Vaahaka: Keiytherikamuge..
image
ވާހަކަ: ކެތްތެރިކަމުގެ...
ފަތުހުﷲ އަހުމަދު
2 ކޮމެންޓް
 

ވާހަކަ: ކެތްތެރިކަމުގެ...

މަންޒަރުގެ ހަރަކާތްތައް ވަނީ ލަސްވެފައެވެ. ގަސްގަހުގެ ފަތްތަކުގައި ބީހެމުންދާ ވައި ރޯޅިތައް ވެސް ފަތްތަކާ ސަމާސާ ކުރާނީއެވެ. ވައިރޯޅިތައް ވެސް ފަތްތަކުގައި ބީހިލުމަށް ފަހު މަޑު ޖެހެނީއެވެ. ފަތްތަކާ ދުރަށްދާން ބޭނުން ނުވަނީއެވެ. މުޅި ތަނުގައި އެއްވަސް ވެފައިވަނީ އިރުދޭމަލުގެ ތާޒާ ވަހެވެ. ފެހިކަން ގަދަ އެ ބަގީޗާގައި ފަރިވެ ފޮޅެމުންދާ މައުތަކުގެ ވަހެވެ. ނޭވާ އެތެރެއަށް ދަމާލައިފި ނަމަ ސިކުނޑީގެ ތެރެއަށް ވަދެގެންދަނީ އެ ވަހެވެ. އިރުދޭމަލުގެ މީރު ވަހެވެ. މުޅި ގޯތިތެރޭގައި ރަނިކަން ކުރަމުންދަނީ އިރުދޭމާ ގަސްތަކެވެ. ގެއަށް ވަންނަން އޮތް ހިނގާރީގެ ދެފަރާތުގައެވެ. ގޭގެ ދޮރޯށި މަތީގައެވެ.
ކުއްލިއަކަށް ގޭގެ މައިދޮރު ބޭރަށް ހުޅުވާލިއެވެ. ހުދުކުލައިގެ ބޫޓެއް ފެނުނެވެ. ދެތިން ފިޔަވަޅު ކުރިއަށް އެޅިއެވެ. ފެންނަމުން ދިޔައީ ހުދުކުލައިގެ އާދައިގެ ބޫޓެކެވެ. ފިޔަވަޅުތައް ހުއްޓުނެވެ. ފައިކައިރީގައި ރަތްކުލައިގެ ފޮށްޓެއް ބެހެއްޓިއެވެ. އާދައިގެ ކުޑަކުޑަ ފޮށްޓެކެވެ. ދަތުރުފޮށްޓެކެވެ. އެއާއެކު ފަހަތުން ފެންނަމުން ދިޔައީ ފިރިހެނެއްގެ ބޫޓުގެ ކުރިއެވެ. އަވަސް ފިޔަވަޅުތަކެއްގެ ފަހުން ކަޅުކުލައިގެ އެ ބޫޓުގެ ފިޔަވަޅުތައް ވެސް ހުއްޓުނެވެ. ހުދުކުލައިގެ ބޫޓު ކައިރިއަށެވެ.

އެއީ އުމަރާއި އަނީއެވެ. އުމަރަކީ އަނީގެ އަލަތު ފިރިމީހާއެވެ. އުމަރުގެ ހިތް ދެވުނީ އަނީއަކަށް ނޫނެވެ. އެކަން އަނީއަށް އަރަތަކަށް ނުވެއެވެ. ހާލަތު ބަދަލުވީމައެވެ. އެއާއެކު ޒަމާނުގެ ފުރޮޅުން އުމަރުގެ ސިކުނޑި ވެސް ދޮވެލީމައެވެ. ނަމަވެސް، އަނީވަނީ އުމުރުގެ ހިތް އަތުލައިފައެވެ. އަނީ އެ ގެޔަށް ގެނައީ އުމަރު ބޭނުންވެގެންނެވެ. އަނީ ވެސް ބޭނުން ވެގެންނެވެ. ރަސްމީ ގޮތުގައެވެ. އެ ގެޔަކީ އަނީއަށް ޓަކައި އުމަރު ބިނާކުރި ލޯބީގެ ތާޖުމަހަލެވެ. އެއީ އުމަރުގެ ނިޝާތު ބާޣެވެ. އަނީގެ ޕެރިސްޓަވަރެވެ. އުމަރު ބޭނުންވީ އޭނާގެ ހަނދަކީ އަނީގެ އުނގުކަމުގައި ހެދުމަށެވެ. އަނީގެ މޯހިރުން އަބަދުމެ ފެންވަރާށެވެ. އަނީ ބޭނުންވީ އެ ލޯބީގެ ހުކުކޮޅު ވިދުވާށެވެ.

