MMPRC Corruption: "Baaruga thibi emmenah ekankan engeyne"
image
މަރުކަޒީ ބޭންކުގެ ފައިނޭންޝަލް އިންވެސްޓިގޭޝަން ޔުނިޓު (އެފްއައިޔޫ) ގެ ކުރީގެ ވެރިޔާ އާތިފް ޝަކޫރު-- ފޮޓޯ: ސަން
1 ކޮމެންޓް
 

އެމްއެމްޕީއާރްސީ ކޮރަޕްޝަން: "ބާރުގައި ތިބި އެންމެންނަށް އެކަންކަން އެނގޭނެ"

ރާއްޖޭގެ ތާރީހުގައި މިހާތަނަށް ހިނގި އެންމެ ބޮޑު ކޮރަޕްޝަނުގެ މައްސަލާގައި މަނީ ލޯންޑަރިންގެ އަމަލުތައް ހިންގަމުން ދިޔައިރު އޭރު "ބާރުގައި ތިބި ހުރިހާ އެންމެންނަށް ވެސް އެކަން އެނގިވަޑައިގަންނަވާނެ" ކަމަށް މަރުކަޒީ ބޭންކުގެ ފައިނޭންޝަލް އިންވެސްޓިގޭޝަން ޔުނިޓު (އެފްއައިޔޫ) ގެ ކުރީގެ ވެރިޔާ އާތިފް ޝަކޫރު ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ދައުލަތުގެ ބަޖެޓަށް ވަންނަން ޖެހޭ ފައިސާ، އެސްއޯއެފް ނަމަކަށް ކިޔާ އަމިއްލަ ކުންފުންޏެއްގެ އެކައުންޓުތަކަށް ޖަމާވަމުން ދިޔައިރު އެކަމުގައި މަނީ ލޯންޑަރިން ހިމެނޭ ކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ނިންމާފަ އެވެ.

އޭސީސީން އެކަން މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް އެންގުމުން އެތަނުގެ އެފްއައިޔޫ އިން އެކަން ބެލި އެވެ. އެފްއައިޔޫ އިން ދިރާސާ ކުރުމަށްފަހު ތައްޔާރު ކުރި ރިޕޯޓުގައި ވެސް ބުނެފައި ވަނީ 2014 އިން ފެށިގެން އެސްއޯއެފްގެ އެކައުންޓުތަކުން ހިނގި މުއާމަލާތްތަކާ މެދު ޝައްކު ކުރެވޭ ކަމަށެވެ.

އެއީ މަނީ ލޯންޑަރިން ކަމަށް ޝައްކު ކުރެވުނު ނަމަވެސް، އެފްއައިޔޫގެ އޭރުގެ ވެރިޔާ އާތިފް އެކަން ފުލުހުންނަށް ހުށަހަޅާފައެއް ނުވެ އެވެ. އެހެންކަމުން އޭސީސީން ކުރި ތަހުގީގަށްފަހު ނިންމާފައި ވަނީ އެމްއެމްއޭ އިން އިހުމާލުވުމުން އާތިފާ ދެކޮޅަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާށެވެ.

އެކަމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި އާތިފް ވިދާޅުވެފައި ވަނީ "ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް ގެ ވެރިޔާގެ ގޮތުގައި އަޅުގަނޑު ހޭދަ ކުރި ހަތް މަސް ދުވަހަށް ފުރިހަމަ އަށް ޖަވާބުދާރީވާން އަޅުގަނޑު މިހިރީ ތައްޔާރަށް" ކަމަށެވެ. އޭރު މަގާމުން އިސްތިއުފާ ދެއްވީ، ގާނޫނާ ހިލާފަށް ހިންގަމުން ދިޔަ ކަންކަން ހުއްޓުވުމުގެ ބާރު ނުލިބުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެކަން ފެށުނީ 2014 ގައި، އަދި 2018 ފެށުނު ފަހުން ވެސް ކުރިއަށް ދިޔަ. އަޅުގަނޑު އެފްއައިޔޫ ގައި ހުރީ ނޮވެމްބަރު 2014 އިން ޖޫން 2015 އަށް. ބާރުގައި ތިބި ހުރިހާ އެންމެންނަށް ވެސް އެކަންކަން އެނގޭނެ. އެކަންކަން ހުއްޓުވުމުގެ ބާރު އަޅުގަނޑުގެ އަތުގައި ނެތްކަން އެނގުމުން، އަޅުގަނޑު އެ ނިޒާމުން ބޭރުވެ، އެކަން ހުއްޓުވޭނެ ފަދަ ބޭފުޅަކަށް މަގާމު ދޫކޮށްލިން،" އާތިފް ވިދާޅުވި އެވެ.

މީގެ ކުރިން ވެސް އާތިފް ވަނީ އޭނާ އޭރު މަސައްކަތް ކުރެއްވި ގޮތް ދިފާއު ކުރައްވާފަ އެވެ. އެގޮތުން އޭސީސީގެ ތަހުގީގަށް ދެއްވި ބަޔާނުގައި އާތިފް ވިދާޅުވެފައި ވަނީ އެސްއޯއެފްގެ އެކައުންޓުތަކުން ޝައްކު ކުރެވޭ މުއާމަލާތްތަކެއް ފާހަގަކުރެވުނުއިރު، އެކަން ފުލުހުންނަށް ރިޕޯޓު ނުކުރެއްވީ އޭރުގެ ގަވަރުނަރު އައިޝަތު އަޒީމާ އެގޮތަށް އެންގެވުމުން ކަމަށެވެ.

