Shumba hayyaru kurumuga Umar Naseer isskoh hure, gaanoonaa hilaafuvumun dhauvaa kuranee
image
ސޯޝަލް މީޑިއާ އެކްޓިވިސްޓު އަހްމަދު އަޝްރަފް (ޝުމްބާ) ކްރިމިނަލް ކޯޓު ދޮރުމަތީގައި-- ފޮޓޯ: ޝުމްބާ/ ޓްވިޓާ
2 ކޮމެންޓް
 

ޝުމްބާ ހައްޔަރު ކުރުމުގައި އުމަރު އިސްކޮށް ހުރެ، ގާނޫނާ ހިލާފުވުމުން ދައުވާ ކުރަނީ

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާ ގާތް ގުޅުމެއް އޮންނަ ސޯޝަލް މީޑިއާ އެކްޓިވިސްޓު އަހްމަދު އަޝްރަފް (ޝުމްބާ) ސްރީ ލަންކާގައި ހުއްޓާ ގަދަކަމުން ރާއްޖެ ގެނައުމަށް އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ އިސް ނެންގެވުމަކަށް ގާނޫނާއި ގަވައިދާ ހިލާފަށް އަމަލުކުރި ކަމަށް ބެލެވޭތީ، އެކަމުގައި ދައުވާ ކުރާނެ ކަމަށް އޭނާ ބުނެފި އެވެ.
ޝުމްބާ ކުރި ޓްވީޓެއްގައި ބުނީ އުމަރު ހޯމް މިނިސްޓަރު ކަމުގައި ހުންނެވި އިރު ހިންގި "އޮޕަރޭޝަން ކަސްތޮޅު" ގައި "ގައިރު ގާނޫނީ އަމުރަކަށް" އޭނާ "ރަހީނުކުރި މައްސަލަ އަށް ހެކިބަސް އެއް ކުރުމަށް" ކުރީގެ ޕޮލިސް ކޮމިޝަނަރުންނާއި އޮފިސަރުންނާ ވާހަކަދައްކަމުންދާ ކަމަށެވެ.

ޝުމްބާ އެގޮތަށް ނިންމީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ރޭ ކުރެއްވި ޓްވީޓެއްގައި ޝުމްބާ ހައްޔަރުކޮށްގެން ރާއްޖެ ގެނައީ ގާނޫނާއި ގަވައިދާ ހިލާފަށް ކަމަށް ވިދާޅުވުމުންނެވެ. އެފަދަ ގޮތަކަށް ޒާހިރު ވިދާޅުވީ ލަންކާ އެމްބަސީގައި މިހާރު ހުރި އަބްދުﷲ ލުތުފީ ގެ މައްސަލާގަ އެވެ.

"ބަޔަކު މީހުން ނުކޮށް ދޫކޮށްލި ކަމެއްގެ ވާހަކަ އަޅުގަނޑުމެން ދައްކާކަށް ނެތިން. ލުތުފީ މާލެ ގެނެސް ކަރެކްޝަންސް އާ ހަވާލުކުރާނީ މިސަރުކާރުން، އިންޝާﷲ. ޝުމްބާ ގޮންގް ގެނައި ގޮތަށް ގާނޫނާ ހިލާފަކަށް ނޫން. ދެ ގައުމުގެ ގާނޫނީ އިމުގެ ތެރެއިން އެކަން ނިންމާނީ،" ޒާހިރު ކުރެއްވި ޓްވީޓުގައި ވެއެވެ.

އެއާއެކު ރޭ ޝުމްބާ ބުނެފައި ވަނީ 1 ނޮވެމްބަރު 2015 ގައި އޭނާ ހައްޔަރު ކުރީ ގާނޫނާއި ހިލާފަށް ކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް ވިދާޅުވުމުން "އަޅުގަނޑު ދައުލަތުން ބަދަލު ހޯދުމަށް ދައުވާ ކުރުމަށާއި، އެ ރަހީނު ކުރުމުގެ އަމަލުގައި ބައިވެރިވި ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އެޅުމަށް" އެދޭނެ ކަމަށެވެ.

ގަވައިދާ ހިލާފަށް ޝުމްބާ ހައްޔަރު ކުރަން ހިންގި ކަމަށް ބުނާ އެ އޮޕަރޭޝަން ކުރިއަށް ގެންދިޔެއީ އޭރުގެ ހޯމް މިނިސްޓަރު އުމަރު ކަމަށް ޝުމްބާ ތުހުމަތު ކުރީ ރޭ ދަންވަރު ކުރި ޓްވީޓެއްގަ އެވެ. އެ އޮޕަރޭޝަނުގެ ބައެއް ތަފްސީލް އޭނާ ވަނީ މިއަދު މެންދުރު ހިއްސާކޮށްފަ އެވެ.

"...ލަންކާގައި އަހަރެން ގޭތެރޭގައި ހުއްޓާ ލަންކާ ފުލުހުންނާއި، އިންޓެލިޖެންސާއި، އިމިގްރޭޝަން އަދި ދިވެހި ފުލުހުން ވަދެ، ޖިޕަކަށް ލައިގެން ކަސްޓޮޑީ އަށް ކަމަށް ބުނެ ގެންގޮސް ވެއްދީ ދިވެހި އެމްބަސީ އަށް. އެއަށްފަހު ހެނދުނު ފްލައިޓުން ގެނައީ ބޭސް ނިންދަވާލައިގެން މާލެ،" ޝުމްބާގެ ޓްވީޓުގައި ވެއެވެ.

ޝުމްބާ ހޯދުމުގެ މަސައްކަތް ކުރީ ސަރުކާރުން ފެށީ ރިޔާސީ ލޯންޗުކޮޅު ފިނިފެންމާގައި އެއްޗެއް ގޮއްވާލި މައްސަލާގަ އެވެ. އޭރު އުމުރުން 19 އަހަރުގެ ޝުމްބާ މާލެ ގެނެސް، ޖަލަށްލާ އަނިޔާކުރި ކަމަށް އޭނާގެ ގާނޫނީ ވަކީލުން ވަނީ ބުނެފަ އެވެ. ގާތްގަނޑަކަށް 14 މަސް ބަންދުގައި ބެހެއްޓުމަށް ފަހު 2017 ވަނަ އަހަރު އޭނާ ގޭ ބަންދަށް ބަދަލުކުރި އެވެ.

އެއަށްފަހު ޝުމްބާ މިނިވަންވެފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.
ހިޔާލު

އުމަރު

ޔާމީން ސަރުކާރުގައި ހުރީ ވެރިކަމުން ވަކިވުމުންވެސް ދައުލަތުން ލާރި ކެވޭނެ މިކަހަލަ ކިތައްމެ ޕްރޮޖެކްޓެއް ހިންގާފަ. ތީގެން ލިބޭ ލާރިން 50 ޕަސެންޓް ސޮދަގާތު ފައުންޑޭޝަނަށް. މީވަރަށް ވާހަކަ

ފަރޭ

ދޭ ދައުވާކުރަން، ކަލެއަށް މިދައުލަތުން ލިބޭނެ ބަދަލެއް ނޯންނާނެ، އެމްއެމްޕީއާރުސީ ވަގުންތީ