Manafaru ga dhimaavi massala ehen resort ehga thakuraaru viya nudheynan: Ali Waheed
image
މަނަފަރުން މާލެ ވަޑައިގެން މިނިސްޓަރު އަލީ ވަހީދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ-- ފޮޓޯ: ޕީއެސްއެމް
ރައްޔާން މުޙައްމަދު
1 ކޮމެންޓް
 

މަނަފަރުގައި ދިމާވި މައްސަލަ އެހެން ރިސޯޓެއްގައި ތަކުރާރުވިޔަ ނުދޭނަން: އަލީ ވަހީދު

މަނަފަރު ރިސޯޓުގައި ދިމާވި ފަދަ މައްސަލައެއް ރާއްޖޭގެ އެހެން އެއްވެސް ރިސޯޓެއްގައި ތަކުރާރު ވިޔަ ނުދޭން ފިޔަވަޅު އަޅުއްވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
ހއ. އަތޮޅުގައި އޮންނަ މަނަފަރު ރިސޯޓުގެ ގިނަ މުވައްޒަފުންތަކެއް އެއް ފަހަރާ ވަޒީފާ އިން ވަކިކުރަން ނިންމުމުން އެ ރިސޯޓުގެ މުވައްޒަފުން ވަނީ މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ބަނޑުހައި ހޫނުކަމުގެ ހަޅުތާލުކޮށްފަ އެވެ.

ހަޅުތާލު ނިންމާލީ އަލީ ވަހީދު އިއްޔެ ހަވީރު އެ ރިސޯޓަށް ވަޑައިގެން، މެނޭޖުމަންޓާ ކުރެއްވި މަޝްވަރާއަށް ފަހު މުވައްޒަފުން ވަކި ނުކުރާނެކަން މެނޭޖުމަންޓުން އެންގުމުންނެވެ.

އެއް ފަހަރާ ގިނަ މުވައްޒަފުންތަކެއް ވަޒީފާއިން ކަނޑާލަން ނިންމީ ރިސޯޓްގެ މާލީ ހާލަތު ދައްވުމުގެ ސަބަބުން، ހިންގުމުގެ ހަރަދުތައް ކުޑަ ކުރަން ކަމަށް އެ ރިސޯޓުގެ މެނޭޖުމަންޓުން ބުނެފައި ވެއެވެ.

މަނަފަރަށް ކުރެއްވި ދަތުރަށްފަހު މިއަދު ހެނދުނު މާލެ ވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަލީ ވަހީދު ވަނީ އެފަދަ ކަންކަން ތަކުރާރުވިޔަ ނުދޭން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

އެފަދަ މައްސަލަތަކަކީ މުވައްޒަފުންނާއި ރިސޯޓަށް ގެއްލުންވުމުގެ އިތުރުން ފަތުރުވެރިކަމުގެ ސިނާއަތަށް ވެސް ލިބޭ ބޮޑު ގެއްލުމެއްގެ ގޮތުގައި މިނިސްޓަރު ސިފަކުރެއްވި އެވެ.

މައްސަލައެއް އުފެދޭ ވަގުތު ވާހަކަ ދައްކައިގެން ހައްލު ކުރުމަކީ މުހިއްމު ކަމެއް ކަމަށާއި މަނަފަރުގެ މައްސަލަ ހައްލު ކުރަން މިނިސްޓްރީން އެ ރިސޯޓަށް ދިޔައިރު މައްސަލަ އޮތީ ވާހަކަދެއްކޭ ވަރަށް ވުރެ ބޮޑުވެފައި ކަމަށް ވިދާޅުވި އެވެ.

ރިސޯޓެއްގައި ކަމެއް ހިނގައިގެން އުޅޭނަމަ ހަޅުތާލު ކުުރުމުގެ ބަދަލުގައި ކަމާ ގުޅޭ ފަރާތްތަކަށް މައްސަލަ ހުށަހެޅުމަށް މިނިސްޓަރު ވަނީ އެދިވަޑައިގެންފަ އެވެ.

އަލީ ވަހީދު އިތުރަށް ވިދާޅުވީ މައްސަލަތައް ނިންމުމަށް ޤާނޫނާއި ޤަވާއިދުގެ މަތިން އަމަލު ކުރަން ޖެހޭއިރު، އެއާ ހިލާފަށް ކަންކަން ހިނގުމަކީ ހިތާމަކުރައްވާ ކަމެއް ކަމަށެވެ.

އެގޮތުން ވަޒީފާއިން ވަކިކުރެވޭނެ ވަކި އުސޫލުތަކެއް ހެދިފައިވާއިރު ވެސް، މީގެ ކުރިން ރިސޯޓުގެ އިސްވެރިންނާއި ސަރުކާރުގެ އިސްވެރިން ގަވާއިދުތަކާއި އުސޫލުތަކަށް އިހުމާލުވެފައިވާ ކަމަށް ވިދާޅުވި އެވެ.

"ރެގިއުލޭޓަރީ މުއައްސަސާއެއްގެ ހައިސިއްޔަތުން މިފަދަ ކަންކަން އަޅުގަނޑުމެންނަށް ހައްލު ކުރެވޭނެ. ރާއްޖޭގެ ހާލަތު މިހާ ހިސާބަށް އައިސްފައި މިއޮތީ އޭޒް އަ ރެގިއުލޭޓަރީ ބޮޑީ، މަސައްކަތް ނުކުރެވިގެން. އެނގިވަޑައިގަންނަވާނެ، ރިސޯޓެއްގައި ފަސް ދިވެހިން ތިބޭއިރު މިއީ ބަލަން ޖެހޭ ކަމެއްކަން. އިހުމާލުވެފައި އެބަހުރި. އަޅުގަނޑު ދަންނަވާލަން ބޭނުން އަޅުގަނޑުމެން ބޭނުމެއް ނޫން މި މައްސަލަ ތަކުރާރުވާކަށް. މިއީ ރިސޯޓަށް ވެސް އަދި ރާއްޖޭގެ ފަތުރުވެރިކަމަށް ވެސް ގެއްލުން ލިބޭނެ ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.

މަނަފަރުގައި މުވައްޒަފުންނަށް ދިމާވި މައްސަލަ ހައްލުކޮށްދެއްވުމުން ޓޫރިޒަމް އެމްޕްލޯއީޒް އެސޯސިއޭޝަން (ޓީމް) އިން ވަނީ އަލީ ވަހީދަށް ޝުކުރު ދަންނަވާފަ އެވެ.
ހިޔާލު

ބޮސި

ދޮގު ހަދަ