އެ ދެ މަފިރިން އެ ގޭގައި އުޅޭތާ ދިހަ އަހަރު ފުރި އެގާރަވަނަ އަހަރަށް ގުނަން ފެށީ އިއްޔެއެވެ. ދިހަ އަހަރު ވަންދެން ކައިވެނިވީ ދުވަސް ފާހަގަކުރެއެވެ. ކޭކު ފަޅައެވެ. ނަފުސީ ނަގައެވެ. އެކަމަކު އެގާރަވަނަ އަހަރީ ދުވަސް ފުންމާލީ މުސީބާތުގެ ކުއްތާއެއް ފަދައިންނެވެ. އިންޒާރު ދީފައިވަނިކޮށް އެރި ސުނާމީއެއް ފަދައިންނެވެ. ސުނާމީ އުފެދުނީ ހިތުގެ ތެރެއަށް އައި ހެލުން ވަރަކުންނެވެ. އެކަންވީ އިއްޔެއެވެ. އޭގެ ފަހުން ކުދިކުދި ހެލުންތައް ކެނޑިނޭޅި އަންނަމުންދާތާ ސައުވީސް ގަޑިއިރުވަނީއެވެ.

މި އަހަރު އެ މީހުން ކައިވެނީގެ އަހަރީ ދުވަހެއް ނުބާއްވައެވެ. މާ ބޮނޑިއެއް ނުދެއެވެ. ކޭކެއް ނުފަޅައެވެ. ނަފުސީއެއް ނުނަގައެވެ. އެ މީހުންގެ ވިސްނުން ހުރީ އެހެން ކަމެއްގައެވެ. ދެ ސިކުނޑީގައި ވެސް ޖަހަމުން ދިޔައީ ދެ ރާޅެވެ. އެއްރާޅު އައްސޭރި ފަށަށް ބީއްސަނީއެވެ. އަނެއް ރާޅު ދަތުރު ކުރަނީ ކަނޑުއޮޅި ހުރަސްކޮށެވެ. ސީދާ މާ ކަނޑަށެވެ.
އުމަރު ބަލައިލީ އަނީގެ ލޮލަށެވެ. އަނީއަށް ވެސް ބަލައިލެވުނީ ސީދާ އުމަރުގެ ލޮލަށެވެ. އެއާއެކު ދެ މީހުންނަށް ކުރެވުނީ އެއް ޚިޔާލެކެވެ. އެއް އިހްސާސެކެވެ. ހަނދާނުގެ ތަސްވީރު ފޮތުގެ ސަފުހާތައް އުކި ގަތެވެ. މުޅި ފޮތުގައި ހުރި ފޮޓޯތައް މައްޗަށް އަރަމުން ދިޔައެވެ. ފަހަރަކު ފޮޓޯއެކެވެ. ކޮލެޖުގައި ކިޔަވަން އުޅުނު ދުވަސްތަކުގެ ހަނދާނީ މަންޒަރުތަކެވެ. އެ އުފާވެރި އިހުސާސްތަކެވެ. މާލޭގެ ހަލަބޮލި މަގުތަކުގެ މަންޒަރުތަކެވެ. ހުޅުމާލޭގެ ހިތްފަހި އަތިރި މައްޗެވެ. ދާލަންމަތީގައި ހިނގައިލެވުނު ދުވަހެވެ. ދުބާއީގެ ޓަވަރެވެ. އެތަނުގައި ނެގުނު ފޮޓޯތަކެވެ. އެންމެ ފަހުން މައްކާގެ ހަރަމްފުޅެވެ. ހައްޖު ހެދުމެވެ. އިހުރާމެވެ.