އެކަމަކު އަޒީމާ ވެސް ވަނީ އެވާހަކަ ދޮގު ކުރައްވާފަ އެވެ. އަޒީމާ ވިދާޅުވެފައި ވަނީ އެފްއައިޔޫ ރިޕޯޓުން ފާހަގަކުރެވުނު ކަންކަން ރަނގަޅަށް ދިރާސާ ކުރަން ޖެހޭނެ ކަމަށް އާތިފަށް އޭނާ ދެންނެވި އެވެ. އެކަމާ ގުޅިގެން އޭސީސީގެ ތަހުގީގުން ނިންމާފައި ވަނީ އާތިފް ވިދާޅުވި ގޮތަށް އަމަލުކުރަން އަޒީމާ އެންގި ކަމުގެ އެއްވެސް ކިތާބީ ހެއްކެއް ނެތް ކަމަށެވެ.

އެހެންކަމުން އެފްއައިޔޫގެ ރިޕޯޓު ފުލުހުންނަށް ފޮނުވާފައި ނުވަނީ އަޒީމާ ވަކި ގޮތަކަށް އަންގަވައިގެން ނވަތަ ނުފޫޒު ފޯރުވައިގެން ކަމަށް ސާބިތު ކުރެވޭނެ އެއްވެސް ހެއްކެއް ނެތް ކަމަށް އޭސީސީގެ ތަހުގީގީ ރިޕޯޓުގައި ބުނެފައި ވެއެވެ. މަނީ ލޯންޑަރިންގެ މި ބޮޑު މައްސަލަ ފުލުހުން ވެސް ދަނީ ތަހުގީގު ކުރަމުންނެވެ.

ފަތުރުވެރިކަމުގެ ބޭނުމަށް ރާއްޖޭގެ ރަށްތަކާއި ރިސޯޓުތައް އެކި ފަރާތްތަކަށް ކުއްޔަށް ދޫކޮށްގެން އެމްއެމްޕީއާރްސީ އަށް ލިބުނު 1.3 ބިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓަށް ވަދެފައެއް ނުވެ އެވެ. އެ ހުރިހާ ފައިސާއެއް ވަދެފައި ވަނީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާ ގުޅުން އޮންނަ އެސްއޯއެފް ކުންފުނިން 2014 ވަނަ އަހަރަށް ފަހު ހުޅުވި އެކައުންޓުތަކަށެވެ.

އަދި އެސްއޯއެފްގެ އެކައުންޓުތަކުން އެ ފައިސާ ވަނީ އެކި ފަރާތްތަކުގެ އެކައުންޓުތަކަށް ޖަމާކޮށްފަ އެވެ. މިއަހަރުގެ ކުރީކޮޅު އޭސީސީން ވަނީ އެސްއޯއެފުން ފައިސާ ފޮނުވި 155 ފަރާތެއްގެ މައުލޫމާތު ވަނީ ހާމަކޮށްފަ އެވެ. އެކަމަކު އެ އެންމެންނަކީ މަނީ ލޯންޑަރިން ގައި ހިމެނޭ މީހުން ކަމަށް އޭސީސީން ނިންމާފައެއް ނުވެ އެވެ.

އެމްއެމްޕީއާރްސީގެ ކޮރަޕްޝަނުގެ މައްސަލަ އެންމެ ފުރަތަމަ ފެންމަތިވީ 2016 ވަނަ އަހަރު ނެރުނު އޮޑިޓް ރިޕޯޓަކަށް ފަހު އެވެ. އެ ރިޕޯޓުގައި ބުނެފައި ވަނީ އޭރުގެ ނައިބު ރައީސް އަދީބާއި އެހެން ބަޔަކު އެކުގައި ރަށްތަކާއި ފަޅުތައް ކުއްޔަށް ދީގެން ލިބުނު ފައިސާ އެހެން އެކައުންޓުތަކަށް ވަނީ ފޮނުވާފަ އެވެ.

އަދީބު ވިދާޅުވެފައި ވަނީ ހުރިހާ ކަމެއް ކޮށްފައި ވަނީ އޭރުގެ ރައީސް އަބްދުﷲ ޔާމީނު އެންގެވި ގޮތަށް ކަމަށެވެ. އޭގެ އިތުރުން އަލް ޖަޒީރާ އިން ގެނެސްދިން "ސްޓީލިން ޕެރެޑައިޒް" ޑޮކިއުމެންޓަރީ ގައި ވެސް ވަނީ އެ ބޮޑު ކޮރަޕްޝަނާއި ރައީސް ޔާމީނާ ގުޅުމެއްވާ ކަމަށް ބުނެފަ އެވެ.

އެސްއޯއެފްގެ އެކައުންޓަކުން ރައީސް ޔާމީނުގެ މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) އެކައުންޓަކަށް ޖަމާކުރި އެއް މިލިއަން ޑޮލަރުގެ މައްސަލާގައި އެކަނިކުފާނާ ދެކޮޅަށް މަނީ ލޯންޑަރިން މައްސަލައެއް ކޯޓުގައި ދަނީ ކުރިއަށެވެ. އެކަމަކު އެމަނިކުފާނު ވިދާޅުވެފައި ވަނީ އެސްއޯއެފުން ޖަމާކުރި އެ ފައިސާ އަކީ އެމްއެމްޕީއާރްސީން ވަގަށް ނެގި ފައިސާކަން ސާބިތު ނުކުރެވޭނެ ކަމަށެވެ.
ހިޔާލު

ކާޖާ

ފުލުހުންނަށް އެންގީމާ ވީގޮތްވެސް ސާފެވެ. ވެރިޔާ ވަނީ މަގާމުން ވަކިކޮށްފައެވެ.