގައި ބޭނުންކުރާ ޕްލާސްޓިކް ފެންފުޅި ބަހައްޓާފައެއް ނުވެއެވެ.

މިމަހުގެ 23 އިން ފެށިގެން މަޖިލީހުގެ ކޮމެޓީތަކުގަ އާއި ޖަލްސާ ކުރާ މާލަމުގައި އެއްފަހަރު ބޭނުންކޮށް، އުކާލެވޭ ޕްލާސްޓިކް ފެންފުޅި ބެހެއްޓުން ނުވަތަ ގެންގުޅުން ވަނީ މަނާކޮށްފަ އެވެ.
ހިޔާލު