ކުއްލިއަކަށް އަނީ އިސްޖަހައިލިއެވެ. އޭނާ ބޭނުންވީ ލޮލަށް ގިނަވަމުން ދިޔަ ކަރުނަތައް އުމަރަށް ސިއްރުކުރާށެވެ. އަނީ މަޑުމަޑުން އުމަރުގެ ދެ އަތުގައި ހިފައިލިއެވެ. އަނެއްކާ ވެސް އުމަރުގެ މޫނަށް ބަލައިލިއެވެ. އުމަރުގެ މޫނުމަތީން ފެންނަމުން ދަނީ ހިތާމައިގެ އަސަރުތަކެވެ. ގޮތް ހުސްވެފައިވާ ކަމުގެ ނިޝާންތަކެވެ. އުމަރު ބަލައިލީ އަނީގެ މޫނަށެވެ. އާދޭހާއެކު ކަމަކަށް އެދޭ ފަދައިންނެވެ. ތިޔަ ނިންމުން ބަދަލު ކުރާށޭ ބުނާފަދަ ގޮތަކަށެވެ.

އަނީ، އުމަރުގެ އަތްތިލައިގައި ހިފައިލަމުން އުމަރުގެ އަތްތިލަ ހުޅުވާލިއެވެ. އުމަރުގެ ކަނާއަތުގެ މެދުގައި އަނީގެ ހިމަ އިނގިލިތައް ޖައްސައިލިއެވެ. އަނީ މަޑުމަޑުން އުމަރުގެ އަތުގެ ހުދުހަމުގައި އޭނާގެ ހިމަ ހޯލި އިނގިލިތަކުން ފިރުމައިލިއެވެ. އެއަށްފަހު، އުމަރުގެ އަތުގެ މެދުގައި އެއްޗެއް ބާއްވާލަމުން އުމަރުގެ މުށް ބަންދުކޮށްލިއެވެ.

އުމަރު އަތް ހިއްލައިލިއެވެ. މަޑުމަޑުން މުށް ހުޅުވާލިއެވެ. އެއާއެކު އުމަރުގެ ދެ ލޯ ބޮޑުވެގެން ދިޔައެވެ. ހީވީ އުމަރު ހުއްޓުނުހެންނެވެ. މުޅި މީހާގެ ނޭވާ ހުއްޓި ގަނޑުވި ކަހަލައެވެ. އެސްފިޔަ ޖަހައި ވެސް ނުލައި އޭނާ ބަލަން ހުރީ އަތުގައި އޮތް އަނގޮޓިއަށެވެ. އެއީ އޭނާ އަނީއަށް ދިން ހަދިޔާއެވެ. އޭނާގެ ލޯބީގެ ރަމުޒެވެ. ހިތުގެ ނަކަލެވެ.

އަނީގެ އުމަރަށް ފުރަގަސްދީ އެނބުރިލިއެވެ. ކައިރީގައި ހުރި ފޮށީގެ އަތްގަނޑުގައި ހިފައިލިއެވެ. ލަސް ފިޔަވަޅުތަކަކާއެކު އޭނާ ހިނގައި ގަތެވެ. ހިނގާރިގައި އަތުރާފައިވާ ގާތަކުގެ މަތީގައި މަޑުމަޑުން ދަބަސް ދަމަމުންނެވެ. އުމަރު އަތް ހިއްލައިލެވުނެވެ. އޭނާއަށް އިތުރު ހަރަކާތެއް ކުރެވޭވަރެއް ނުވިއެވެ. ކަޅި ޖަހައިނުލައި ބަލަން ހުރެވުނީ އަނީގެ ފިޔަވަޅު ތަކަށެވެ.

