MMPRC Corruption: MMA inn ihumaalu vumun Athif Shakoorah dhauvaa kuran fonuvaifi
image
މަރުކަޒީ ބޭންކުގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ) ގެ ކުރީގެ ވެރިޔާ އިބްރާހިމް އާތިފް ޝަކޫރު-- ފޮޓޯ: ވަން އޮންލައިން
0 ކޮމެންޓް
 

އެމްއެމްޕީއާރްސީ ކޮރަޕްޝަން: އެމްއެމްއޭ އިން އިހުމާލުވުމުން އާތިފަށް ދައުވާ ކުރަން ފޮނުވައިފި

ރާއްޖޭގެ ތާރީހުގައި މިހާތަނަށް ހިނގި އެންމެ ބޮޑު ކޮރަޕްޝަން މައްސަލާގައި މަނީ ލޯންޑަރިންގެ ކަންތައްތަކެއް ހިނގަމުންދިޔައިރު އެކަން ހުއްޓުވުމަށް އިހުމާލުވެފައި ވާތީ މަރުކަޒީ ބޭންކުގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ) ގެ އޭރުގެ ވެރިޔާ އިބްރާހިމް އާތިފް ޝަކޫރަށް ކޮރަޕްޝަނުގެ ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.
އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ވަނީ އެ މައްސަލައިގެ ތަހުގީގީ ރިޕޯޓު އާއްމުކޮށްފަ އެވެ. އެ މައްސަލައަކީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ދައުލަތުގެ ބަޖެޓަށް ވަންނަން ޖެހޭ ފައިސާ، އެސްއޯއެފް ނަމަކަށް ކިޔާ އަމިއްލަ ކުންފުންޏެއްގެ އެކައުންޓުތަކަށް ޖަމާވުމުން، އެކަމުގައި މަނީ ލޯންޑަރިން ހިމެނޭ ކަމަށް ބެލެވުނު މައްސަލަ އެވެ.

މިއަދު އޭސީސީން އާއްމުކުރި ރިޕޯޓުގައި ބުނީ އާތިފާ ދެކޮޅަށް ދައުވާ ކުރަން ފޮނުވީ ދައުލަތުގެ ފައިސާ އިން މަނީ ލޯންޑަރިންގެ އަމަލު ކުރަމުން ދިޔަކަން އެފްއައިޔޫ އިން ކުރި ތަހުގީގުން އެނގެން އޮތް ނަމަވެސް އެކަން ފުލުހުންނަށް ހުށަހަޅާފައި ނުވާތީ އެވެ.

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާ ގާތް ގުޅުމެއް އޮންނަ ބަޔަކު ހިންގި އެސްއޯއެފަށް 59 މިލިއަން ރުފިޔާގެ ޗެކެއް ޖަމާކުރުމުން، ޝައްކު އުފެދި، އެފްއައިޔޫގެ ސަމާލުކަމަށް އެކަން ގެނަ އެވެ. އަދި ޝައްކު އުފެދުނު އެކި މުއާމަލާތްތަކުގެ ތަފްސީލް ވެސް އެފްއައިޔޫ އަށް ފޮނުވި އެވެ. އެކަން އެފްއައިޔޫ އަށް ހުށަހެޅީ އޭސީސީގެ ފަރާތުންނެވެ.

އޭސީސީން ފޮނުވި މައުލޫމާތަށް ބިނާކޮށް އެފްއައިޔޫ އިން ވެސް ވަނީ ޝައްކު ކުރެވުނު ކަންކަން ބެލުމަށްފަހު ރިޕޯޓެއް ނެރިފަ އެވެ. އޭގައި ވަނީ ޖުލައި 2014 އިން ފެށިގެން އެސްއޯއެފުން އެކި ބޭންކުތަކުގައި ހުޅުވި އެކައުންޓުތަކަށް އެމްއެމްޕީއާރްސީގެ އެތައް މިލިއަން ޑޮލަރެއް ވަދެފައިވާކަން އެނގެން އޮންނަ ކަމަށެވެ.

އެ މުއާމަލާތުތަކަކީ މަނީ ލޯންޑަރިންގެ އަމަލުތައްކަން ސާފުކޮށް އެނގެން އޮތްއިރު ވެސް އެފްއައިޔޫގެ އޭރުގެ ވެރިޔާ އާތިފް، އެކަން ފުލުހުންނަށް އަންގާފައެއް ނުވެ އެވެ. އޭސީސީގެ ތަހުގީގީ ރިޕޯޓުގައިވާ ގޮތުން އާތިފް ވަނީ އެފްއައިޔޫގެ ރިޕޯޓު ފުލުހުންނަށް ފޮނުވަން ޖެހޭ ކަމަށް އެއްބަސްވެވަޑައިގެންފަ އެވެ. އެކަމަކު އެކަމެއް ނުކުރައްވަ އެވެ.

އޭގެ އިތުރުން އޭސީސީ އަށް ދެއްވި ބަޔާނުގައި އާތިފް ވިދާޅުވީ އެ މައްސަލާގައި ހިމެނޭ ފައިސާތައް ވަންނަމުންދާ އެކައުންޓުތައް އެފްއައިޔޫގެ ރިޕޯޓުން އެނގެން އޮތުމުން، އެކަން އިތުރަށް ބަލަން ޖެހޭ ކަމަށް އޭރުގެ ގަވަރުނަރު އައިޝަތު އަޒީމާ އަށް އެންގެވި ކަމަށެވެ. އެކަމަކު އަޒީމާ ވަނީ އެކަން ފުލުހުންނަށް ރިޕޯޓު ކުރަން ދެކޮޅު ހައްދަވާފައި ކަމަށް އޭނާ ވިދާޅުވި އެވެ.

އަޒީމާ ވަނީ އެވާހަކަ ދޮގު ކުރައްވާފަ އެވެ. އަޒީމާ ވިދާޅުވެފައި ވަނީ އެފްއައިޔޫ ރިޕޯޓުން ފާހަގަކުރެވުނު ކަންކަން ރަނގަޅަށް ދިރާސާ ކުރަން ޖެހޭނެ ކަމަށް އާތިފަށް ދެންނެވި ކަމަށެވެ.

އެހެންކަމުން އޭސީސީން އެމައްސަލަ ތަހުގީގު ކުރުމަށްފަހު ނިންމީ އެކަމުގައި ކޮރަޕްޝަން އެކުލެވޭ ކަމަށެވެ. އަދި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާ އާތިފުގެ މައްޗަށް ކުރުމަށް އެދި ވަނީ ޕީޖީ އޮފީހަށް ފޮނުވާފަ އެވެ.
ހިޔާލު