Raees ge dhe kanbalun Singapore ge National Orchid Garden ah ziyaaraaiy kurahvaifi
image
ރައީސްގެ ދެކަނބަލުން ސިންގަޕޫރުގެ ނޭޝަނަލް އޯކިޑް ގާޑެންގައި-- ފޮޓޯ: ޕީއެސްއެމް ނިއުސް
0 ކޮމެންޓް
 

ރައީސްގެ ދެކަނބަލުން ސިންގަޕޫރުގެ އޯކިޑް ގާޑެންއަށް ވަޑައިގެންފި

މިހާރު ސިންގަޕޫރަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ސިންގަޕޫރުގެ އޯކިޑު ގާޑަން އަށް ޒިޔާރަތް ކުރައްވައިފި އެވެ.
އެތަނަކީ ތަފާތު އެކި ބާވަތްތަކުގެ މާމެލާމެލީގެ ބަގީޗާތައް އެކުލެވޭ ތަނެކެވެ. އެއީ ސިންގަޕޫރަށްދާ ފަތުރުވެރިންގެ މެދުގައި ވެސް މަގްބޫލު ތަނެކެވެ.

ރައީސްގެ ދެ ކަނބަލުން އެތަނަށް ޒިޔާރާތްކުރެއްވުމުން ސިންގަޕޫރުގެ ސްޓޭޓް މިނިސްޓާ ފޯ ޑިފެންސް ޑރ. މާލިކީ އުސްމާން ވަނީ އެތަނުން މަރުހަބާ ދަންނަވާފަ އެވެ.

ފޮޓޯ: ޕީއެސްއެމް

ެއެ ބަގީޗާ ބައްލަވާލައްވާ ރައީސްގެ ދެކަނބަލުން ވަނީ އެތަނުގައި އޮންނަ މެހެމާނުން ސޮއި ކުރައްވާ ފޮތުގައި ސޮއި ވެސް ކުރައްވާފަ އެވެ.

އޭގެ އިތުރުން ރައީސްގެ ދެކަނބަލުން ވަނީ ސިންގަޕޫރުގެ "ޕުލާއޯ ސެމަކާއޯ ލޭންޑްފިލް" އަށް ވެސް ޒިޔާރާތްކުރައްވާފަ އެވެ. އެތަނުން ސިންގަޕޫރުގެ ނޭޝަނަލް އެންވަޔަރަމަންޓް އެޖެންސީގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސާ އަދްނާން ރާމް ބަސްކާ ރައީސްގެ ދެކަނބަލުންނަށް މަރުހަބާ ދެންނެވިއިރު އެތަނަކީ ސިންގަޕޫރުގައި ހުރި ހަމައެކަނި ލޭންޑްފިލް އެވެ.

ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ކުނި ނައްތާލެވޭނެ ނިޒާމެއް ގާއިމުކޮށްފައިވާ އެތަނަށް ރައީސް ސޯލިހު ޒިޔާރާތްކުރެއްވީ ސިންގަޕޫރުގައި ކުނި މެނޭޖްކުރާ ގޮތް ބައްލަވާލައްވައި އެކަމާއި ގުޅޭ މައުލޫމާތު އޮޅުންފިލުވުމަށެވެ.


ސިންގަޕޫރުގެ ގުޅިފައިވާ ސިޓީތަކާއި ވަކިން އޮންނަ ސެމަކާއޯ ލޭންޑްފިލްއަކީ ތިމާވެށްޓާ ރަށްޓެހި ގޮތަށް ގާއިމުކޮށްފައިވާ ރަށެކެވެ. އެގޮތުން މަސްމަހާއި މެހި ދިރުވާ އާލާކުރުމުގެ މަސައްކަތް ވެސް އެތަނުގައި ކުރެއެވެ.

ރައީސްގެ ދެ ކަނބަލުންނާއެކު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. އަބްދުﷲ މައުސޫމް ވެސް ވަނީ އެތަންތަނަށް ޒިޔާރާތް ކުރައްވާފަ އެވެ.
ހިޔާލު