އުމަރުގެ ދެ ލޯ ކަރުނުން ފުރެމުން ދިޔައެވެ. އޭނާގެ ލޮލަށް ޖަމާވަމުންދާ ކަރުނަތައް ކޯތާފަތް ހުރަސްކުރަމުން ދިޔައެވެ. ތުނިކޮށް ކޮށައި އެއްވަރުކޮށްފައިވާ ތުނބުޅީގެ ތެރެއަށް ރޮނގުތަކެއް ސިފައިގައި ކަރުނަތައް ފޭދެމުން ދިޔައެވެ.

އަނެއްކާ ވެސް ހަނދާނުގެ ސަފުހާތައް އުކެން ފެށިއެވެ. ދެތިން ދުވަސްކުރިން އަނީ ދެއްކި ވާހަކަތަކެވެ. ޑޮކުޓަރަށް ގޮސް ދެމީހުން ހެދި ޓެސްޓުތަކެވެ. ދުވަހަކު ވެސް އަނީއަށް ކުއްޖަކު ނުލިބޭނެ ކަމަށް ޓެސްޓުތަކުން ދެއްކި ކަމެވެ. އެއާއެކު އޭނާގެ މޫނު މަތީގައި އެ ކަރުދާސްތައް އުދުހިގަތެވެ. މުޅިތަނުގައި އެ ކަރުދާސްތައް އުދުހެމުން ދިޔަ ހަނދާންތައް އާވަމުން ދިޔައެވެ. އަނީއަށް ލިބުނު ކުއްލި ޚަބަރުން އޭނާ މާޔޫސްނުވި މަންޒަރުން ސުވާލުގެ ފައްވާރާއެއް ބޯ މައްޗަށް ވެއްޓުނުކަމުގެ އިހުސާސް އުމަރަށް ކުރެވުނެވެ.

"އަހަރެން ދެރަ ވެގެން އިތުރަށް ކުރާނެ ކަމެއް ނޯންނާނެ. އަހަންނަކީ މައު ނާޅާ ގަހެއް. އެކަން އަހަންނަށް އެނގުނުތާ އެތައް ޒަމާނެއް. އެކަމާ އަހަރެން ދެރަވުމަކުން އަހަންނަށް ލިބޭނެ މޮޅެއް ނެތް،" އަނީގެ ޖުމުލަތަކުން މުޅިތަން ގުގުމަމުން ދިޔައެވެ. "އަހަންނަށް އޮތީ އެއްމެ ގޮތެއް. އެގޮތް އަހަރެން ހަނދަން ބޭނުން."

އުމަރުގެ ކަންފަތުގައި އަތްއަޅައިލިއެވެ. މުޅި މީހާ ތުރުތުރު އަޅައިގަތެވެ. އެއާއެކު ބާރުބާރަށް އަނީއަށް ގޮވާލިއެވެ. ލިބުނު ކުއްލި ސިހުމާއެކު އަނީއަށް ބަލައިލެވުނެވެ. އޭރު އުމަރު ބޮލުގައި އަތްއަޅައިގެން ބިންމައްޗަށް ތިރިވަނީއެވެ. މުޅިމީހާ ތުރުތުރު އަޅަމުންނެވެ.

އަނީއަށް މަންޒަރު ބަލާކަށް މަޑެއް ނުކުރެވުނެވެ. ދެ ފިޔަވަޅު އެއްކޮށްލަމުން އުމަރާ ހަމައަށް އައެވެ. އުމަރުގެ ގައިގައި ހިފަހައްޓައިލިއެވެ. އެއާއެކު އޭނާ މަންމައަށް ގޮވާލިއެވެ. ބާރުބާރަށެވެ. ގޭތެރެއިން އުމަރުގެ މަންމައާއި ބައްޕަ ނުކުތެވެ. ވާނުވާ ބޯޑު އަޅުވައިގެންނެވެ. ދެ ލޯ ނިތްމަތީ ހަރުކޮށްގެންނެވެ.

