Luthufee isthiufaa fonuvee gaanoonaa hilaafah, balaeh nugai!
image
ލުތުފީ: އިސްތިއުފާ ފޮނުވީ ގާނޫނާ ހިލާފަށް.-- ފޮޓޯ: މޯލްޑިވްސް އިންޑިޕެންޑެންޓް
1 ކޮމެންޓް
 

ލުތުފީ އިސްތިއުފާ ފޮނުވީ ގާނޫނާ ހިލާފަށް، ބަލައެއް ނުގަތް!

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް ހަސަން ލުތުފީ އެ ކޮމިޝަނުން ވަކިކުރަން މަޖިލީހުން ތައްޔާރުވެފައި ވަނިކޮށް، އިސްތިއުފާ ދިން ކަން ރައީސް އޮފީހަށް ފޮނުވީ އޭސީސީގެ ގާނޫނާ ހިލާފަށް ކަމުން އެ އިސްތިއުފާ ބަލައިނުގަތުމަށް މިއަދު ނިންމައިފި އެވެ.
އެނގިފައިވާ ގޮތުގައި ލުތުފީ އޭސީސީން އިސްތިއުފާ ދިން ކަން ރައީސް އޮފީހަށް އެންގީ އީމެއިލް އަކުންނެވެ. އެކަމަކު އެ ކޮމިޝަނުގެ ގާނޫނުގެ 15 ވަނަ މާއްދާގެ (ހ) ގައި ބުނަނީ އޭސީސީގެ މެމްބަރަކު، އެ ކޮމިޝަނުގެ މެމްބަރުކަމުން އިސްތިއުފާދޭން ބޭނުންވެއްޖެ ނަމަ އެކަން ބަޔާންކޮށް ރައީސް އަށް ހުށަހަޅަން ޖެހޭނީ ސިޓީއެއް ކަމަށެވެ.

ލުތުފީ އޭސީސީގެ މެމްބަރުކަމުން އިސްތިއުފާދޭން ފޮނުވި އީމެއިލް ބަލައިނުގަތުމަށް ރައީސް އޮފީހުން ނިންމީ އެ އުސޫލާ ހިލާފަށް އޭނާ އިސްތިއުފާ ހުށަހެޅުމުން ކަމަށް ވެއެވެ. ނަމަވެސް މިކަމާއި ގުޅޭގޮތުން ރައީސް އޮފީހުން ރަސްމީކޮށް އެއްވެސް އެއްޗެއް މިހާތަނަށް ބުނެފައެއް ނުވެ އެވެ.

އީމެއިލް މެދުވެރިކޮށް ލުތުފީ އިސްތިއުފާ ދިން ކަން ރައީސް އޮފީހަށް އެންގި އިރު، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ވަނީ އޭނާ މަގާމުން ވަކިކުރަން ނިންމަފައިފަ އެވެ. އަދި އެކަމާ މެދު ގޮތެއް ނިންމަން މަޖިލީހުގެ ތަޅުމަށް ފޮނުވަން ވެސް ނިންމާފައި ވެއެވެ.

މިދިޔަ ހަފްތާގެ ތެރޭގައި އެ ކޮމިޓީގެ ބައްދަލުވުމަށް އޭސީސީ މެމްބަރުން ހާޒިރު ކުރި އެވެ. އެކަމަކު އެ ބައްދަލުވުމަށް ވެސް ލުތުފީ ހާޒިރެއް ނުވެ އެވެ. އަދި އެ ކޮމިޝަނުގެ މެމްބަރުން ވަނީ ލުތުފީ އެންމެ ފަހުން އޮފީހަށް ނިކުމެފައިވަނީ ފެބްރުއަރީ ހަ ވަނަ ދުވަހު ކަމަށް ބުނެފަ އެވެ. އޭގެ އިތުރުން 14 އޭޕްރީލާ ހަމައަށް ޗުއްޓީގައި ހުންނެވުމަށް ފަހު، ޗުއްޓީ ހަމަވި ފަހުން ވެސް ހަބަރެއް ނުވާކަން އެ ކޮމިޝަނުގެ މެމްބަރުން އެ ކޮމިޓީގައި ވަނީ ފާހަގަ ކޮށްފަ އެވެ.

ރަސްމީ މަސައްކަތަށް ނުނިކުމެ ހުންނަތާ އެތައް މަހެއް ފާއިތުވެގެން ދިޔައިރު، އެ މަސްތަކުގައި ވެސް ލުތުފީ ވަނީ ބަރާބަރަށް މުސާރަ ނަގާފައި ކަމަށް ވެސް އެ ކޮމިޝަނުގެ މެމްބަރުން ވިދާޅުވެ އެވެ.
ހިޔާލު

އިއްސޭ

މިއީ ޔާމީނުގެ އެޖެންޓެއް...އެމްއެން ޕީއާރުސީގެ އެފަރާތް ތކަށް ނެުމަށް މަގުފަހި ކޮއްދިން މީހާ