އުމަރަށް ލޯ ހުޅުވާލެވުނެވެ. އޭރު އޭނާ އޮތީ ގޭގެ ބޮޑު ކޮޓަރީގައެވެ. މަންމައާއި ބައްޕަގެ މޫނަށް އޭނާ ބަލައިލިއެވެ. އެއާއެކު މައުސޫމު ގޮތަކަށް އަނީގެ މޫނަށް ބަލައިލިއެވެ. އަނީގެ މޫނުން އޭނާއަށް ފެނުނީ މާޔޫސްކަމުގެ އަސަރުތަކެވެ. ހިތާމައިގެ ކުލަވަރެވެ. އުމަރު ގާތަށް ހިނި އަޔެވެ. އޭނާ ބާރުބާރަށް ހޭން ފެށިއެވެ.

އުމަރުގެ މަންމައާއި ބައްޕަ ވެސް ހައިރާން ކަމާއެކު ބަލަން ތިއްބެވެ.

"ދަރިފުޅާ އުމަރޫ. ދަރިފުޅާ ކިހިނެއްތަ ވީ؟" އުމަރުގެ މަންމަ، ނަފީސާ ރޯން ފެށިއެވެ.

އުމަރުގެ ހުއްޓައިލިއެވެ. މަޑުމަޑުން އޭނާ އެނދުން ތެދުވެ އިށީނެވެ. އަނެއްކާ ވެސް ބަލައިލީ އަނީގެ މޫނަށެވެ.

"އަހަރެން އެކްޓްކުރަން މޮޅު ދޯ. ފިލުމެއް ކުޅެލެވިދާނެ ދޯ. އަނީ ދާތީ އަހަރެން ކުޅުނު ޑުރާމަގައި އެންމެން ޖެހުނީ. އަހަންނަށް އަޑު އިވުނޭ މަންމަމެން ދެއްކި ވާހަކަތައް ވެސް،" އުމަރު ހީލިއެވެ. "އަހަރެން ބޭނުންވީ އަނީއަށް ނުދެވޭނެ ގޮތެއް ހެދުން."

"އެއްވެސް މަޖަލެއް ނޫން" ނަފީސާ ތުން އަނބުރައިލިއެވެ.

"ދެން އަހަރެން ދަނީ" އަނީ ވެސް ބަލަން ހުރެފައި ބުނެލިއެވެ.

"އަނީ ޕްލީސް ނުދޭ. އަހަރެން އެކަނި ކޮށްފަ ނުދޭ. އަހަރެން ވަރަށް އެކަނި ވެރިވާނެ. އާދޭސްކުރަން. އަހަންނަށް ތިހެން ނުހަދާ. ޕްލީޒް. ޕްލީ...،" އުމަރު އާދޭސްކުރަން ފެށިއެވެ. "އަހަންގެ އެއްވެސް ޝަކުވާއެއް ނެތް. އަހަރުމެންގެ ކައިވެނީގެ މޭވާ ނުލިބުމަކުން އަހަރެން ދެރައެއް ނުވަން. ދުނިޔޭގައި ހުންނަ ހުރިހާ ގަހެއްގައި މަލެއް ނާޅާނެ. އެއީ މައްސަލައެއް ނޫން. އަދި ވަގުތު ޖެހުނީމަ އަހަރުމެންނަށް ކުދީން ވެސް ލިބޭނެ. ޑޮކުޓަރު ބުންޏެއްނު އުއްމީދު ކަނޑައިނުލާށޭ. ޑޮކުޓަރުގެ ރިޕޯޓު ކޮންމެ ގޮތަކަށް އޮތަސް ވަގުތު ޖެހުނީމަ ވާންވީ ކަމެއްވާނޭ. އަނީ! ޕްލީޒް އަދި މަޑުކޮށްލަދީ. އަދި ތިން މަހަށް ބަލަންވީނު. އަނެއް ދުވަހު އެއްނު ހައްޖުން މިއައީ ވެސް."

އަނީ އަތުގައި އޮތް އަތްދަބަސް ހާވާން ފެށިއެވެ. އެ އަތްދަބަހުން އޭނާ ގަނޑުތަކެއް ނެގިއެވެ. އެ ގަނޑުތައް އުމަރުގެ އަތަށް ދިއްކޮށްލިއެވެ.

"މި ކޮން ކަމެއް؟" އުމަރު ހައިރާންކަމާއެކު ސުވާލުކޮށްލިއެވެ.

"ތި އެންމެ ފަހުގެ ނިންމުން. އުއްމީދު ކުރަން ވަރަށް އިޚްތިރާމާއެކު ބަލައިގަންނާނެ ކަމަށް" އަނީ ލުއި ގޮތަކަށް ހިނިތުންވެލިއެވެ.

އުމަރު ގަނޑުތައް ބަލަން ފެށިއެވެ. އޭނާ މޫނު މައްޗަށް ވެރިވަމުން ދިޔައީ އުފާވެރިކަމުގެ އިހުސާސެކެވެ.

"ހުވާ. މި އަސްލެއްތަ؟ ގަބޫލެއް ނުކުރެވޭ!" އުމަރު އުފަލުން ބުނެލިއެވެ.

"އާން. ގަބޫލު ނުކުރާނެތީ 3 ޑޮކުޓަރުންނަށް ދެއްކީ. އުމަރާ ސިއްރުން ކުރިކަމަކީ މީ. ހުރިހާ ޓެސްޓަކުން ދެއްކީ އެއް ނަތީޖާއެއް. އަހަންނަށް ޝައްކުވެގެން މި ޗެކު ކުރީ ވެސް. މަންމައަށް ވެސް މިކަން އެނގޭނެދޯ މަންމާ" އުމަރު އަތުގައި އޮތް އިތުރު ދެ ގަނޑު އަނީއަށް ދިއްކޮށްލިއެވެ.

އުމަރު ކޮޅަށް ތެދުވިއެވެ. އޭނާ އުފަލުން ނަށަން ފެށިއެވެ.

"ކޮބާ ހީވޭ. މަބުނީމެއްނު. ކޮންމެ ގަހެއްގައި ވެސް ކޮންމެ ވެސް ދުވަހަކުން މައު އަޅާނޭ. ކަންކަން ކުރާންވާ ތަރުތީބުން ކަންކަން ކުރުމުން އެކަލާނގެ ހުރިހާ ކަމެއް ބަދަލުކޮށްދެއްވާނެ،" އުމަރު އަނީގެ ގައިގައި ބައްދާލިއެވެ. "ބައެއް ކަންކަމަކީ އިމްތިހާނު. ދަންނަވަންވީ ފަރާތުގައި ދަންނަވަން ޖެހޭ ގޮތަށް ދަންނަވާތޯ ބެއްލެވުމަށް ބައެއް ކަންކަން އެކަލާނގެ ވަނީ ހިފަހައްޓަވައިފަ. އަދި ބައެއް ފަހަރު އެއީ އިބްރަތަކަށް ފުދޭނެ."

"ތި ދައްކަނީ ކޮން ވާހަކައެއްތަ؟" ނަފީސާ ސުވާލުކޮށްލިއެވެ.

މިދައްކަނީ މަންމަ މާމައަކަށް ވާން އުޅޭ ކަހަލަ،" އުމަރު ހެމުން ބުނެލިއެވެ. "އާނ މަންމާ، އެ ވެސް އެއްފަހަރާ މާމަ ދެ ދަރީން. ކިހައި އުފާވެރި. އަލްހަމްދުﷲ"

"އަލްހަމްދުﷲ، ކެތްތެރިކަމުގެ މޭވާ ފޮނިވާނޭ މީހުން ބުނަނީ ރަނގަޅަށް" ނަފީސާ ހިނިތުންވެލިއެވެ.

(ނިމުނީ)
ހިޔާލު

ސައްލެ

ސަޅި

އާދަން

ހީވީ ހަމަ ލޮލަށް ފެންނަހެން... ސިފަކުރުން ހަބޭސް...